ނ. ކެނދިކުޅުދޫ ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ ޕަބްލިކް ލިމިޓެޑް( އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި ކޮންޓްރެކްޓްގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤްއެވެ. އަދި، އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމްއެވެ،

މި މަޝްރޫއުގެ ދަށުން ރަށުގެ ހުޅަނގު ފަރާތު ބަނދަރުގެ އުތުރުން ބަދަރު ބޮޑުކުރުން، ބަނދަރު ނެރުފައިކަށި ދިގުކުރުމަށް 168 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި، ބަނދަރު ބޮޑުކުރާ ބައިގެ 200 މީޓަރު ބޮޑުހިލަ ބޭރުތޮށި، ބެކްފިލް ކުރާބައިގެ 130 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް، 246 މީޓަރުގެ ބޮޑުހިލަ ގްރޮއިން، 249 މީޓަރުގެ ކީވޯލް، 86 މީޓަރުގެ ޖެޓީ ހިމެނެއެވެ.

މި މަޝްރޫޢުގެ ދަށުން މިރަށުގައި ފާހަގަކުރެވިފައިވާ ލަފާ ފުރުމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ރަށުގެ ބަނދަރު ބޮޑުކުރެވި އަދި ރަށުގެ އުޅަނދުތައް އެހެލުމައްޓަކައި ބޯޓު ބީޗިން އޭރިއާއެއް ހެދޭނެއެވެ.

  1. ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރި މި މަޝްރޫއަށް 73 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މި މަސައްކަތް 500 ދުވަހު ގެ ތެރޭގައި ނިންމަންޖެހެއެވެ.