ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއުގެ %50 މަސައްކަތް ފުރިހަމަކުރެވިފައިވާކަން އެ މަޝްރޫއުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނެފިއެވެ.

އެމްޓިސީސީން މިއަދު ބުނެފައިވާގޮތުގައި، އެ ދެ މަސައްކަތުގެ ބޮޑުބައި ނިމިފައިވާއިރު، މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ވަނީ ގެންގޮސްފައެވެ.

މީގެ އިތުރުން އެއްގަމު ތޮށީގެ ބްލޮކް ޖެހުމުގެ މަސައްކަތް ނިންމާލާފައި ވެއެވެ.

އެމްޓީސީސީން ބުނީ، ސައިޓުގައި މިހާރު ކުރިއަށްދަަނީ ބޭރު ތޮށީގެ ކޮންކްރީޓް މަސައްކަތާއި، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 616 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 185 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 326 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 4320 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 74.8 މިލިއަން ރުފިޔާގެ މަޝްރޫއެއްކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު