މާލެ އިން ފެށިގެން ތިލަފުއްޓާއި ހަމައަށް އަޅާ ބުރިޖުގެ މަސައްކަތް ހަވާލު ކޮށްފައި އޮތް އިންޑިއާގެ އެފްކޮންސް ކުންފުނިން މިހާތަނަށް ކުރި މަސައްކަތައް އަގު ދީފައި، ބުރިޖު އަޅަން އެހެން ބަޔަކު ހޯދަން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އެދިއްޖެއެވެ.

ބުރިޖުގެ ތަނބެއް ޖެހުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ކްރޭނެއް ބިންދައިގެން ގޮސް، ކްރޭންގެ ބައެއް މޫދަށް ވެއްޓުނު މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުކޮށް ޠާރިގު ކުރި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ބޮލުގައި ބިލިއަނުން ދަރަނިއަޅުވާފައި އެފްކޮންސް އާއި ހަވާލު ކޮށްގެން ބުރިޖު އެޅުމަކީ ކުރަން ހެޔޮ ވާރުކަމެއް ނޫން ކަމަށެވެ. "އެފްކޮންއަށް ކުރިމަސައްކަތައް ވާއަގު ދީފައި، ބުރިޖުގެ މަސައްކަތް ކުރަން ކަމަށް އެކަށީގެންވާ ބަޔަކު ހޯދާށެވެ. ރައްޔިތުންގެ ފައިސާއިން ބިލިއަނެއް ތިކުރައްވަނީ އިސްރާފެވެ." ޠާރިގު ވިދާޅުވިއެވެ.

ޠާރިގުގެ ޓްވީޓްގައި ރައީސް ސޯލިހް ޓެގް ވެސް ކުރައްވާފައި ވެއެވެ.

ތިލަމާލެ ބުރިޖު އަޅަން އިންޑިއާ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނެވެ. އަދި އެ ގައުމުގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނު ފުރަތަމަ ދޫކުރިއެވެ. އޭގެ ފަހުން އަދި މަޝްރޫއު އިތުރު ކުރަން އިތުރު 26 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ދީފައެވެ. އެހެންކަމުން ބުރިޖަށް ދިވެހި ސަރުކާރުން ނެގި ލޯނުގެ އަދަދު މިހާރު 426 މިލިއަން ޑޮލަރަށް އަރައެވެ. އެއީ 6.5 ބިލިއަން ރުފިޔާ އެވެ.

މާލެ އާއި ހުޅުލެއާއި ދެމެދު އަޅާފައިވާ ސިނަމާލެ ބުރިޖަށް ހަރަދު ކުރީ 210 މިލިއަން ޑޮލަރެވެ. އޭގެތެރެއިން 126 މިލިއަން ޑޮލަރަކީ ޗައިނާ އިން ދިން ހިލޭ އެހީ އެވެ. އެހެންކަމުން އެމަޝްރޫއަށް ދައްކަން ޖެހޭނެ ލޯނުގެ އަދަދު އަރާނީ 84 މިލިއަން ޑޮލަރަށެވެ. އެއީ ދިވެހި ރުފިޔާ އިން ބަލާނަމަ 1.2 ބިލިއަން ރުފިޔާ އެވެ.

ތިލަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދާއިރު ހިނގަމުންދާ ހާދިސާތަކުގެ ސަބަބުން ބައެއް މީހުން އަންނަނީ ބުރިޖުގެ ފެންވަރާއި މެދު ސުވާލު އުފައްދަމުންނެވެ. އަދި އަންނަ އަހަރު ނިމެން ވާއިރަށް ބުރިޖު ވިލިމާލެ އާއި ހަމައަށް ނިމިދާނެ ކަމާއިމެދު ވެސް ގިނަ ބަޔަކު ސުވާލު އުފައްދައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހާލީ

    މިހާރު ރައްޔިތުންވެސް ގަބޫލުކުރައްވަންވާނެ ކެރޭނު ބިންދައިގެންދިޔައިމަ ބުރިޖެއް ނޭޅޭނެކަން. 17000 ފްލެޓް އަޅައި ނުދެވުނީ ކޮވިޑާ ހެދިކަން. އަދި 5 އަހަރުގެ ދައުރެއް ސަރުކާރަށް ލިބިގެން މިކަންކަން ފުރިހަމަކުރެވޭނީ

    5
    2