ފަތުވާ ދޭ މަޖިލީހުގައި އަދާލަތު ޕާޓީގެ އިސް ބޭފުޅުން ނުހިމަނަން އިދިކޮޅަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.

ޝިޔާމް އެގޮތަށް ގޮވާލެއްވީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުން އަވަސް ކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި މައްސަލައަށް ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ބުރާސްފަތި ދުވަހުގެ ޖަލްސާގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.

ޝިޔާމް ވަނީ އަދާލާތު ޕާޓީގެ ބޭފުޅަކު ފަތުވާ މަޖިލީހުގައި ނުހިމަނަން ގޮވާލައްވައި އޭގެ ސަބަބު ވެސް ހާމަ ކޮށްދެއްވައިފައެވެ.

އެގޮތުން ޝިޔާމް ވިދާޅުވީ، ސަރުކާރުން ދީނީ ކަންތައްތަކަށް ފަރުވާ ކުޑަކޮށްގެން އުޅެނީ ވެސް އަދާލަތު ޕާޓީ ސަރުކާރުގައި ހިމެނޭތީ ކަމަށެވެ.

ޝިޔާމް ވިދާޅުވީ، އިސްލާމް ދީނުގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް އަދާލަތު ޕާޓީގެ އަސާސްތަކުގެ ތެރޭގައި އޮތަސް އެ ޕާޓީގެ ބޭފުޅުންނާއި ހާއްސަކޮށް އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަމަލުތައް ހުންނަނީ އެ އަސާސްތަކާ އެއްގޮތަށް ނޫން ކަން އެންމެންނަށް ވެސް އެނގޭ ކަމަށެވެ.

"އެހެންވީމާ ދީނީ ފަތުވާ ދޭ މަޖިލީހުގައި އަދާލަތުގޭ ބޭފުޅުން ހާއްސަކޮށް އިސްކޮށް އުޅުއްވާ ބޭފުޅުން، ދީނީ ތާޖު އަޅުއްވައިގެން އުޅުއްވާ ބޭފުޅުން މި މަޖިލީހުގައި ހިމެނޭ ގޮތަށް އަދި އެއިން އެއްވެސް ބޭފުޅަަށް މި މަޖިލީހަށް ނުފޫޒު ނުފޯރުވޭ ގޮތަށް އޮތުމަކީ ވަަރަށް މުހިންމުކަމެއް ކަމަށް އަޅުގަނޑު ދެކެން" ޝިޔާމް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް މެންބަރުން އައްޔަން ކުރައްވާފައެއް ނުވެއެވެ. މިހާރު އެމަޖިލީހުގައި އިންނެވީ އެންމެ މެންބަރެކެވެ. އެއީ ފަޟީލަތުލް އުސްތާޛުއްޝައިޚް ޑރ. މުޙައްމަދު ރަޝީދު އިބްރާހިމް އެވެ. އޭނާ ވެސް މެންބަރުކަމަށް އައްޔަން ކުރެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުންނެވެ. ޔާމީންގެ ސަރުކާރުން އައްޔަން ކުރެއްވި އެހެން މެންބަރުން ވަނީ މިހާރު މަގާމުގެ މުއްދަތު ހަމަކުރައްވާ މެންބަރު ކަމުން ވަކިވެފައެވެ.

ފަތުވާ މަޖިލިސް ހަރަކާތްތެރިނުވާތީ މީގެ ކުރިން ވެސް ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުހައްމަދު

    ތާއީދު ކުރައް

  2. Anonymous

    ބައްލަވާ ޝީޔާމް އަދާލަތް ޕާޓީ ދީނީ ޕާޓީ އަކަށް ހެއްދެވީތޯ ބަލަ އެއީވެސް ސިޔާސީ ޕާޓީއެއް، ކޮންމެ ޕާޓީ އަކީވެސް ދީން ހިމާޔަތް ކުރާ ޕާޓީ ނުންތޯ ވަކި ޕާޓީއެއްގެ ބޮލުގައި ހަމަ އެކަނި ދީން ހިމާޔަތްކުރަން ތިޔައަޅުވަނީ ކީއްވެތޯ ؟