އައްޑޫ ސިޓީ ހުޅުދޫ ފުލުހުންގެ އިދާރާއެއްގެ ތެރޭގައި ފުލުހުން އަންހެނަކަށް އަނިޔާ ކުރި ކަމަށް ބުނެ މީސްމީޑިއާގައި ދެކެވޭ ވާހަކަތަކުގެ ހަގީގަތް "ވަގުތުއަށް" އެނގިއްޖެއެވެ.

މީސްމީޑިއާގައި އިއްޔެ އެންމެ ހަލުވި ކަމާއި އެކީ ފެތުރިގެން ގޮސްފައިވަނީ ފުލުހުންގެ އިދާރާއިން އަންހެނަކު އަނިޔާވެރި ގޮތަކަށް ބޭރު ކުރާ މަންޒަރު ފެންނަ ވީޑިއޯއެކެވެ.

މިކަމާއި ގުޅިގެން އެކި ގޮތްގޮތަށް މީހުން ވާހަކަ ދައްކަމުން އަންނައިރު، ވީޑިއޯއިން ފެންނަ ފާތިމަތު ސާއިރާ ބުނެފައިވަނީ އޭނާ ފުލުހުންގެ އިދާރާއަށް ދިޔައީ އޭނާގެ ކޮލީގެއް ކަމަށްވާ އަމީން ހައްޔަރު ކުރުމުން ދޫކުރުވަން ވެގެން ކަމަށެވެ. ނަމަވެސް އެތަނަށް ވަނުމުން ބާރުގެ ބޭނުން ނުހައްގު ގޮތުގައި ބޭނުންކޮށް ބިންމައްޗަށް ވައްޓައި އަނިޔާ ކުރި ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިމައްސަލައިގައި ހިމެނޭ އަމީން ހައްޔަރު ކުރި ކަމަށް ސާއިރާ ބުނި ނަމަވެސް "ވަގުތު" އަށް ކަށަވަރުވެފައިވާ ގޮތުގައި ފުލުހުން އޭނާ ހައްޔަރު ކޮށްފައެއް ނުވެއެވެ. ފުލުހުން އަމީން ސްޓޭޝަނަށް ގެންގޮސްފައިވަނީ އޭނާގެ ހަރަކާތްތައް ހުރިގޮތުން އޭނާގެ މައުލޫމާތު ހޯދުމަށް ހުއްޓުވުމުން އެހެން އަންހެނަކު އެތަނަށް އައިސް ހަމަނުޖެހުން ހިންގާ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް އެއްބާރުލުން ނުދިނުމުންނެވެ.

ޖިނާއީ އިޖުރާތުގެ 39 ވަނަ މާއްދާގެ (ހ)ގެ 2 ވަނަ ނަންބަރުގެ ދަށުން، މީހެއްގެ އަމަލު ހުންނަ ގޮތުން ފުލުހުންނަށް އެމީހަކު ހުއްޓުވައި އެމީހެއްގެ މައުލޫމާތު ހޯދުމުގެ ބާރު ލިބިގެންވާއިރު، ފުލުހުންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އަމީން އާއި ސުވާލު ކޮށްފައިވަނީ އެވަގުތު އޭނާ މަސްތުގެ ހާލަތުގައި ހުރި ކަމަށް ބެލެވިގެންނެވެ.

މައުލުމާތު ލިބިފައިވާ ގޮތުގައި ސާއިރާ ފުލުހުންގެ އިދާރާއަށް ގޮސްފައިވަނީ އަމީން އެތަނަށް ގެންގޮސްފައި ހުއްޓާއެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުން ސާއިރާ ވަނީ ފުލުހުންގެ އިދާރާއަށް ވަދެ ފުލުހުންނާއި ކުރިމަތިލާން ހަމަނުޖެހުން ހިންގާފައެވެ.

އަދި އޭނާ ފުލުހުންނާއި ކުރިމަތިލާން ފެށުމުން ފުލުހުން އޭނާ ސްޓޭޝަނުން ބޭރަށް ގެންދަން އުޅުމުން ފުލުހެއްގެ ގައިގައި ކޮޅުފައިން ޖެހި ކަމަށް ވެސް މަންޒަރު ދުށް މީހާ ވަނީ ބުނެފައެވެ.

"ސާއިރާ އެއީ އަސްލު މިކަމާއި ގުޅުން ހުރި މީހެއް ވެސް ނޫން. ފުލުހުން އަމީން ސްޓޭޝަނަށް ގެންދިއުމުން ސާއިރާ އެތަނަށް އައިސް ފުލުހުން ވާޖިބަށް ހުރަސް އަޅަން ފެށީ. ފުލުހުން އަމީން ގެންދިޔައީ ހައްޔަރަކަށް ނޫން. މައުލޫމާތު ސާފުކޮށްފައި ދޫކޮށްލާ ގޮތަށް ގެންދިޔައީ. އެއީ ޖިނާއީ އިޖުރާތުގެ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ކުރެވޭނެ ކަމެއް. ސީންގައި ވެސް ސާއިރާ ވަނީ އަމީން ކައިރީ މައުލޫމާތު ނުދީ ފިލުމަށް ބުނެފައި. ސްޓޭޝަނަށް އަމީން ގެންގޮސް މައުލޫމާތު ނަގައި ދޫކޮށްލަން ލިޔެކިޔުން ތައްޔާރު ކުރަން ހުއްޓާ ސާއިރާ އައިސް އަޑު ލަވައިގަތީ" މަންޒަރު ދުށް މީހާ ބުންޏެވެ.

ރައީސް ނަޝީދަށް ހަމަލާދިން މައްސަލާގައި މިއަދު ފުލުހުން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ސީޕީ ހަމީދު:- ވަގުތު އިމޭޖަސް- އަހްމަދު ޖައިޝަމް

އޭނާ ބުނި ގޮތުގައި ސާއިރާއާއި ގުޅުން ވެސް ނެތް މައްސަލައެއްގައި އޭނާ ވަނީ ފުލުހުންގެ އިދާރާއަށް ވަދެ، ފުލުހުންގެ ވާޖިބު އަދާ ކުރުމަށް ހުރަސް އެޅުމުގެ އިތުރުން ސްޓޭޝަނުގެ މުދަލަށް ވެސް ގެއްލުން ދީފައެވެ.

އޭނާ ބުނީ، ސާއިރާ އެތަނަށް ވަދެ އެންމެ ފުރަތަމަ ވެސް މަސައްކަތް ފެށީ އަޑުގަދަ ކުރަން ކަމަށެވެ. އޭނާ އަޑު ގަދަ ކުރަން ފެށުމާއި އެކީ ސްޓޭޝަނުން ބޭރު ކުރަން އުޅުމުން އަންހެން ފުލުހެއްގެ ގައިގައި ކޮޅު ފައިން ޖަހައި ދެކޮޅު ހެދި ކަމަށް ވެސް ފުލުސް މީހާ ވަނީ ބުނެފައެވެ.

މީސްމީޑިއާގައި ދައުރުވި ވީޑިއޯއާއި ގުޅިގެން ގިނަ ބައެއްގެ ސަމާލުކަން މިހާދިސާއަށް ލިބިފައިވާއިރު، ބައެއް ފަރާތްތަކުން އަންނަނީ ހުޅުދޫ ފުލުހުންގެ އިދާރާ ކައިރިއަށް އެއްވެ މުޒާހަރާ ކުރާނެ ކަމުގެ އިންޒާރު ވެސް ދެމުންނެވެ.

އެމްޑީޕީ އެކްޓިވިސްޓަކު މިފަދަ ކަމެއް ކޮށް، ފުލުހުން ބަދުނާމުކޮށް ވާހަކަ ދައްކަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ އެކަމާއި ނުރުހުން ފާޅު ކުރަމުންނެވެ. އަދި ސާއިރާގެ ވާހަކަތައް ގަބޫލު ކުރަން ދަތިވާ އެއް ސަބަބަކީ މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ހަމަނުޖެހުން ހިންގާފައިވާތީ ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙުސެންބެ

    ތީ އައު ކަމެއްނޫންއަބަދުވެސް އެވެރިން ކަންކުރާގޮތް ސަބަބަކީ އެކުދިންނާއި ދޭތެރޭ ފިޔަވަޅުއަޅަން ކެޜޭ ވެރިން އެތާކުނެތުން.. ކޮންމެވެސްކަމެއްވެގެން ދެއްތޯ!!!

  2. މުޙައްމަދު

    އަމިއްލައަށް ބޭނިގަތް މީހެއް ތީ. ކޮންމެ ގޮތަކަށްވިޔަސް ބޭރުކުރަންޖެހޭ. ތިމާ ނެތް ފެންވަރުން ގަޓްވާން އުޅުނީމަ ވާގޮތް. ހަމަނުޖެހުން ހިންގަން ދިޔައީމަ ހަމަނުޖެހުން އުފެދުނީ. މައްސަލައެއްނޫން އެއީ. ސަރުކާރުއެއްވެސް މުއައްޞަސާ އަކަށް ވަދެ ހައިޖާން ހެދިގެން ނުވާނެ.