މ. ރަތްމަންދޫއަކީ ޒަމާނުއްސުރެ ރުއްގަލު ބޭސްވެރިކަމަށް މުޅި ރާއްޖެއަށް މަޝްހޫރު ރަށެކެވެ. ރަށުގައި 235 އާބާދީއެއްގެ ބަޔަކު ދިރިއުޅުން ދިޔަ ނަމަވެސް އެ ފަރާތްތަކުން ދިރިއުޅެމުންދަނީ ފުދުންތެރި ދިރިއުޅުމެކެވެ. ނަމަވެސް ރަށުގެ ރައްޔިތުންނަށް ތަކުލީފާއި ކުރިމަތިލާން ޖެހިފައިވާ އެއް މައްސަލައަކީ ބަނދަރެއް ނެތުމެވެ.

ރަތްމަންދޫގައި މީގެ ކުރިން ލަފާ ފުރުމަށް ރައްޔިތުން ބޭނުން ކުރަމުން ދިޔައީ ލަކުޑި ފާލަމެކެވެ. ލަކުޑި ފާލަން 60 ފޫޓްގެ ކޮންކްރީޓް ޖެޓީއަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަނީ ބަދަލުކޮށް ދެއްވައިފައެވެ. ނަމަވެސް އެ ރަށުގެ ރައްޔިތުންނަށް ބަނދަރެެއް ނެތުމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ލިބިފައިނުވާ ކަމަށް ރަތްމަންދޫ ކައުންސިލް ރައީސް އިސްމާއިލް ނާހިދު "ވަގުތަށް" ވިދާޅުވިއެވެ.

ރަތްމަންދޫ ބަނދަރު -- ޕޯޓޯ: ކައުންސިލް

ނާހިދު ވިދާޅުވީ ރަތްމަންދޫގައި ހަދާފައިވާ ޖެޓީއަށް ވުރެ އެތަނަށް ކައިރި ކުރާ އުނޅަދުތައް ބޮޑު ކަމަށެވެ. އެހެންކަމުން މުދާ އަރުވާ ބޭލުމުގައި އާއި ލަފާ ފުރުމުގައި ވަރަށް ގިނަ ގޮންޖެހުންތައް ދިމާވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖެޓީގައި ބޯޓެއް އޮވެއްޖެނަމަ ދެން އެހެން އުނޅަދަކަށް ކައިރިއެއް ނުކުރެވޭ އެތަނަކަށް. ވަރަށް އުނދަގޫވޭ އަސްލު މުދާ އަރުވާ ބާލާ ކަންކަން ކުރަން. ބައެއް ބޯޓު ފަހަރު ކައިރި ވެސް ނުކުރޭ ޖެޓީ ކުޑަކަމުން އުނދަގޫވާނެއޭ ކިޔާފައި." ނާހިދު ވިދާޅުވިއެވެ.

ރަތްމަންދޫއަށް ދިވެހި ބޭސް ކުރުމަށް ވަރަށް ގިނަ މީހުން އަންނަ ކަމަށާއި ޖެޓީ ކުޑަވެ ހަލާކުވެފައި ވާތީ އެ މީހުންނަށް އަރާ ފައިބަން ވެސް ދަތިވާ ކަމަށް ވިދާޅުވިއެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ހެދި ކޮންކްރީޓް ޖެޓީ ވެސް މިހާރު އެއްކޮށް ހަލާކުވެފައިވާ ކަމަށް ނާހިދު ވިދާޅުވިއެވެ.

ރަތްމަންދޫ ބަނދަރު -- ޕޯޓޯ: ކައުންސިލް

ނާހިދު ވިދާޅުވީ ރަތްމަންދޫ ރައްޔިތުން މާލެ ދަތުރުކުރަން ބޭނުންވެއްޖެ ނަމަ ގިނަ ފަހަރު ދާން ޖެހެނީ ކައިރީގައި އޮންނަ ރަށަކަށް ކަމަށެވެ. އެ ރަށުގައި ބަނދަރެއް ނެތުމުގެ ސަބަބުން މާލެދާ އުނޅަދުތައް ގިނަ ފަހަރު ކައިރި ނުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

" އަތޮޅު ފެރީ އަންނަ އިރުގައި ވެސް އެހެން އުޅަނދެއް ޖެޓީގައި އޮތިއްޔާ އެއަށް ކައިރިއެއް ނުކުރެވޭ. މިއީ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު ތަކުލީފެއް." ނާހިދު ވިދާޅުވި އެވެ.

ނާހިދު ވިދާޅުވީ ޖެޓީ ހަދާފައިވާ ރަށުގެ ހުޅަނގު ފަރާތުން ރަށް ވަރަށް ބޮޑަށް ގިރަމުންދާ ކަމަށެވެ. އެގޮތުން ފުޅާ މިދުގައި 50 ފޫޓް ވަރު މި ފަހުން ވެސް ގިރާފައިވާ ކަމަށާއި އެ ސަރަހައްދުގައި ހުރި ވަރަށް ގިނަ ރުއް ގަސްތައް ގިރުމުގެ ސަބަބުން ވެއްޓިފައިވާ ކަމަށް ވެސް ނާހިދު ވިދާޅުވިއެވެ.

ރަތްމަންދޫ ބަނދަރު -- ޕޯޓޯ: ކައުންސިލް

ރަތްމަންދޫގައި ބަނދަރެއް އިމާރަތް ކުރުމަށް މި ސަރުކާރުން މި އަހަރުގެ ބަޖެޓްގައި ވަނީ ހިމަނައިފައެވެ. ނާހިދު ވިދާޅުވީ އެ މަސައްކަތާ ގުޅިގެން މިނިސްޓްރީއާއި ވާހަކަ ދެއްކުމުން އެ މަޝްރޫއު އޮތީ ޑިޒައިނިންގެ މަރުހަލާފައި ކަމަށް މިދިޔަ ނޮވެމްބަރު މަހުގައި އެންގި ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ބީރުބޮލު.

    ޢަނެއް 50 މިލިޔަން ހަރަދުކޮއް ތިރަށުގަ ބަދަރުހަދާ. 250 މީހުނައްޓަކާ.

    13
    4
  2. Anonymous

    ޔާމީން ވެރިކަމާއެއްކޮށް ފާލަން ހަލާކުވާގޮތަށް ދެއްތޯ ހަދާފަ. އެއިރުގައި ތިވެސް ދެން ޝުކުރުކުރާވަރު ކަމެއް.

    މިދައުރު ކޮމްޕްލީޓް ބަނދަރު. ސާބަހޭ އިބޫ

    5
    1
    • ފަހަލަ

      ޔާމީނު ވެރިކަމުގަ ހެދި ފާލަން އަވަހަށް ހަލާކުވުމަކީ ޔާމީނު ސަރުކާރުގެ މަައްސަލައެއް ނޫން. އެފާލަމުގެ ޑިޒައިން ތައްޔާރުކޮށްފަ އޮތީ ވަރަށް ރަނގަޅަށް. މަސައްކަތް ޙަވާލުވި ކުންފުނިން މަސައްކަތަށް ފޮނުވީ މުޅިންވެސް 24 ގަޑި އިރު ހަމައިގަ ނުތިބޭ ގްރޫޕެއް. އެ ގްރޫޕަކަށް ނޭނގެ އަތުންފައިން ކުރެވެނީ ކީއްކަމެއް. އޭރުގެ އެމް.ޕީ މުބީނުގެ ކުންފުނިން މަސައްކަތް ކުރީ އަމާބުނީތީ ފަރަށްދާ އުޞޫލުން. މަސައްކަތުގެ ފެންވަރު ދަށްވުމުން ރައްޔިތުން ޝަކުވާ ކުރިނަމަވެސް އެކަށޭނަ ޙައްލެއް ނުލިބުނީ މުބީނުގެ ނުފޫޒުގެ ސަބަބުން. ލާރިގަނޑު ކާލާފަ މަސައްކަތް ނުވެސް ނިންމާ ދިޔައީ. އެޔަކީ ޔާމީނު އަދި ޔާމީނު ސަރުކާރުގެ މައްސަލައެއް ނޫން. ވަރަށް ރަނގަޅުފެންވަރުގަ ޖެޓީ އަޅަން ކުރެހުން ތައްޔާރުކޮށް ބޭނުންވާ ބަޖެޓް ސަރުކާރުން ދިން.. މަސައްކަތް ހަލާކުކޮށްލީ ޕްލޭނިންގ މިނިސްޓްރީގަ އުޅުން ރިޔާޒުއާ ގުޅިގެން މުބީނުގެ ކުންފުނިން...

  3. ޏ

    މިކަހަލަ އަސާސީ ކަންކަމާހުރެ ރަށްރަށް އާބާދު ނުވަނީވެސް. ތަރައްޤީ ނުކޮށްދީ މަޖުބޫރުކުރުވަނީ މާލެ އަންނަން. އައީމަ މިބުނަނީ ރަށް ތަރައްޤީ ނުވަނީ އާބާދީ މަދުކަމުންނޭ. އަރަތެއްނު

    6
    2
  4. އިބްރާހީމް

    ރަށެއް އު ފަން ރައްޔިތެއްގެ ހައިސިއްޔަތުން ބުނެލަން ބޭނުމީ ސަރުކާރުން ރަށުގައި ތިބި މަދު މީސްކޮޅު ވަސީލަތްތައް ފުރިހަމައަށް ލިބެންހުރި އަތޮޅުގެ އެހެން ރަށަކަށް ބަދަލުކޮށްދިނުމަކީ އަޅުގަނޑުމެންގެ ވަރަށްބޮޑު އެދުމެއް

    5
    2
  5. ފަޅުހެދުން

    މިހާރުވެސް ބޮޑެތި ޚަރަދުތަކެއް ކޮށްގެން ފާލަން ތިވަނީ އަޅާފަ ވާރު 8 ޕަސެންޓަށް ބޮޑުކޮށް މަދިރި ކޮންޓްރޯލް ކުރަންވިޔަސް ކަމެއް ނުކޮށް ތިބޭ ވެރިކަމެއްގަ ތިއޮއްރީތި ފަޅު ހަލާކުކޮށްގެން ބަނަދަރެއް ހެދުން ރަނގަޅެއް ނޫން

    3
    1
  6. ގަން

    އާބާދީ މަދު، ބިން ކުޑަ ހުރިހާ ރަށަކުން މީހުން ބާލަންވީ...މި ސިޔާސީ މީހުން ހަމަ ތެޅިގަންނާނޭ...

    9
    2