ތުރުކީވިލާތައް އިއްޔެ އައި ބާރުގަދަ ބިންހެލުމުގައި ދިވެއްސަކު ހާލުގައި ޖެހުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައި ނެތް ކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީގެ އޮފިޝަލަކު "ވަގުތު" އަށް ވިދާޅުވީ އެ ކާރިސާގައި ހާލުގައި ޖެހިގެން ނުވަތަ އެހީތެރި ކަމަށް ބޭނުންވެގެން އެއްވެސް ދިވެއްސަކު އަދި މިނިސްޓްރީއާ މުއާމަލާތްކޮށްފައި ނުވާ ކަމަށެވެ. ނަމަވެސް، ތުރުކީވިލާތުގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓްއާ ގުޅިގެން، އެ ގައުމުގައި ތިބި ދިވެހިންގެ ހާލު ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ތުރުކީވިލާތަކީ ވަރަށް ގިނަ ދިވެހިން ޗުއްޓީ ހޭދަކުރުމަށް ދަތުރު ކުރާ ގައުމެކެވެ. އަދި ބައެއް ސްކޮލަޝިޕްތަކުގައި ދިވެހިން ތައުލީމް ހާސިލް ކުރަން ވެސް ތުރުކީވިލާތުގައި ދިރިއުޅެއެވެ. ނަމަވެސް އެފަދަ މީހުން އާއްމުން ދިރިއުޅޭ އިސްތަންބޫލަށް ބިންހެލުމުގެ މާބޮޑު އަސަރެއް ނުކުރެއެވެ.

ތުރުކީވިލާތައް އިއްޔެ ރޭ ފަތިހު އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 4372 އަށް އަރައިފިއެވެ. އޭގެތެރެއިން 2921 މީހުން މަރުވެފައި ވަނީ ތުރުކީވިލާތުންނެވެ. 1451 މީހުން މަރުވެފައި ވަނީ ސީރިއާ އިންނެވެ.

ތުރުކީވިލާތުގެ ސަރުކާރުން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން ޒަހަމްވި މީހުންގެ އަދަދު 15834 އަށް އަރައެވެ. ބިންހެލުމުގެ ސަބަބުން ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން 7340 މީހަކު ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް ތުރުކީވިލާތުގެ ސަރުކާރުން ބުނެއެވެ.

ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރު ދުނިޔޭގެ ގިނަ ގައުމުތަކުގެ އެހީ އާއިއެކު ވަނީ ފަށާފައެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން ގެންދަނީ ވެއްޓިފައިވާ އިމާރާތްތައް ވީއެންމެ އަވަހަކަށް ނަގައި ދިރިތިއްބާ އަދިވެސް މީހުން ސަލާމަތް ކުރެވޭތޯ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އޭއި، އެތާތިބި މީހުންގުޅަންދެކަޢްތަ ތި ތިބެނީ، ފުރަތަމަ ދިވެހިސަރުކާރުން ނޫންތަ އެމީހުންގެ ހާލު ބަލަންޖެހެނީ، މީ ހާދަ ރަނގަޅު ބައެކޭ ދޯ، ރަނގަޅަށް ވިއްޔާ ކޮންސިއުލޭޓް އަށް ގުޅިކަމަކަށްވެސް ނުވާނެ.

  2. މުސާފިރު

    ބިންހެލުމުގައި ދިވެއްސަކު ހާލުގައި ނުޖެހުނަސް، ސީރިއާ އަދި ތުރުކީ ވިލާތުގެ ރައްޔިތުންނަށް އެހީގެއަތެއް ފޯރުކޮށްދޭން ފެނޭ. މިކަމަށް ކޮންމެވެސްބަޔަކު އިސްނަންގަވާ!

    10