ހެއްކާ ބެހޭ ބިލަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ އިސްލާހުން، އެ ބިލުގެ މަގްސަދު ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

އޭނާ އެގޮތަށް ވިދާޅުވީ، ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރާ ގޮތަށް ފާސްކޮށް ތަސްދީގުކޮށްފައިވާ ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުންނެވެ. އޭނާ ވަނީ އެ އިސްލާހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ، ވާހަކަ ދައްކަވާފައެވެ.

ނޫސްވެރިންނަށް މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ހެއްކާ ބެހޭ ބިލު މަޖިލީހުން ފާސްކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގުކުރައްވާފައިވަނީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހުއެވެ.

އެބިލަށް ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ހެއްކާ ބެހޭ ބިލުގެ މަގުސަދަކީ ގައުމީ ސަލާމަތާއި ގުޅުންހުރި ޓެރަރިޒަމްގެ ބޮޑު މައްސަލައެއް ދިމާވާ ހާލަތެއްގައި އެކަމެއް ހައްލުކުރުމަށް ބޭނުންވާ މައުލޫމާތު ދެނެގަތުމަށް ނޫސްވެރިންގެ މަސްދަރު ހޯދުން ކަމަށެވެ. އެކަމަކު، މިހާރު ހުށަހަޅާފައިވާ އިސްލާހުން އެ މަގްސަދާއި ފުށުއަރާ ކަމަށް އޭނާ ގަބޫލުކުރައްވައެވެ.

"މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ހުށަހެޅިގެން އުޅޭ އިރެއްގައި ކޯޓެއްގެ ތެރޭގައި އެ އަމުރަށް [މަސްދަރު ހާމަކުރުމުގެ އަމުރަށް] އެދުމުގެ ވާހަކައެއް މިހާރު މި ބަޔާން ކުރަނީ. އެހެންވީމާ އެއްކަލަ ހަގީގީ މަގްސަދު ގެއްލިއްޖެ" އިންތި ވިދާޅުވިއެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ސަރުކާރުން މިހާރު އެކުލަވާލާފައިވާ ހެއްކާ ބެހޭ ބިލު އޮތީ ވަރަށް ފުރިހަމައަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) : ފޮޓޯ މަޖިލސް އިދާރާ
އިމްތިޔާޒް ފަހުމީ (އިންތި) : ފޮޓޯ މަޖިލސް

"މިހާރު ގާނޫނަށް ގެނެސްފައިވާ އިސްލާހުން [ހެއްކާއި ބެހޭ ގާނޫނުން] ވަރަށް ހަމަޖެހޭ އުސޫލުތަކެއް ކަނޑައެޅިފައި ވަނީ. ދެން ނޫސްވެރިން ހިތްޕުޅާ ހަމަނުޖެހުމަކީ އަދި އެހެން ކަމެއް."

"...ނަމަވެސް ދައުލަތުގެ ދެން ހުރި ދައުލަތް ނެގެހެއްޓުމަށް މަސައްކަތް ކުރަންޖެހޭ ދައުލަތުގެ އެހެން ކަމާއިބެހޭ ފަރާތްތަކުގެ ވާހަކަތަކަކީ ވެސް އަޑުއަހަންޖެހޭ ވާހަކަތަކަކަށް ވާތީ ބެލެންސެއް ގެނެވިފަ، ރަނގަޅު ހަރުދަނާ އަދި ޑިމަކްރަޓިކް ގައުމުތަކުގައި އެކަން ކުރާ ގޮތަށް، ވަރަށް ތަފްސީލީ ގޮތެއްގައި މިހާރު އަމަލުކުރަމުން މިދާ ގާނޫނުގައި އޮތީ" އިންތި ވިދާޅުވިއެވެ.

ހެއްކާ ބެހޭ ބިލު އޮތީ ވަރަށް ހަރުދަނާކޮށް ކަން ފާހަގަކުރައްވާ އިންތި ވަނީ އެ ބިލާ މެދު ސަރުކާރުން ދެކެމުން އައިގޮތް ބަދަލުވީ "ނޫސްވެރިން ކޮޅެއް" ބައްދަލުކުރެއްވުމުން ކަމަށް ވިދާޅުވެ، ސަރުކާރަށް ފާޑު ވިދާޅުވެފައެވެ.

އޭނާ ވިދާޅުވީ ސަރުކާރުން ހެއްކާ ބެހޭ ބިލެއް ހުށަހެޅީ ނޫހެއްގައި ލިޔުނު ލިޔުމެއްގެ ސަބަބުން، ގައުމީ ސަލާމަތާ ގުޅުންހުރި ބޮޑު މައްސަލައެއްގެ ތަހުގީގެއް ހިންގަން ޖެހޭ ހާލަތެއްގައި މަސްދަރު ހާމަކުރުމަށް ކަމަށެވެ. އެކަމަކު، މިހާރު ހުށަހަޅާފައިވާ އިސްލާހުން އެ މަގުސަދު ހާސިލުނުވާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ.

ނޫސްވެރިންގެ ކަންބޮޑުވުން ބޮޑުވުމުން ސަރުކާރުން ބުނެފައިވަނީ އެ ބިލަށް ސަރުކާރުން ހުށަހަޅާ އިސްލާހާއެކު ނުތަނަސްވަކަމަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަނީ: ވަގުތު އިމޭޖެސް - ޢަހްމަދް އަލީ

ނޫސްވެރިން އެދިފައިވާ ބައެއް ބަދަލުތައް ހިމަނައިގެން އެ މާއްދާ އިސްލާހު ކުރަން ހުށަހަޅާފައިވީ ނަމަވެސް، ބިލު ހުށަހަޅާފައި ވަނީ ނޫސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުން ހުރި ގައުމީ ސަލާމަތާ ބެހޭ މާއްދާ ހިމަނައިގެންނެވެ. އެހެންވެ، އަނެއްކާވެސް ނުތަނަސްކަން ވަނީ ބޮޑުވެފައެވެ.

ބިލުގައި އަލަށް ހިމަނާފައިވާ ގޮތުގައި ގައުމީ ސަލާމަތާ ގުޅުން ހުރި ކުށްތަކާއި ޓެރަރިޒަމްގެ ކުށްތައް އިތުރަށް ސާފުވާނެ ގޮތަށް ވަނި ބަޔާންކޮށްފައެވެ. އަދި، ދައުލަތް ތަމްސީލުކުރާ ޕްރޮސެކިއުޓާ ޖެނެރަލް ހުށަހަޅައިގެން، ހައި ކޯޓުން ކުރާ އަމުރެއްގެ ގޮތުގައި ނޫނީ މަސްދަރު ހާމަކުރުމުގެ އަމުރެއް ނުނެރެވޭ ގޮތަށް ވެސް ވަނީ ހިމަނައިފައެވެ.

އެކަމަކު، ގައުމީ ސަލާމަތުގެ ކުށް މާނަކުރާ ގާނޫނެއް މިވަގުތު ރާއްޖޭގައި ނެތެވެ. އެހެންވެ، ގައުމީ ސަލާމަތް މާނަކުރުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އޮތުމުގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިކަމާއި ގުޅޭ ޖަމިއްޔާތަކުން މީގެ ކުރިން ވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ.