ބައި އިލެކްޝަންތައް މިހާރު ކުރިއަށް ގެންދާ އުސޫލުތައް ބަދަލުކުރަން ހުށަހެޅި އިސްލާހުތައް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފިއެވެ.

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ހުށަހެޅުއްވި ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލްގެ އިންތިހާބުތައް ބޭއްވުމުގެ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ދެ ބިލުގެ އިބްތިދާއީ ބަހުސް ނަންމައި އެ ބިލު އިތުރަށް ދިރާސާކުުރަށް ކޮމިޓީއަށް ފޮނުވަން މަޖިލީހުގެ ތަޅުމުން މިއަދު ވަނީ ނިންމައިފައެވެ.

އޭގެ ތެރެއިން ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަ ބިލު ބަލައިގަތީ 58 މެމްބަރުންގެ ވޯޓާއެކު އެވެ. އަދި ލޯކަލް ކައުންސިލްތަކާ ބެހޭ ބިލު ބަލައިގަތީ 58 މެމްބަރުންގެ ވޯޓާއެކު އެވެ.

އެއާއެކު ދެ ބިލު އިތުރަށް ދިރާސާ ކުރަން ލާމަރުކަޒީ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.

ޝަފީގު ހުށަހެޅުއްވި އިސްލާހުގައިވާ ގޮތުން ކައުންސިލްގެ އުމުރުގައި ބާކީ އޮތީ އަހަރަކަށް ވުރެ މަދު ދުވަސްކޮޅެއްނަމަ، ބައި-އިލެކްޝަނެއް ބޭއްވުން ލާޒިމް ނުވާ ގޮތަށް އޮތީ އިސްލާހު ހުށަހަޅައިފަ އެވެ. މި އިސްލާހް ފާސްވެއްޖެ ނަމަ ބައި އިލެކްޝަންތައް ބޭއްވުން މަދު ވެގެންދާނެ އެެވެ.

މިހާރު ގާނޫނު އޮންނަ ގޮތުން މި އަހަރު ވެސް ބައި އިލެކްޝަންގެ 50 އިންތިހާބު ބާއްވަން ޖެހިދާނެ ކަމަށް އިލެކްޝާންސް ކޮމިޝާނުން ވަނީ ބުނެފަ އެވެ. ނަމަވެސް އެވަރަށް އިންތިހާބު ބާއްވަން ބޭނުންވާ ވަރާ ގާތަށް ވެސް ފައިސާ ނެތް ކަމަށް އިލެކްޝަނުން ބުނެއެވެ.