ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އިންތިހާބުގެ ސައްހަކަމާއި އިތުރުބާރު ދެމެހެއްޓުމަށް ޓަކައި، އިންތިހާބުގައި ވާދަކުރައްވާ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިނު ފަޅިން 20 ކަމެއް ކޮށްދިނުމަށް އެދެފި އެވެ.

ނަޝީދު ކެމްޕެއިން ޓީމު، "ފިކުރެއްގެ ދިރުން" އިން ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލަށް ފޮނުވި ސިޓީއެއްގައި ބުނީ މިއީ އިންތިހާބުގެ ސައްހަކަން ދެމެހެއްޓުމަށް ކޮންމެހެން ފުރިހަމަ ވާން ޖެހޭ ކަންކަން ކަމަށް ދެކޭ ކަމަށެވެ.

"ފިކުރެއްގެ ދިރުން" ޓީމުން ހުށަހެޅި ކަންކަން:

  • ވޯޓުލާ މަރުކަޒުގައި އެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުންގެ، ދެ ކެންޑިޑޭޓް ސޮއިކޮށްފައިވާ ލިސްޓު އާންމުކޮށް، ހާމަކޮށް ފެންނާން ހުންނާނެހެން ބެހެއްޓުން
  • ވޯޓުލާ މަރުކަޒުގައި ވޯޓު ލާން ފެށުމުގެ ކުރިން، އެ މަރުކަޒަކަށް ލިބުނު ވޯޓު ކަރުދާސްތައް ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑައި، ގުނައި، އަދަދުކޮށް، އެމަރުކަޒަކަށް ލިބުނު ވޯޓު ކަރުދާހުގެ ޢަދަދުޖުމުލަ އިޢުލާންކުރުން
  • ވޯޓުލާން ދާމީހާގެ ވަނަވަރު ކަށަވަރުކުރުމަށްފަހު، އެ މީހާގެ ސުމާރު ނަންބަރާއި، ފުރިހަމަ ނަމާއި، އައިޑީ ކާޑު ނަންބަރާއި، ދާއިމީ އެޑްރެސް ބާރަށް އިއުލާންކުރުން
  • ވޯޓުލާ މަރުކަޒުގެ ތެރެއަށް ފޯނު ވެއްދިޔަ ނުދިނުން
  • ވޯޓުލާ މީހާގެ އިނގިލީގައި ޖަހާ ފާހަގައަކީ ފޮހެނުލެވޭފަދަ އިތުބާރުހުރި ދެއްޔަކުން ޖަހާ އެއްޗަކަށްވުން
  • ވޯޓު ކަރުދާހުގެ ފޮޓޯ ވޯޓުލުމުގެ ކުރިން ވެސް އަދި ފަހުގައި ވެސް ނެގުން މަނާކުރުން
  • ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އެ ވޯޓު ކަރުދާސްކޮޅެއް ދެއްކުން މަނާކުރުން
  • ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރު ކުރެހުމާއި، ނިޝާނެއް ޖަހައި، ލިޔެފިނަމަ ވޯޓު ބާތިލުވުން
  • ކެންޑިޑޭޓުގެ ހަ މަންދޫބަކަށް ކޮންމެ ވޯޓު ފޮއްޓަކަށް ފާސްދޫކުރުމާއި، މަދުވެގެން ދެ މަންދޫބަކަށް ވޯޓު ފޮށި ދޮށުގައި އަބަދުވެސް ތިބެވުން
  • ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓު ފޮށިދޮށުގައި ފޯނުގެ ބޭނުން ހިފުމުގެ ހުއްދަ އޮތުން
  • ވޯޓު ގުނާ ވަގުތު އޮބްޒަރވަރުންނާއި، މޮނީޓަރުންގެ އިތުރުން ވޯޓު ހައްގުވާ ޕާޓީގެ އިތުރު މެންބަރުންނަށް ވޯޓު ގުނާ ތަން ބަލާން ތިބުމުގެ ފުރުސަތު އޮތުން
  • ވޯޓުގެ ނަތީޖާ ޝީޓް ތައްޔާރުކޮށް، ކެންޑިޑޭޓުންގެ މަންދޫބުން އޭގައި ސޮއިކުރުމަށްފަހު، އާންމުކޮށް ފެންނާން ހުންނާނެހެން މަރުކަޒުގައި ހަރުކޮށްފައި ބެހެއްޓުން
  • ވޯޓުލީ މީހުންގެ ލިސްޓާއި، ވޯޓު ކަރުދާހާއި، ބާކީހުރި ވޯޓު ކަރުދާސް ސިޓީއުރައެއްގައި ބަންދުކޮށް، ސީލުޖަހައި، އެ ސީލުގައި ސޮއިކޮށްފައި އޮތުން
  • ވޯޓުގެ ނަތީޖާ ޝީޓް ވަކި ސިޓީއުރައެއްގައި ބަންދުކޮށް، ސީލުޖަހައި، އެސީލުގައި ސޮއިކޮށްފައި އޮތުން
  • ވޯޓުލީ މީހުންގެ ލިސްޓާއި، ވޯޓު ކަރުދާހާއި، ބާކީހުރި ވޯޓު ކަރުދާސް ލާފައިވާ ސިޓީއުރަ ކެންޑިޑޭޓޫންގެ މަންދޫބުންގެ ހާޒިރުގައި މެނުވީ ނުކެނޑުން
  • ލިޔުމުންނާއި، އީމެއިލުންނާއި، ފޯނުންނާއި، ގޫގުލް ފޯމު މެދުވެރިކޮށް އިންތިހާބާ ބެހޭ ޝަކުވާ އިންތިހާބުގެ ދުވަހު ހުށަހެޅުމުގެ ފުރުސަތު ފަހިވެފައި އޮތުން
  • ޕާޓީގެ ފަރާތުން ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަތަކުގެ ލިސްޓު މިއަދުގެ ނިޔަލަށް ކެންޑިޑޭޓުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން.
  • ވޯޓު ލާން ދާ މީހާގެ އައި.ޑީ ކާޑާމެދު ޝައްކުވެއްޖެ ހާލަތެއްގައި އޮބްޒާވަރުންނަށް އައި.ޑީ.ކާޑު ދެއްކުން.
  • ވޯޓު ލަމުންދާއިރު ކޮންމެ 50 ވޯޓަކުން އެވަގުތެއްގައި ވޯޓުލީ މީހުންގެ ޢަދަދު ވޯޓުލާ މަރުކަޒުގައި އިއުލާނުކުރުން.
  • ކޮންމެ ވޯޓު ފޮއްޓަކަށް ފޮނުވާ ވޯޓު ކަރުދާހުގެ އަދަދު އިއުލާނުކުރުން.

ކެމްޕެއިނު ޓީމުން ފާހަގަކޮށްފައިވާ ގޮތުގައި އެ ޓީމުން އެދުނު ކަންކަމުގެ ތެރޭގައި ހިމެނޭ ފުރަތަމަ އަށް ކަމަކީ އިލެކްޝަންސް ކޮމިޝަނުން ވެސް އަމަލު ކުރަމުންދާ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ސްޓޭންޑާޑް އުސޫލެވެ.

"މިއީ ވޯޓު ކަރުދާސް ދޫކުރުމުގައި ވަނަވަރު ކަށަވަރު ކުރުމަށާއި، ވޯޓު ގަނެވިއްކުމުގެ އުކުޅުތަކަށް ފުރުސަތު ނުދިނުމަށް ހިފަހައްޓައި ހަރުދަނާ ހަމަތަކެކެވެ." ސިޓީގައި ބުނެފައި ވެއެވެ.

ނަޝީދު ފަޅިން މީގެ ކުރިން ވެސް ވަނީ އިންތިހާބާ މެދު ސުވާލު އުފެދޭ ބައެއް ކަންކަން ހުރި ކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އިންތިހާބުގެ ކަންކަން ބަލަހައްޓާ ކޮމެޓީ އާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަށް އިތުބާރު އެބައޮތް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އއ

    އިންތިޙާބައް ދާޚަރަދައް ނުބަލާ ގިނަގިނައިން އިންތިޙާބު ބާއްވާނަމަ ގައުމުގެ ގާަނޫނީ މައްސަލަ ތައް ރަނގަޅުވާނެ. ސަބަބަކީ އަބަދުވެސް އިދިކޮޅައްދާނީ ކުރީގެ ވަގުން އެހެންވީމާ ވައްކަންކުރާނެ ދޮރު އެމީހުންނައް އެނގޭތީ އެދޮރު ބަންދުކުރަން ގޮވާނެ. 5 އަހަރު ވެރިކަން ކުރަން ފުރުސަތު ދިނުމުގެ ބަދަލުގަ ޖަޕާނުގަ އޮންނަގޮތައް ދެއަހަރާބައި ދައުރަކައް ބަދަލުކުރަންވީ.

    1
    4
  2. Anonymous

    ނަޝީދު ބާތިލުވުންވެސް އިތުރުކޮއްލާ.