ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމް ކޮށްގެން ބާއްވާ ދިވެހި ޕްރިމިއާ ލީގުގެ ސައުތު ކޮލިފިކޭޝަން މުބާރާތުގެ މެއިން ސްޕޮންސަރަކަށް ސްޓޭޑް ޓްރޭނިން އޯގަނައިޒޭޝަން (އެސްޓީއޯ) ހަމަޖައްސައިފިއެވެ.

އެފްއޭއެމުން ދިވެހި ފުޓުބޯޅައަށް ގެނައި އިންގިލާބީ ބަދަލާއެކު އެ އެސޯސިއޭޝަނުން ވަނީ ޕްރިމިއާ ލީގުގައި ފަސްޓް ޑިވިޝަންގެ ޓީމުތަކުގެ އިތުރުން ރާއްޖޭގެ ރަށްތަކުގެ ޓީމުތަކަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ދީފައެވެ.

ދިވެހި ޕްރިމިއާ ލީގު 2023-2024 އިން ފެށިގެން ކުރިއަށް ދާނީ ޖުމުލަ 12 ޓީމާ އެކު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގަ އެވެ. ދިވެހި ޕްރިމިއާ ލީގު ފުރަތަމަ އަހަރު ފަށާނީ މިހާރު ވެސް ޕްރިމިއާ ލީގުގައި އޮތް އަށް ޓީމާ އެކު އެވެ. އެފްއޭއެމުން ވަނީ އެ އަހަރުގެ ލީގުގެ ބާކީ ހަތަރު ޖާގަ އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނާނެ ގޮތް އާންމު ކޮށްފަ އެވެ. އެގޮތުން މުޅި ރާއްޖެ ބަހާލަނީ ހަތަރު ޑިވިޝަނަށެވެ.

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވުމުގައި ޒޯންތައް ބެހިފައިވާ ގޮތް

ޒޯން 1: ހއ, ހދ, ށ، ނ، ރ

ޒޯން 2: ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ

ޒޯން 3: ތ، ލ، ގއ، ގދ، ޏ، ސ

ޒޯން 4: ގްރޭޓާ މާލެ އޭރިއާ

ކޮންމެ ޒޯނެއްގައި ހަތަރު ޑިވިޝަން އޮންނާނެ އެވެ. ދިވެހި ޕްރިމިއާ ލީގުގެ އަނެއް ހަތަރު ޖާގަ 2023 ގައި ލިބޭނީ ކޮންމެ ޒޯނެއްގައި ވެސް ހިމެނޭ ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަން ޓީމަށެވެ. ޒޯން ހަތަރެއް ނުވަތަ ގްރޭޓާ މާލެ އޭރިއާ އިން 2022 ގެ ދެ ވނަ ޑިވިޝަން ޗެމްޕިއަން ޓީމު ދިވެހި ޕްރިމިއާ ލީގު ހޯމް އެންޑް އަވޭ އުސޫލުން ފުރަތަމަ ފަހަރަށް ކުޅޭ ލީގަށް ކޮލިފައި ވާނެ އެވެ.

އެސްޓީއޯ އިން ސްޕޮންސާ ދީފައިވަނީ ސައުތު ލީގަށް ކަމަށްވާއިރު މި މުބާރާތް ކުރިއަށް ދާނީ އަންނަ ޑިސެމްބަރު މަހުގެ 4 ވަނަ ދުވަހުން ފެށިގެން 27 ޖުލައި 2023 ގެ ނިޔަލަށެވެ.

އެސްޓީއޯ އިން އަންނަނީ މި މިބާރާތުގެ އިތުރުން ރާއްޖޭގައި ބާއްވާ ބޮޑެތި މުބާރާތް ތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެކި ފަހަރު މަތިން މިނިވަން ޗެމްޕިއަންޝިޕްގެ މެއިން ސްޕޮންސާގެ ގޮތުގައި މި ކުންފުނިން ހަރަކާތްތެރި ވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބަރަވެލި

    އެފްއޭއެމުން ފުރަތަމަ ފައިސާދެން ހުރި ފަރާތް ތަކައް ފައިސާ ދީބަލަ އޭގެފަހުން މުބާރާތްތައް ބާއްވަބަލަ