ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދުތައް މައްޗަށް، ގޮސް ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންގެ އަދަދުތައްވެސް އިތުރުވަމުން އަންނަ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ތަފާސްްހިސާބުތަކުން ދައްކައިފިއެވެ.

ފާއިތުވެދިޔަ ދެ ހަފްތާގައި ރާއްޖޭގައި ކޮވިޑަށް ފައްސިވާ އަދަދުތައް ވަނީ 80 އަށް ވުރެ މައްޗަށް އަރާފައެެވެ. އެގޮތުން އޮކްޓޯބަރު 16ގެ ފަހުން އަދަދުތައް 80 އިން މަތީގައި ހުރިއިރު، ފާއިތުވެދިޔަ ހަފްތާގައި އަދަދު ވަނީ 90 އަށް އަރާފައެވެ.

އަދި އޮކްޓޯބަރު މަސް ފެށުން ފަހުން، ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެެޑްމިޓްކޮށްގެން ފަރުވާ ދޭ އަދަދުތައް މައްޗަށް ދިޔަ ނަމަވެސް، ފާއިތުވެދިޔަ ހަފްތާގައި ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މިއީ ޖުލައި 24ގެ ފަހުން، ކޮވިޑް މިހާ ގިނަ އަދަދަކަށް މީހުން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ ފަހަރެވެ.

އެގޮތުން ފާއިތުވެދިޔަ ހަފްތާގައި ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި 25 މީހަކަށް ފަރުވާ ދީފައި ވެއެވެ.

ފާއިތުވެދިޔަ ހަފްތާގައި 90 މީހަކު ކޮވިޑަށް ފައްސިވިއިރު، އެއީ މާލެ އިން 43 މީހަކާއި، އަތޮޅު ތެރެއިން ފައްސިވި ދެ މީހެއްގެ އިތުރުން، ރިސޯޓްތަކާއި، ސިނާއީ ރަށްތަކުން ފައްސިވި 45 މީހެކެވެ.

މުޅި ރާއްޖެއިން މިހާތަނަށް 185،454 މީހަކު ވަނީ ކޮވިޑަށް ފައްސިވެފައެވެ.

ރާއްޖޭގައި ކޮވިޑްގެ ނަމްބަރުތައް މަޑުމަޑުން އިތުރުވަމުން އަންނައިރު، ކަމާއި ގުޅުން ހުރި އިދާރާތަކުން އަދި ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ދެން ކޮބައިތަ ކޮވިޑް19 ބަލިމީހުން އަދަދު ތިހާ މަތްޗަށްދާއިރު އެ ބަލިމީހުންނަށް ފަރުވާދޭން މި ސަރުކާރުން 10 ބިލިއަން ޑޮލަރ ހޭދަކޮށްފައި ގަތް ވެންޓިލޭޓަ ތަކެއް، ؟؟؟މި ވެންޓިލޭޓަރން އެޕޭޝެންޓުންނަށް އެއްވެސް ޚިދުމަތެއް ލިބެމުން އެބަދޭތޯ މިއީ ރައްޔިތުންނަށް އިނގެން ވަރަށް މުހިއްމު ކަމެއް، ހަމައެކަނި ކޮވިޑުބަލި މަތްޗަށްދާވާހަކަ އެންގުމަކުން ނުފުދޭނެ ދޮތެ؟؟

    11
    1
  2. 😡😡😡

    ކޮވިޑޭ ނުކިޔާ. ވެކްސިނެއް ޖެހުވިފަހުން މީހުންގެ ދިފާއީ ނިޒާމު ހަލާކުވެ އަބަދު ބަލިވެ ކުއްލި މަރުގިނަވެއްޖެ. އޭގެ ވާހަކަ ދައްކާ!

    12
    1
  3. ހުސޭނުބޭ

    ދެން ބުނާނެ އަވަހަށް މަތިމައްޗަށް 12 އިންޖެކްޝަން ޖަހާށޭ