ބޭސްފަރުވާ އަށް އިންޑިއާގެ ކޮޗިން އަށް ގޮސް އުޅެނިކޮށް ގެއްލުނު ހާއްސަ އެހީއަށް ބޭނުންވާ ދިވެހި މީހާ އަދިވެސް ނުފެންނަ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަނީ ކ. ތުލުސްދޫ އަށް އުފަން 35 އަހަރުގެ މުހައްމަދު މަހުދީއެވެ. މުހައްމަދަކީ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެކެވެ.

އަމްރިތާ ހޮސްޕިޓަލް ތެރޭގައި އިއްޔެ ހެނދުނު ރުޅިގަދަވެ، އަޑުގަދަކުރުމަށް ފަހު، އެންމެ ފަހުން ދުއްވައިގަތް ގޮތަށް ފިލީ ކަމަށް ވެސް އާއިލާ އިން ބުނެއެވެ. އޭގެ ފަހުން މުހައްމަދުގެ ހަބަރެއް ނުވެއެވެ.

މުހައްމަދު ގެއްލިގެން އުޅޭ ކަން އިންޑިއާގެ ފުލުހުންނަށް ވެސް މިހާރު ވަނީ އަންގައިފައެވެ. އަދި އާއިލާ އިން އަމިއްލަ އަށް އިސް ނަގައިގެން މަހްމޫދު ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިއްޖެ ނަމަ، 7971667 އަށް ގުޅުމަށް އާއިލާއިން އެދެއެވެ.

އިންޑިއާގައި ހާއްސަ އެހީއަށް ބޭނުންވަ މީހަކު ގެއްލުނު އިރު އިންޑިއާގެ ބެންގަލޫރުގައި ހުންނަ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރެއްގައި މަސްތުވާތަކެއްޗަށް ފަރުވާ ހޯދަމުންއައި ދިވެއްސަކު މި މަހު ކުރީކޮޅު ވަނީ ފިލައިފައެވެ. އޭނާގެ ހަބަރެއް އަދިވެސް ނުވެއެވެ.