ސަރުކާރުން ވައުދުވެފައިވާ ކަންކަން ފުއްދަމުން ނުދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމްގެ ހިތުގެ އުދާސްތައް ބަންޑުންކޮށްލައްވައިފިއެވެ.

ފ. ނިލަންދޫ ނަރުދަމާ ނިޒާމުގެ މައްސަލައިގައި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދު ހުށަހެޅުއްވި ގަރާރަކަށް މަޖިލީހުގައި މިއަދު ކުރި ބަހުސްގައި ޝަހީމް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ބޭނުން ވަނީ ތަރައްގީ ކަމަށެވެ. އެ ރައްޔިތުން ބޭނުން ވަނީ އަމިއްލަ ފަސްގަނޑުގައި ހިތްހަމެޖުމާއި އަރާމުގައި ދަރިންނަށް ކިޔަވައިދީގެން އެ ކުދިންނާއެކު އުޅެވޭނެ ގޮތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވީ ދެ ވަނަ ދައުރެއްގެ ވާހަކަ ދައްކަވާ އިރުގައި ފުރަތަމަ ދައުރުގައި ކުރަން ވައުދުވި ކަންކަން ފުރިހަމަ ކުރުމަކީ މުހިންމު ކަމެއް ކަމަށެވެ.

ދަތުރުފަތުރުގެ ނިޒާމެއް ނެތުމުން ފާޑު ވިދާޅުވި!

ވައުދުވެފައި ހުރި ކަންކަން ނުފުއްދި އުޅެނިކޮށް ދެވަނަ ދައުރެއްގެ ވާހަކަ ދެއްކުމަކީ ނުހަނު ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

"ހަމަގައިމު ވެސް ރާއްޖޭގެ ރައްޔިތުން، އަދި ކަނޑިތީމު ދާއިރާގެ ރައްޔިތުން، ހާއްސަކޮށް ބިލެތްފަހި ރައްޔިތުން އެބޭފުޅުން ނުލާހިކު އުންމީދު ކުރަމުން ދިޔައީ ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ގާއިމުވެފައި އޮތުން. ފަސޭހަކަމާއެކު ދަތުރުފަތުރު ކުރެވޭނެ ފަސޭހަ މާހައުލެއް ގާއިމުވެފައި އޮތުން." ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ރާއްޖެ ތަރައްގީ ވެގެން ދާނީ ރަނގަޅު ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމުވެފައި އޮތުމުން ކަމަށެވެ. އެގޮތުން މިއަދު ށ. އަތޮޅުގެ ރައްޔިތުންގެ އިތުރުން ބޮޑު ތިލަދުންމައްޗަށް ޓޫރިޒަމް ދޮންވެ ފައްކާ ނުވަނީ ދަތުރުފަތުރުގެ ނިޒާމު ފަހިވެފައި ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެކަން ހައްލު ކުރުމަށްޓަކައި ދާއިރާގެ ރައްޔިތުން، ބޮޑެތި ތިލަދުންމަތީގެ ރައްޔިތުން ނުހަނު އާދޭހާ އެކުގައި ކޮންމެ ސަރުކާރެއްގައި އެތައް، އެތައް އާދޭހެއް ކުރަމުން ދަނީ. ނުހަނު ފޮނި އުންމީދުގައި ތިބީ ސަރުކާރު އައިސްގެން ދަތުރުފަތުރުގެ ނިޒާމުން ގުޅާލައިގެން ދާއިރުގައި ބިލެތްފަހީގައި ވެސް އެއާޕޯޓެއް އެޅިގެން ރައްޔިތުންނަށް އެ ފޮނި މީރުކަން ލިބިގެން ދާނެ ކަމަށް،" ޝަހީމް ވިދާޅުވިއެވެ.

"ސަރުކާރުގެ މެމްބަރަކަސް، ގޯސް ކަމެއް ރަނގަޅެކޭ ނުބުނެވޭނެ"

ނަމަވެސް މިއަދު ފެންނަނީ ވައުދުވި ކަންކަން ބަހައްޓައި ވައުދު ނުވެ ހުރި އާއިލާގެ ބޭފުޅުންގެ ތަންތަނުގައި އެއާޕޯޓުތައް އެޅިގެންދާ ތަންތަން ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އެ އިޝާރާތް ކުރެއްވީ ރ. އަލިފުށީގައި މި މަހުގެ އަމަލީ މަސައްކަތް ފެށި އެއާޕޯޓު މަޝްރޫއަށެވެ. އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ ރައީސް ސޯލިހްގެ ޅިޔަނެކެވެ.

"ސަރުކާރަށް ނިސްބަތްވާ މަޖިލިސް މެމްބަރަކަށް ވިޔަސް، ގޯސްކޮށް ދާ ކަމެއް އަޅުގަނޑުމެންނަށް ރަނގަޅެކޭ ނުބުނެވޭނެ. ވައުދުވެ، އެ ކަންކަން ނުކޮށް ދެން ބަޖެޓުގައި ވެސް ނެތް ކަންކަމަށް އެ ބޭފުޅުން ދަތުރު ޖެހީމަ، އެ ވާހަކަ އަޅުގަނޑުމެން މަޖިލިހުގައި ދައްކަން ޖެހޭ، އެއަށް ހައްލު ވެސް ހޯދަން ޖެހޭ،" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ ދެވަނަ ދައުރެއްގެ ވާހަކަ ދައްކަވާ އިރުގައި ސަރުކާރުގައި ތިއްބެވި ބޭފުޅުން މިކަންކަމާ މެދުގައި ފުންކޮށް ވިސްނަވަން ޖެހޭ ކަމަށެވެ.

ކޮންމެ ފަސް އަހަރުން އެއް އަހަރު އަންނަ ރައްޔިތުންގެ ބާރަކީ ކުޑަ އެއްޗެއް ނޫން ކަމަށާއި އެއީ ފައިސާކޮޅަކަށް ގަނެވޭނެ އެއްޗެއް ކަމަކަށް ސަރުކާރުގައި ތިއްބެވި ބޭފުޅުން ވިސްނަވައިގެން ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަތަރަސް

    މިރައީސްމީހާ ކަންކަމައްވިސްނައްދެތިންދުވަސްނަގާނޭ މެޑަމްވެސްބުނިދޯ؟ ގަޓްހުރި ރައީސްޔާމީނު ހިޔާފުލެތާއެކު ދެހާސްތޭވީސް ޔާމީނު ކުލިކުދަކުރާނެ ފުލެތްހަދަންދިޔަފައިސާލޮޅުދޭނެ އަދި ގައުމު އަޅުވެތިކަމުން ސަލާމަތްކުރާނެ؟ މިހާރުބައްޖެޓްގާޖެހިފައިސާ ކާރިމީހުންގެދަރިންނަށާ ކުންފުނިތަކައް ބިލިއަން މިލިއަނުންބަހާލާފި؟ އޮތީހުރަގެ ނުވަތަ އަދަގޮޑި؟؟

    46
    3
  2. މަގޭ ހިޔާލު101

    މީ ދެންކާކު؟ މިހާ ވާނުވާ ނޭގޭ އަނގަ ހަޑި ލާދީނީ ވިސްނުމުގެ މީހުން މެމްބަރު ކަމަށް ނުހޮވަމާ.....

    18
    7
  3. ލުލު

    ވިސްނޭ އިރު އޮންނާނީ ވަގުތު ފާއިތުވެފާ

    14
  4. ބުންނއުޅު

    ފެކްޝަންތައް ދޮންވެ ފައްކާވާއިރު އަދި އިންތިހާބު ގާތްވާއިރު ފެންނާނީ މިކަންކަން. ރައްޔިތުންނަށް ތިއްތިދެއްކުން ދެން އޮންނާނެ ކަމަކީ. މާބޮޑަ ރައްޔިތުވުމާއި، ރައްޔިތެއްގެ އިނގިއްޔެއް ރިއްސާލާއިރަށް ނިދޭގޮތް ނުވުންފަދަ ދާދި އެއްގޮތް ކަންތައްތަކެއް ފެންނާނެ

    16
  5. އަބްދޫ

    ދަތުރުފަތުރުގެ ނިޒާމަކީ ތަރައްގީވެވޭނެ ނިޒާމެއްނޫން ތަރައްގީވެވޭނީ ކޮންމެ މީހަކުވެސް ބޭނުންޖެހޭ ވަގުތު ޑޮކްތަރަށް ދައްކާ ބޭނުންވާ ފިހާރަޔަކުން ވިޔަފާރިކޮށް ބޭނުންވާ ހިސާބަކަށް ސައިކަލް ނުވަތަ ކާރުގަ ގޮސް އަމިއްލަޔަށް ހަރަކާތްވެވޭފެންވަރަށް ގައުމުއައުން. ދަތުރު ފަތުރޭ ކިޔާފަ ހޮނިހިރުގަ ދަތުގަރިއްސީމަ ބުރާސްފަތި ދުވަހަށް ދަތުގަ ހިފަހައްޓއްިގެން ހުރުމަކަށް ނުވަތަ މީހަކުގެންގޮސްދެންދެން ދަތުގަ ރިއްސާލަން ހުރުމަށް ތަރައްގީކިޔާތަ ؟ މިހާރުވެސް ރާއްޖޭގެ ކުރާނެ މަސައްކަތެއްނެތިގެން ނިދާލަން ކިތައް ޑޮކްތަރުންކިތައްނަރުހުން ކިތައްކައުނސިލަރުން ކިތައްކައުންސިލް ކިތައް ހޮސްޕިޓަލް ކިތަްްސިއްހިމަރުކަޒުހުރިތޯ ބައްލަވާ.އެއީ މުޅިންވެސް ބޭކާރު ގޮތުގާ ރައްޔިތުންގެ ބަޖެޓުންކުރެވޭ ހަރަދުތައް. ހއ. އަތޮޅު އެއްސަރަހައްދެއް ނުވަތަ ދެސަރަހއްދެންގަ ދިރިއުޅޭގޮތަށް ހަމަޖެހިއްޖެނަމަ ތިމާ ބޭނުންވީމަ އަމިއްލަ ބާރުގަ ގޮސް ބޭނުންވާކަމެއް ކުރެވޭނެ. އަދި މަތީފެންވަރުގަ އެ ސަރަހައްދެއް ތަރައްގިކުރެވޭނެ. މިހާރުވެސް އަތޮޅުތަކަށް ނިސްބަތް ކުރިޔަސް ރަށްރަށުގަ އެތިއްބެވި އެކިދާއިރާތަކަށް ބޭނުންވާވަރަށް ވުރެ އިތުރަށް އެކިމަގާމަތަކުގާ މީހުން ތަރައްގިއަށް ހަރަދުކުރަންފައިސާ ނުހުންނަނީ މިހެންވެ،

  6. ހުސެން ރަޝީދު

    އެހެން ވެގެން ތާ މި މީހާ ޗެއަރޕާސަން އިންތިޚާބުގައި ފައްޔާޒު ފަހަތުން ނުނެއްޓިގެން އުޅުނީ

  7. އަލިބެ

    ރ.އަލަފުށްޓަކީ އެއަރޕޯޓެއް އަޅަންޖެހޭތަނެއްތޯއެވެ؟ އެއަރޕޯޓުން ދަތުރުކުރާނީ ކިތައްމީހުންތޯ؟ ރ.އަތޮޅު އުތުރުގައި މިހާރުވެސް އެއަރޕޯޓެއް އިފުރުގައި އެބައޮތެވެ. ރ.އަތޮޅު ދެކުނުގައި 12 ރިސޯޓް މިހާރުވެސް އޮޕަރޭޓްކުރެއެވެ. އެހުރިހާ ގެސްޓުން މިހާރުވެސް ގެންނަނީ ބ.އަތޮޅު އެއަރޕޯޓުންނެވެ. އަދި މީހުން ދިރިއުޅޭ އެތަށް ރަށެއް މިސަރަޙައްދުގައި އެބައޮތެވެ. ގާތްގަނޑަކަށް 12000 މީހުން މިސަޙައްދުގައި (ދިވެހިންވެސް) އެބައުޅެއެވެ. އެހެންކަމުން މިއަށްވުރެ ވަކިން އެއަރޕޯޓެއް ގެއްލުންނުވެ ހިންގޭނެ ސަރަޙައްދެއް އޮތްކަމަކަށް ނުފެނެއެވެ.