ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއަށް ފަހު އެ ސަރަހައްދުން ފެނުނު ކަށިތަކަކީ އެކެއްގެ ހަށިގަނޑުގެ ބައިތަކެއް ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ވަގުތަށް" ވިދާޅުވީ ދެވަނަ ކަށިތައް ވެސް ފެނިފައިވަނީ ފުރަތަމަ ކަށިތައް ފެނުނު ސަރަހައްދުން ކަމަށެވެ.

އެހެންކަމުން އެއީ އެކެއްގެ ކަށިތައް ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެކަން ޔަގީން ކުރެވޭވީ ތަހުލީލް ކުރުމަށް ފަހުގައި ކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ, ގުޅީފަޅުގައި ހުންނަ އެފްކޮންސްގެ އެކޮމޮޑޭޝަން ބްލޮކުގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު، މީހަކު ގެއްލިގެން އުޅޭކަން އެނގިގެން އެމީހާ ހޯދަމުން ދަނިކޮށް، އާދިއްތަ ދުވަހު އެ ސަރަހައްދުން ވަނީ އިންސާނެއްގެ ކަށިތަކެއް ފެނިފައެވެ. އަދި އޭގެ ފަހުން އަންގާރަ ދުވަހުވެސް ވަނީ ކަށިތަކެއް ފެނިފަ އެވެ.

އޭރު ފުލުހުން ވިދާޅުވީ، އެ ސަރަހައްދުން ފެނުނީ އިންސާނެއްގެ ހަށިގަނޑުގެ ބައިތަކެއްތޯ ބެލުމަށާއި އެއީ ގެއްލިގެން އުޅޭ މީހާގެ ހަށިގަނޑުގެ ބައިތަކެއްތޯ ކަށަވަރު ކުރުމަށް ކުރަންޖެހޭ ތަހުލީލުތައް ކުރުމުގެ މަސައްކަތް މިހާރު ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

އަލިފާނުގެ ހާދިސާގައި 76 މީހަކަށް އަނިޔާވެފައެވެ. އޭގެތެރެއިން 13 މީހަކަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު، 63 މީހަކަށް ފަރުވާދީފައިވަނީ ޓްރީޓޮޕްގަ އެވެ. އަނިޔާވި މީހުންގެ ތެރެއިން ހަ މީހެއްގެ ހާލު ސީރިއަސް ކަމަށް މީގެ ކުރިން ފުލުހުން ބުނެފައި ވެއެވެ. އެ ހާދިސާ ހިނގި އިމާރާތުގައި 500 އެއްހާ މުވައްޒަފުން ދިޔައީ ދިރިއުޅެމުންނެވެ.