ގދ. ތިނަދޫ ގެެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރޯވެފައި ވަނީ އެރަށު ކަރަންކާ މަގުގައި ހުންނަ ގެއެއްގެ ކޮޓަރީގައެވެ.

ތިނަދޫ އިން " ވަގުތަށް" މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި އެ ގޭގެ ކޮޓަރީގައި އަލިފާން ރޯވެފައި ވަނީ މިއަދު މެންދުރު 12:45 ހާއިރު އެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް ނުލިބެ އެވެ. ނަމަވެސް ކޮޓަރީގެ ބައެއް ތަކެއްޗަށް ވަނީ ގެއްލުންވެފައި ކަމަށް އެ މީހާ ކިޔާދިނެވެ.

އެ ކޮޓަރީގައި އަލިފާން ރޯވެފައި ވަނީ ސިގެރޭޓް ބުރިއަކުން ކަމަށާއި ރޯވެފައި ވަނީ ދެ ގޮނދަޑިއާއި ބާލީހުގައި ކަމަށް އެ މީހާ ކިޔާދިނެވެ.

ތިނަދޫގައި ގާއިމްވެ ތިބޭ ސިފައިންގެ ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން ވަނީ އެ އަލިފާންގަނޑު މިހާރު ނިއްވާލާފައެވެ.