ގިނަ އަދަދެއްގެ ބައިވެރިންނާއެކު ބޭއްވި ބަލި މީހުންގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ގައުމީ ފެންވަރުގެ މަހާސިންތާ ނިންމާލައިފިއެވެ. އެ މަހާސިންތާ ކުރިއަށް ދިޔައީ މި މަހުގެ 23 އިން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ހެލްތް މިނިސްޓްރީން ބުނީ ޑަބްލިޔުއެޗްއޯ އާ ގުޅިގެން ބޭއްވި އެ މަހާސިންތާގައި އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވާ ސިއްހީ ހިދުމަތްތެރިން ބައިވެރިވި ކަމަށެވެ. އޭގެތެރޭގައި ޑޮކްޓަރުންނާއި، ނަރުހުންނާއި، ލެބޯޓްރީ ޓެކްނީޝަނުންނާއި، ކޮމިއުނިޓީ ހެލްތު ވޯކަރުންނާއި އަދި ޞީއްޙީ ދާއިރާގެ އެކިއެކި ފަންނީ ލެކްޗަރާއިން ހިމެނެއެވެ.

އެ މަހާސިންތާގައި 75 ފަރާތް މަހާސިންތާގެ ޖަލްސާއަށް ވަޑައިގެން ބައިވެރިވި އިރު، 100 އަށްވުރެ ގިނަ ފަރާތްވަނީ އޮންލައިންކޮށް ބައިވެރިވެފައެވެ.

މިނިސްޓްރީއިން ބުނީ އެ މަހާސިންތާގައި ބަލިމީހުންގެ ރައްކާތެރިކަމާއި، ރައްކާތެރި ގޮތުގައި ބޭސް ދިނުމާއި، ގެއްލުމާއި ނުލާ ބޭސް ދިނުމާއި، އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯލް ކުރުމާއި، ސިއްހީ ހިދުމަތްދޭ ތަންތަނުން ޖެހޭ އިންފެކްޝަން މޮނިޓާ ކުރުމާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގައި އުފެދޭ ކުނި މެނޭޖްކުރުމާއި، ސިއްހީ ހިދުމަތްދޭ އާލާތްތައް ރައްކާތެރިކުރުމާއި، ބަލިމީހާގެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި ފަރމަސިސްޓުންގެ މުހިންމުކަމާއި ބޭނުންތެރިކަމާ ގުޅޭ މަޝްވަރާތައް ކުރި ކަމަށެވެ.

އަދި ސާޖަރީތަކުގެ ރައްކާތެރިކަމަށް ބޭނުންކުރާ ސާޖިކަލް ޗެކްލިސްޓަށް އަހުލުވެރިކުރުމާއި، ޞިއްޙީ ދާއިރާގެ އެކިއެކި ކޯސްތަކުގެ ކަރިކިއުލަމްގއި އިންފެކްޝަނުން ރައްކާތެރިވުމާއި އަދި ކޮންޓްރޯކް ކުރުމާއި ބެހޭ ކަންކަން ހިމެނުމުގެ މުހިއްމު ކަމާއި، ބަލިމީހުންގެ ރައްކާތެރިކަމާއި ގުޅޭ ހާދިސާތައް ރިޕޯރޓް ކުރުމާއި އަދި އެފަދަ ހާދިސާތަކުން ދަސްކުރާނެ ނިޒާމްތަކާއި އަދި "ޕޮއިންޓް އޮފް ކެއަރ" ކޮލިޓީ ހިފެހެއްޓުމާއި ގުޅޭގޮތުން ނެގިފައިވާ ފިޔަވަޅުތަކުން ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށް މިނިސްޓްރީން ބުންޏެވެ.

ސިއްހީ ހިދުމަތްދޭ ތަންތަނުން އުފެދޭ އިންފެކްޝަނާއި ގުޅޭ ބަޔާއި ބެހޭގޮތުން ޓެސްޓެއް ދެވުނު ކަމަށާއި މަހާސިންތާގެ ބައިވެރިންގެ ތެރެއިން ޓެސްޓުން %80 އަށްވުރެ މަތިން މާކްސް ހޯދި ބައިވެރިންނަށް "ކޮމްޕީޓެންސީ" ސެޓްފިކެޓް ދީފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

އޭގެ އިތުން އެ މަހާސިންތާގައި ޖުމްލަ ކޮލިޓީ ރަނގަޅު ކުރުމާއި ބެހޭ ޕްރޮޖެކްޓްތައް ފަރުމާ ކުރެވި، ފެސިލިޓޭޓާރުންގެ އެހީގައި ބައިވެރިންނަށް ހުށަހަޅާ ދިން ކަމަށް ބުނެފައިވެއެވެ.

އެ މަހާސިންތާގައި މައުލޫމާތު ދެއްވާފައި ވަނީ ރާއްޖެއިން ކަމާގުޅޭ 12 މާހިރުންނާއި ރާއްޖެއިން ބޭރުން 21 ފަރާތަކުން ކަމަށް މިނިސްޓްރީއިން ބުނެއެވެ.