ޅ. ނައިފަރުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށްޓަކައި ސަރުކާރުން އެރަށުގައި އެޅި 100 ޔުނިޓްތަކަށް ދިމާވެފައިވާ މައްސަަލަތަކާއި ގުޅިގެން ހައުސިންގ މިނިސްޓްރީ އާއި އެރަށު ކައުންސިލާއި ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލު ކުރަން ފަށައިފިއެެވެ.

އެރަށުގައި ހައުސިން ޔުނިޓް ގާއިމްކޮށް އެ މަސައްކަތް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) ނަމަކަށް ކިޔާ ކުންފުންޏާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2020 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުއެވެ. އެ ނިންމާ ހައުސިން ޔުނިޓްތައް ހައުސިންގ މިނިސްޓްރީ އާ ހަވާލުކޮށްފައި ވަނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

ފްލެޓްތައް ލިބުމުން ރައްޔިތުން ފޮނި އުންމީދެއްގައި ތިބިއިރު، ފްލެޓްތަަކަށް ބޭނުންވާނެ ފަރުނީޗަރާއި އެހެނިހެން މުދާތައް ވައްދަން ފެށިއެވެ. ނަމަވެސް ވިއްސަާރަ މޫސުމާއެކު، އެ ފްލެޓްތަކުގެ ސީލިންގުންނާއި ކުޑަދޮރުން ފެންވަދެ ފްލެޓްތަކުގެ ތެރޭގައި ހުރި ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދިޔައެވެ.

މި ނޫން ވެސް އެތައް މައްސަލަތަކެއްގެ ވާހަކަ ފަހުން ފެންމަތިވިއެވެ.

އެގޮތުން އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލައަކީ އެތަނަށް ސަޕްލައި ފެން ނުލިބުމެވެ. ނައިފަރުގެ ބިންކޮޅު ކުޑަ ނަމަވެސް ދިރިއުޅެމުންދާ އާބާދީ އިތުރުވުމުގެ ސަބަބުން އެރަށުގެ ރީތި ފެން ހުސްވެ ލިބެމުން ދަނީ ލޮނު ފެނެވެ. ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުންވެސް ބޭނުންކުރަން ޖެހެނީ އެފެނަށް ވުމުން އެމީހުންގެ ޝަކުވާ އެތައް ގުނައަކަށް ބޮޑުވެގެން ދިޔައެވެ.

މިފަދަ އެތައް މައްސަލައެއް ދިމާވަމުން ދިޔަ ނަމަވެސް އެތަނުގައި ދިރިއުޅެމުން އަންނަ ރައްޔިތުންގެ އަތުން ނަގަމުން އަންނަ ކުއްޔަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. މަސައްކަތް ނިންމާ އެއް އަހަރު ދުވަހުގެ މުއްދަތުގެ ތެރޭގައި ދިމާވާ މައްސަލަ ހައްލުކުރުމަށް އާރުސީސީއާއި ހަވާލުކުރުމުން ދެންވެސް ކޮށްފައި ވަނީ ބޭކާރު މަސައްކަތްތަކެއް ކަމަށް އެރަށުގެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.

ނައިފަރުގެ ފްލެޓް ދިރިއުޅުން ބޮޑު ވޭނަކަށް!

ރައްޔިތުންގެ ކަންބޮޑުވުންތައް އިންތިހާއަށް ދިއުމާއި ގުޅިގެން ހައުސިންގ މިނިސްޓްރީން ވަނީ ނޫސްބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ވަނީ، ނައިފަރުގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓްތަކަށް ދިމާވެފައިވާ "މައްސަލައަށް ހައްލެއް ނުލިބި ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ބުނެ ހަޤީގަތް އޮޅޭގޮތަށް" ބައެއް ފަރާތްތަކުން ވާހަކަތަކެއް ދައްކަމުން އަންނަ ކަމަށް ބުނެފައެވެ.

ހައުސިންގ މިނިސްޓްރީގެ ބަޔާނުގައިވާގޮތުން މި ފްލެޓްތަކުގައި މައްސަލަތަކެއް ހުރި ކަމަށް ނައިފަރު ކައުންސިލުން އެ މިނިސްޓްރީއަށް އަންގާފައި ވަނީ މިއަހަރުގެ މޭމަހުގެ 19 ވަނަ ދުވަހުއެވެ. އެކަން އެންގުމުން މިނިސްޓްރީން މަސައްކަތް ހަވާލުކުރި އާރުސީސީއާއެކު މަޝްވަރާކުރުމަށް ފަހު "ޑިފެކްޓްސް ލަޔަބިލިޓީ ޕީރިއަޑް"ގެ ތެރެއިން އެ މައްސަލަ ހައްލުކުރުމަށް އާރުސީސީގެ ޓީމެއް އެރަށަށް ގޮސްފައި ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. ދެ ދުވަހުގެ ތެރޭގައި މައްސަލަތައް ހައްލުކުރުމަށް ކުރަން ހުރިި މަސައްކަތްތަކުގެ ތާވަލެއް އެކުލަވާލާ އަމަލީ މަސައްކަތް ފެށި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓްރީން އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި އެ މަސައްކަތްތައް ނިންމާ އާރުސީސީން ވަނީ ކައުންސިލްގެ އެޕްރޫވަލް ހޯދާފައެވެ. އިތުރު އެއްވެސް މައްސަލައެއް ހުރި ކަމަށް ކައުންސިލުންވެސް ނުވަތަ އެއްވެސް އަމިއްލަ ފަރާތަކުން ވެސް އެ މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށް ވެސް އެބަޔާނުގައި ބުނެފައެވެ.

މިކަމާއި ގުޅިގެން ނައިފަރު ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ވަނީ ހައުސިން މިނިސްޓްރީގެ ބަޔާނުގައި މައުލޫމާތުތައް ހިމަނާފައި ވަނީ ހަގީގަތް އޮޅޭ ގޮތަށް ކަމަށެވެ. އެބަޔާނުގައި ބުނެފައިވާގޮތުން ހައުސިން މިނިސްޓްރީން އެ އިދާރާއާއެކު އެއްބަސްވެފައި ވަނީ އެތަނުގެ ޔުޓިލިޓީ ފީތައް ދެއްކުމުގެ ޒިންމާ އާއި ހައުސިންގ ޔުނިޓްތަކުގެ އާންމު ތަންތަން ބެލެހެއްޓުމަށެވެ. އެހެން ނަމަވެސް ހައުސިން ޔުނިޓްތަކުގެ ދިރިއުޅޭ ތަންތަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި ނުވާކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ކައުންސިލް އިދާރާއިން ބުނާގޮތުގައި، ހައުސިން ޔުނިޓްތަކުގައި ދިރިއުޅުމަށް ދޫކުރެވުނު ބައިތަކަކީ ސީދާ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ތަންތަނެވެ. އެތަންތަނުގައި ހުރި މައްސަލަތައް ހައުސިން ޔުނިޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން މިނިސްޓްރީއަށް ހުށަހެޅުމުން އެކަންކަން ހައްލު ކޮށްދޭނެ ކަމަށް އަންގާ އާރުސީސީގެ ޓީމެއް ފޮނުވާ ބައެއް މަރާމާތުތައްވެސް ކުރި ކަމަށާއި، ނަމަވެސް އެކަމުން އެދެވިގެންވާ ހައްލެއް ލިބިފައި ނުވާކަމަށް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ ކައުންސިލުން ތަކުރާރުކޮށް އީ-މެއިލްގެ ޒަރިއްޔާއިންނާއި، ފޯނުން ގުޅައިގެން އަދި ވީޑިއޯ އާއި ފޮޓޯވެސް ހިއްސާކޮށްގެން މިނިސްޓްރީއަށް ހުށަހެޅިކަމަށް ބުނެ ކައުންސިލުން ވަނީ އާރުސީސީއިން މަރާމާތުކުުރި ފަހުން އެއްވެސް ޝަކުވާއެއް ކައުންސިލުން މިނިސްޓްރީއަށް ހުށަހަޅާފައި ނުވާކަމަށް ބުނެފައިވާ ވާހަކަ ދޮގުކޮށްފައެވެ.

"ސީލިންގ ތެރެއަށް ފެން ފޭބުމާއި، ފާރުން ފެން ލީކުުވުން ކުޑަދޮރުން ފެން ވެއްދުން ފަދަ ކަންކަމަކީ ހައުސިން ޔުނިޓްތައް ހަވާލުކުރެވިގެން ދިޔަ އިރުވެސް ލިބެމުން ދިޔަ ޝަކުވާއެކެވެ. މިއަދާ ހަމައަށްވެސް ހައްލުވެފައި ނުވާ ބޮޑު މައްސަލަތަކެކެވެ." އެ ކައުންސިލުން ނެެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މި މައްސަލަތައް ހައްލުކުރަން ޖެހޭ ފަރާތަކީ ކޮންޓްރެކްޓަރުކަމަށް މިނިސްޓްރީގެ ބަޔާނުގައިވެސް ފާހަގަކޮށްފައިވާއިރު، އަދި އެކަން ހައްލުކުރަން އެންގޭނީވެސް މިނިސްޓްރީއަށްކަން އެބަޔާނުގައި ބުނެފައި ވެއެވެ.

އަދި މި މައްސަލާގައި އެއްވެސް މުއާމަލާތެއް ކޮންޓްރެކްޓަރާ ކުރުމުގެ ހައިސިއްޔަތެއް އެކައުންސިލަށް ލިބިގެން ނުވާކަންވެސް ފާހަގަކޮށްފައި ވެއެވެ.

ފްލެޓްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް އެތަންތަނަށް ސާފް ބޯފެން ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް ތަކުރާރުކޮށް އެކި ގޮތްގޮތުން އެދިފައިވާނެ ކަމަަށް ކައުންސިލުން ބުނެފައިވާއިރު، އެކަންކަން ހައްލުުކުރުމުގެ ބަދަލުގައި ކައުންސިލް ބަދުނާމުވާގޮތަށް ބަޔާންތައް ނެރުމަކީ އެކަމުން ރެކިގަތުމަށް މިނިސްޓްރީން ކުރާކަމެއް ގޮތުގައި ކައުންސިލުން ވަނީ ތުހުމަތުކޮށްފައެވެ.

މީގެ އިތުރުން ހައުސިން ޔުނިޓްތަކުގެ މެއިންޓަނަންސް ބެލެހެއްޓުމަށްވެސް އަމިއްލަ ފަރާތަކާއި ހަވާލުކުރެވިފައި ވީނަމަވެސް އެކަންކަން ހަވާލުކުރެވިފައިވާ ފަރާތަށް ދޭން ޖެހޭ ފައިސާ މިނިސްޓްރީން އެކައުންސިލަށް ދީފައި ނުވާކަމަށް ވެސް އެބަޔާނުގައި ވެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    މެއިންޓެނެންސް ފީ އެޗް،ޑީ،ސީ އެކައުންޓަށް. މެއިންޓެނެންސް ކުރަންވީ ކައުންސިލް. ސަޅި އިނގޭ. މެއިންޓެނެންސް ފީ އެޗް،ޑީ،ސީ އެކައުންޓަށް ޖަމާކުރުން ހުއްޓާލަން ފްލެޓްތަކުގެ ވެރިންނަށް ގޮވާލަން.