އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކެމްޕެއިން ކުރެއްވުމަށް މިއަދު މާފަންނު އުތުރު ދާއިރާ އަށް ވަޑައިގެންފިއެވެ.

މިއީ އެމްޑީޕީގެ ރިޔާސީ ކެމްޕެއިން ފެށުނު ފަހުން، ރައީސް ސޯލިހް، މާލޭގެ ގެތަކަށް ހިންގަވަން ފެއްޓެވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މީގެކުރިން މާލޭގެ ގޭގެއަށް ޒިޔާރަތް ކުރައްވައިފައެވެ.

ރައީސް ސޯލިހް ވަނީ މާފަންނު އުތުރު ދާއިރާ އަށް ވަޑައިގެން އެ ދާއިރާގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލު ކުރައްވައިފައެވެ. އަދި އެ ރައްޔިތުންނަށް ދަތިވާ ކަންކަން އޮޅުން ފިލުއްވިއެވެ. ރައީސް މިއަދު ވަނީ ސައި ހޮޓަލަކަށް ވަޑައިގެން އެ ހޮޓަލުގައި ތިބި އާންމުންނާ ވެސް ބައްދަލު ކުރައްވައިފައެވެ.

ރައީސް މިއަދު ސައި ހޮޓަލެއްގައި. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރައީސް މި ކެމްޕެއިން ފެއްޓެވީ މާފަންނު ފަރީދީ މަގުގައި ހުންނަ އަހިގަސްދޮށުގެއިންނެވެ.

މިމަހު 28 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރ، ޅ، ބ އަދި ނ.އަތޮޅަށް ކެމްޕެއިން ދަތުރު ކުރައްވައިފައެވެ. މި ދަތުރުގައި އެ ރަށްރަށުގެ އެމްޑީޕީ މެންބަރުންނާ ބައްދަލު ކުރައްވައި ފޯރިގަދަ ޖަލްސާތަކެއް ވެސް ބޭއްވިއެވެ. އަދި ރައީސް ވަނީ ބައެއް ގޭގެއަށް ޒިޔާރަތް ކުރައްވައި އެ މީހުންގެ ހާލު އޮޅުން ފިލުއްވައި ޝަކުވާތައް އަޑު އައްސަވައިފައެވެ.

ރައީސް މިއަދު މާފަންނުގައި. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް އެ ޕާޓީން ބާއްވާ ޕްރައިމަރީ ވަނީ ވަރަށް ފޯރިގަދަވެފައެވެ.

ރައީސް އޮފީހުގައި އެންމެ ފަހުން ބޭއްވި ނޫސް ކޮންފަރެންސްގައި ރައީސް ސޯލިހް ވިދާޅުވީ ފެންނަ މަންޒަރުތަކުން ޕްރައިމަރީން އެމަނިކުފާނަށް ނާކާމިޔާބު ވެވަޑައިނުގަންނަވާނެ ކަމަށެވެ. ޕްރައިމަރީން ބަލިވެއްޖެ ނަމަ، ކަންތައް ކުރައްވާނެ ގޮތާ މެދު ސުވާލު ކުރުމުން ވެސް ރައީސް ސޯލިހް ވިދާޅުވީ "އެ މަންޒަރު އަޅުގަނޑަކަށް ނުފެންނަ" ކަމަށެވެ.

ރައީސް ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ކުރައްވަނީ ޕާޓީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ކަމަށެވެ. އެ އިންތިހާބު ކާމިޔާބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ.

ރައީސް މިއަދު މާފަންނުގެ ރައްޔިތުންނާ އެކު. --- ވަގުތު އިމޭޖަސް: އަބްދުﷲ އަބީދު

ރައީސް ވިދާޅުވީ އެމްޑީޕީން ދެވަނަ ދައުރެއް ހޯދުމަށް މަސައްކަތް ކުރާ އިރު، ޕްރައިމަރީ އަށް ފަހު ޕާޓީގެ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި ޕާޓީގެ ޓިކެޓު ހޯއްދެވުމަށް ފަހު އިތުރު ޕާޓީތަކާ ކޯލިޝަން ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ކާމިޔާބު ލިބޭނީ އެމަނިކުފާނު ކުރިމަތިލައްވައިގެން ކަމަށެވެ. ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބުކުރުގެ ފުރުސަތު އެންމެބޮޑީ އެމަނިކުފާނު ކުރިމަތިލައްވައިގެން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީއަކީ އެ ޕާޓީގެ ހަޔާތުގައި ބާއްވާނެ އެންމެ ވާދަވެރި ޕްރައިމަރީއެވެ. މި ޕްރައިމަރީގެ ކަންކަން ފޯރީގައި ފެށިފައިވާ އިރު، ރައީސް ސޯލިހާއި ނަޝީދުގެ ކެންޑިޑެސީ ވަނީ ބަލައިގަނެ، ކެންޑިޑޭޓުންގެ ނަންބަރުތައް ވެސް ތަރުތީބުކޮށްފައިވެއެވެ. ކެންޑިޑޭޓު ނަންބަރު އެކެއް ނަޝީދަށް ލިބިވަޑައިގެންނެވި އިރު، ދޭއް ލިބިވަޑައިގަތީ ރައީސް ސޯލިހަށެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ޝަކުވާ ބަލާ ކޮމިޓީއެއް ވަނީ އެކުލަވާލައިފައެވެ. އަދި ޕްރައިމަރީގެ ކަންކަން ކުރިއަށް ގެންދިއުމަށް ފަސް މެމްބަރުންގެ ކޮމިޓީ އެއް ވެސް ވަނީ އެކުލަވާލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޙުތުޖހޔ

    ޔާމީނު ނަންވާނީ ހުސްޕާޓެންވަށައިގެން

    27
    1
  2. ދަރަނި ދަންތުރަ

    ﷲ އިރާދަކުރެއްވިއްޔާ ހިތިނިމުމަކުން ނިމިދާނެ މީހެއް މިއީ ، ރައްޔިތުން ނޮޅާ ކަނީ ގައުމު ދަވާލައިފި

    33
    4
  3. ޑރ ސާޖީ

    މާފަންނު މީހުން އުޅިނިތަނެއް އިގޭތަ އިބޫއަށް ނިމުނި 4އަހަރު

    31
  4. އިއްބެ

    މިހާރު ރާއްޖެތެރެ މީހުން ވައިވައްދާހެން އަހަރެމެން ވައިވައްދަން ނޫޅުމައްއެދެން މިއީ ކެޕުޓަލް ތަންކޮޅެއް ހޭލުންތެރިވާނެ ކަންނޭންގެ މާލެ މަގުތަކާ ހުރިހާތަނެއް މިއޮއްހަލާކުވަނީ އެއޮތީ ހަދަން ހަލާކުކުރި ަމީނީމަގު މީ ނުކިޅެދޭދޭ ރުޒެއިނާ ސަރުކާރު ދެންލަލަލާ

    29
  5. މުބީނު މާރނީ

    ކާްދިން މީހާގެ އަތުގައި ދަތް އެޅި މީހެއް. ނަޝީދު ސަޕޯޓް ނުކުރި ނަމަ ވެރިކަން ހުވަފެނުން ވެސް ނުފެނުނީސް އިބޫ އަށް.

    34
    1
  6. ނިޔާ

    ވަރަށް ސަލާމް ފެންނާނެ ހޮޓާތައް ، ކުޑަކުދިން ، ސެލްފީގަބައިވެރިވާތަން މަގާމުލިބުނީ ރައްޔިތުން ފެލަން ފެށީ. މީކާކު ނުދޭނަން ވޯޓ

    16
  7. ޑައެލޯގް

    މާފަންނު ރައްޔިތުންނޭ ކިޔަފަ އިބޫ ދާކޮންމެ ދިމާލަކަށް ސިޔާސީ މަގާމުތަކުގައި ތިބިބަޔަކު ގެންދެއެވެ. އެއީ މާފަންނާ ބެހޭބައެއްވެސްނޫނެވެ. ބޭނުމަކީ ސޕޯޓްއޮތްކަން ދައްކައި ރައްޔިތުންނަށް އޮޅުވާލާށެވެ.

    15
  8. އަަަ

    މި ގައުމު ސަލާމަތް ކުރުމައްޓަކާ ކޮރަޝަނާ ނާއިންސާފާ ދެކޮޅައް ބަސް ބުނެ އަޑު އުފުލަންޖެހޭ . ފުރަތަމަ ކަމަކައް ސާލިހު ގެ ވެރިކަން ނިއްމުން. ދެވަނަކަމަކައް ކޮރެޕްޓް މާލިއްޔަތާބެހޭ ގާނޫނު އުވާލުމައް މުޒާހަރާ ފެއްޓުން . ތިންވަނަކަމަކައް އެންޓިކޮރަޕްޝަންގެ މުއައްޒިފުންނައް އެމީހެއްގެ އިހުމާލާ ގުޅޭމިންވަރަކައް އެމީހަކައް އަދަބުދިނުން .

    10
  9. ޚކކކ

    އެންމެ އަރިސްކޮށް ގެންގުޅެނީ ދީނަށް ފުރައްސާރަ ކުރާ މީހުން. ރައީސް އޮފީހުގަ ބޮޑު މުސާރަދީފަ. ޜައްޔިތުން ފެލައިގެން ދަތުރު އެޅުން ކަމަކީ.

    11