ޖަޕާންގައި ބާއްވާ މަޒުމޫނު ލިޔުމުގެ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ހުޅުވާލައިފިއެވެ.

ޔޫތު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޖަޕާންގެ ދަ ގޮއި ޕީސް ފައުންޑޭޝަނުން އިންތިޒާމްކުރާ "އިންޓަރނޭޝަލް އެސޭ ކޮމްޕެޓިޝަން ފޮރ ޔަންގް ޕީޕަލް 2023" މަޒުމޫނު ލިއުމުގެ މުބާރާތުގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ ފުރުޞަތުވަނީ ލިބިފައި ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވެވޭނީ 14 އަހަރާއި 25 އަހަރު ދެމެދު ޒުވާނުންނަށެވެ. މިއަހަރުގެ ޝިޢާރަކީ "ޔޫތު ކްރިއޭޓިންގ އަ ޕީސްފުލް ފިއުޗަރ" އެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ އުމުރުން 14 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުން 15 ޖޫން 2023 ގެ ކުރިން ޖަމިއްޔާގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށް މަޒުމޫނު ހުށަހެޅުއްވުމަށް ޔޫތު މިނިސްޓްރީން އެދެއެވެ. މި މުބާރާތާ ގުޅޭ އިތުރު މަޢުލޫމާތު ވެސް ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

މިމުބާރާތައް ހުށަހަޅާ މަޒުމޫނުގައި 1600 ބަސް ހިމަނަން ޖެހޭނެއެވެ. އިނގިރޭސި ބަހުގެ އިތުރުން ފްރެންޗް ނުވަތަ ޖަޕާން ބަހުން ވެސް މަޒުމޫނު ހުށަހެޅޭނެއެވެ. ނަމަވެސް ހުށަހަޅާ މަޒުމޫނަކީ މީގެ ކުރިން އެއްވެސް ތަނެއްގައި އާއްމު ކޮށްފައިވާ މަޒުމޫނަކަށް ވެގެން ނުވާނެއެވެ.

މުބާރާތުގެ އެއްވަަނަ އިނާމަކަށް އެއްލައްކަ ޔެން، ދެވަނަ އިނާމަކަށް ބައިލައްކަ ޔެން ލިބޭނެއެވެ. އޭގެ އިތުރުން ސެޓްފިކެޓާއި އެވޯޓް ލިބޭނެއެވެ. އަދި ތިންވަނަ އިނާމަކަށް ސެޓްފިކެޓާއި އެވޯޑާއި ހަދިޔާއެއް ލިބޭނެއެވެ. އޭގެ އިތުރުން މުބާރާތުގައި ބައިވެރި 25 ފަރާތަކަށް ވެސް ހާއްސަ ސެޓްފިކެޓެއް ދޭނެއެވެ.

ޓޯކިއޯގައި 1999 ވަނަ އަހަރު އުފެއްދި ޖަޕާންގެ ދަ ގޮއި ޕީސް ފައުންޑޭޝަނަކީ ސުލްހަ ގާއިމު ކުރުމަށާއި، ގައުމުތަކުގެ މެދުގައި ސުލްހަ އާއި ހަމަޖެހުން ގާއިމު ކުރުމަށް ބާރުއަޅާ ޖަމިއްޔާ އެކެވެ. އެޖަމިއްޔާ އިން ތަފާތު ފޯރަމްތަކާއި ސެމިނާތައް ވެސް ބާއްވަމުން ގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. 😡😡😡

    ބަލާބަލަ އެލްގީބީޓީ ދިދައާ ބައެއް ލޯގޯ އެފެންނަނީ. އިންކްލޫސިވޭ ޑައިވާސިޓިއޭ ކިޔައިގެން ޅަޖީލު ހަލާކުކޮށްލަން ފަތުރާ ޕްރޮޕެެގެންޑާ.

  2. ދެރަ

    ބަލާބަލަ އެލްގީބީޓީ ދިދައާ ބައެއް ލޯގޯ އެފެންނަނީ. އިންކްލޫސިވޭ ޑައިވާސިޓިއޭ ކިޔައިގެން ޅަޖީލު ހަލާކުކޮށްލަން ފަތުރާ ޕްރޮޕެެގެންޑާ. ސަމާލވޭ