ކިނބިދޫ ގެއެއްގެ ސިޓިންގ ރޫމުގައި ހުރި މޭޒެއްގެ މަތީގައި ބާއްވާފައި އޮތް ޗެކެއް ބޭނުން ކޮށްގެން 5،000 ރުފިޔާ ވަގަށް ނެގި މީހަކު ތިން މަސް ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކ. މާލެ/ މ. ވައިޓްފިޝް، އިބްރާހިމް ޝަރީފްގެ މައްޗަށް ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައިވާއިރު، މި ވައްކަމަކީ އޭނާ 2018 ވަނަ އަހަރު ކޮށްފައިވާ ވައްކަމެކެވެ.

މި މައްސަލައާއި ގުޅިގެން ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވަނީ ޤާނޫނު ނަންބަރު 9/2014 ގެ 211 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ، އެ ޤާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ 4 ވަނަ ނަންބަރުގެ ދަށުން ވައްކަން ކުރުމުގެ ކުށުގެ ދައުވާއެވެ.

މިމައްސަލައިގެ އިބްތިދާއީ އަޑު އެހުމުގައި ދައުލަތުން ވަނީ އޭނާގެ މައްޗަށް ދައުވާ އިއްވައި އެކުށުގެ އަދަބަކީ ކޮބައިކަން ސާފުކޮށްދީފައެވެ. ދައުވާއަށް ޖަވާބުދާރީ ވަމުން ޝަރީފް ވަނީ އޭނާ ކުރި ކުށަށް އިއުތިރާފުވެފައެވެ.

ދައުލަތުން ބުނެފައިވަނީ އެކުށުގެ އަސާސީ އަދަބަކީ ހަތަރު މަހާއި 24 ދުވަސް ކަމަށާއި ނަމަވެސް އަވަސް ނިޔާގެ މަޖިލީހުގައި ޝަރީފް ކުށަށް އިއުތިރާފުވެފައިވާތީ ކުށުގެ އަސާސީ އަދަބުން އެއް ދަރަޖަ ދަށްވާނެ ކަމަށެވެ.

ދައިލަތުން ކޮށްފައިވާ އެ ދައުވާއަށް ބަލައި މިމައްސަލަ ބެއްލެވި ގާޟީ އަލީ އާދަމް ވަނީ އޭނާ ކުށަށް އިއުތިރާފުވެފައިވާތީ ވައްކަން ކުރުމުގެ ކުށުން އޭނާ ކުށްވެރިވެއްޖެ ކަމަށް ކަނޑައަޅައި އޭނާ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުސޭނުބޭ

    މާ މަދު ނެގިލެއް. 10000 ނެގިނަމަ 2 މަހުގެ ޙުކުމަކަށް ބަދަލުވާނެ. 20000 ނެގިނަމަ 1 މަހު ހުލުމަކަށް ބަދަލުވާނެ. 50000 ނަމަ 15 ދުވަހުގެ ޙުކުމެއް......... ދިހަ ބާރަ މިލިއަން ނަމަ ހުދުކާފޫރަށް ވާނެ. އެއްވެސް ކުށެއް ނުފެންނާނެ.

  2. މެޖިސްޓްރޭޓް

    4 މަސް ވަގަށް ނެގީމަ 4 މަހަށް ޖަލަށް، މީ އަޅެ ޖޯކެއްތަ

  3. ރަން

    ދައުލައް ލޫޓް ވި މީހުން ސަރުކާރު ހަރަދުގައި އުމުރު ދުވަހު ޗުއްޓީގައި
    މީވާ ގައުމެއް ހުވާ!!!