ފީފާ ވޯލްޑް ކަޕް ގުރޫޕް ސީގެ ހަތަރު ވަނަ މެޗުގައި ލިއޮނަލް މެސީ ޖެހި ހިތްގައިމު ރީތި ގޯލާއެކު އާޖެންޓީނާ އިން މެކްސިކޯ ބަލިކޮށްފިއެވެ.

ގަތަރުގެ ލުސެއިލް ސްޓޭޑިއަމްގައި ކުޅުނު މެޗު އާޖެންޓީނާ އިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ. މި މޮޅާއެކު އާޖެންޓީނާ އޮތީ ގުރޫޕް ތާވަލުގެ ދެވަނައިގައި ތިން ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ޕޮލެންޑް އޮތީ ސައުދީ އަރަބިއާ އަތުން 0-2 އަކުން މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް ހަތަރު ޕޮއިންޓާއެކުއެވެ.

މިއީ އާޖެންޓީނާގެ ކެޕްޓަން މެސީ ވޯލްޑް ކަޕުގައި ކުޅޭ 21 ވަނަ މެޗެވެ. މި މެޗާއެކު މެސީ އަކީ ފީފާ ވޯލްޑް ކަޕުގައި އާޖެންޓީނާގެ ޖާޒީގައި އެންމެ ގިނަ މެޗު ކުޅެދިން ދެ ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާއެވެ. ދެން މި އަދަދަށް މެޗު ކުޅެފައި ވަނީ އާޖެންޓީނާގެ ލެޖެންޑް ޑިއެގޯ މެރަޑޯނާއެވެ.

މި މެޗު ފަށައިގެން އާޖެންޓީނާއިން އައީ ޓީމު ފަހަތަށް ޖައްސައިގެން ގިނަ ޕާސްތަކެއް ޖަހާ ބޯޅަ ހިފަހައްޓައިގެން ކުޅެމުންނެވެ. މެކްސިކޯ ޓީމުން ވަނީ ޓީމު ކުރިއަށް ކޮށްޕާލައިގެން ކުޅެ އިދިކޮޅު ޓީމު އަތުން ބޯޅަ ހޯދަން މަސައްކަތް ކޮށްފައެވެ. ފުރަތަމަ ހާފުގެ 9 ވަނަ މިނެޓުގައި ލީޑު ނަގަން ފުރުސަތު ލިބުނެވެ.

މިއީ އޭރިއާ ބޭރުން ލުއީސް ކާވެޒް ނަގައިދިން ފޮނުވާލި ހިލޭ ޖެހުމަކުން މެކްސިކޯގެ ކެސާ މޮންޓެސްއަށް ގޯލާ އަމާޒުކޮށް ފޮނުވާލަން ލިބުނު ބޯޅައަކަށްވީއިރު މާ ރަނގަޅަށް ފޮނުވާލެވޭނެ ގޮތެއް ނުވިއެވެ. މި ހާފުގެ ފުރަތަމަ 15 މިނެޓުގައި ދެ ޓީމުން ވެސް ވަނީ ގިނަ ފައުލްތަކެއް ކޮށްފައެވެ. މި މެޗުގެ 25 ވަނަ މިނެޓާ ހިސާބަށް ކުޅެވުނު އިރު އާޖެންޓީނާއަށް މެކްސިކޯ ޓީމު ކުރިއަށް ޖައްސައިގެން ކުޅުމާ ގުޅިގެން އެއްްވެސް ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ.

މި މެޗުގައި އާޖެންޓީނާގެ އެންމެ ފުރަތަމަ ހަމަލާ ފެނިގެންދިޔައީ 34 ވަނަ މިނެޓުގައެވެ. މިއީ ދަނޑުގެ އަރިމަތިން ހިލޭ ޖެހުމަކުން ގޯލާ އަމާޒުކޮށް ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑް ހަތް ފަހަރަށް ކާމިޔާބު ކުރި ލިއޮނަލް މެސީ ފޮނުވާލި ހަމަލާއެކެވެ. މެކްސިކޯގެ ކީޕަރު ފުންމައިގެން އަރާ އެ ބޯޅަ ވަނީ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށްވެފައި ވަނިކޮށް ޑިމާރިއާ ނަގައިދިން ހުރަހަކުން ލައުުޓާރޯ މާޓިނޭޒް ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވެ ދިޔައީ ބޭރަށެވެ.

މި ހާފުގެ އެންމެ ނުރައްކާތެރި ހަމަލާ އުފެއްދީ މެކްސިކޯގެ އެލެކްސިސް ވެގާއެވެ. އޭރިއާ ބޭރުން ވެގާ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ މަތީ ކަނަށް ވަންނަން ދަނިކޮށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތަރު ވަނަ މިނެޓުގައި މެކްސިކޯގެ ވެގާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. އެއާއެކު ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހިއެވެ.

ދެވަނަ ހާފު ފަށައިގެން އައި އިރު އާޖެންޓީނާ ޓީމު އައީ ކުރިއަށް ޖައްސައިގެން ކުޅެ ކައުންޓާ އެޓޭކް ކުރުމަށް މަސައްކަތް ކުރަމުންނެވެ. މެޗުގެ 48 ވަނަ މިނެޓުގައި މެސީއަށް ކުރި ފައުލަކާ ގުޅިގެން ހިލޭޖެހުމެއް ލިބުނެވެ. އާޖެންޓީނާ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން މެސީ ފޮނުވާލި ހިލޭޖެހުން ދިޔައީ ގޯލުގެ ދަނޑި މަތިން ބޭރަށެވެ. މި ހާފުގައި އާޖެންޓީނާ ޓީމުން އައީ އެޓޭކިން ގޭމެއް ކުޅެމުންނެވެ.

މި މެޗުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ އެޓީމުގެ އެންމެ އުންމީދީ ކުޅުންތެރިޔާ މެސީއެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެންހެލް ޑިމާރިއާ ދިން ޕާހަކުން އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ތިރީ ކަނަށެވެ. މިއީ ވޯލްޑް ކަޕްގައި މެސީ ޖެހި އަށް ވަނަ ގޯލެވެ.

މި ގޯލަށް ފަހު އާޖެންޓީނާ އިން ވަނީ މެކްސިކޯ ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކޮށް އެޓީމު ޕްރެޝަރަށް ދުއްވާލައިފައެވެ. އެގޮތުން މެސީ ވަނީ އާއި އަލްވަރޭޒް ގުޅިގެން ގޯލަށް ނުރައްކާ ކުރުމަށް މެޗުގެ 75 ވަނަ މިނެޓުގައި މަސައްކަތް ކުރިއެވެ. ނަމަވެސް މެކްސިކޯގެ ޑިފެންޑަރު ހެކްޓާ ހެރޭރާ ވަނީ ޓެކުލްކޮށް ބޯޅަ ހޯދާފައެވެ.

އާޖެންޓީނާގެ ދެވަނަ ގޯލު ޖެހީ ދެވަނަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މިއީ މެސީ ދިން ޕާހަކުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރި އެންޒޯ ފެނާންޑޭޒް ގޯލުގެ މަތީ ކަނަށް އަމާޒުކޮށް ޖެހި ހިތްގައިމު ރީތި ގޯލެކެވެ. އިތުރު ވަގުތުގެ ހަ މިނެޓު ކުޅުނު ނަމަވެސް އާޖެންޓީނާ އިން މެޗު ނިންމާލީ ދެ ގޯލުގެ ލީޑަކާއެކު ރަނގަޅަށް ޑިފެންސްކޮށްގެންނެވެ.