ރައީސް މުހައްމަދު ނަޝީދު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމަށް އަލުން އެމްޑީޕީގެ މެމްބަރަކަށް ވެވޭނީ އަހަރެއް ފަހުން ކަމުގައި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފިއެވެ.

އެ ކޮމެޓީން ނިންމެވި ނިންމެވުން ހާމަކުރާ ރިޕޯޓެއް ޢާންމުކުރަމުން އެމްޑީޕީން ބުނީ އާޒިމަށް ޕާޓީއަށް އެނބުރި އާދެވޭނީ ވަކި ޝަރުތުތަކަކަށް ބޯ ލެނބުމުން ކަމަށެވެ.

ޢަލީ އާޒިމް ވަނީ އިއްޔެގެ ވަގުތެއްގައި ޕާޓީގެ މެންބަރުކަމުން އެއް އަހަރުގެ މުއްދަތަކަށް ވަކިކޮށްފައިއެވެ. އޭނާ ވަކިކޮށްފައިވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ފަރާތުން އޭނާއާއި ބެހޭގޮތުން ހުށަހަޅާފައިވާ މައްސަލަ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ބައްލަވައި ނިންމި ނިންމުމެއްގެ މައްޗަށެވެ.

އެގޮތުން، "މިއަދުން ފެށިގެން ގުނާލެވޭ މީލާދީ ކަލަންޑަރުން އެއް އަހަރުގެ މުއްދަތު ފާއިތުވުމަށް ފަހުގައި އާޒިމްގެ މެންބަރުކަން ޕާޓީން ޤަބޫލުކުރާނީ، މެންބަރަކަށް ވުމަށް އެދޭ ފޯމާއެކު، މުޅިން އަލަށް އެ ޕާޓީއަށް ވަނުމަށް އެދޭ ޞައްޙަ 100 މެންބަރުންގެ ފޯމު، ހުށަހެޅުން" ޝަރުތެއްގެ ގޮތުގައި އެމްޑީޕީން ނެރުނު ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ.

އަދި އޭގެ އިތުރަށްވެސް، މިއަދުން ފެށިގެން މީލާދީ ކަލަންޑަރުން 5 އަހަރު ދުވަހުގެ މުއްދަތަށް ޕާޓީގެ އެތެރޭގެ އެއްވެސް މަޤާމަކަށް ކުރިމަތި ނުލެވުމާއި، ޕާޓީގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިނުވެވޭ ގޮތަށްވެސް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ރިޕޯޓްގައި ކަނޑައަޅާފައިވެއެވެ.

"ފިކުރެއްގެ ދިރުން" ހަރަކާތުގައި އުޅުއްވާ ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް ފިޔަވަޅު އަޅައިދޭން ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) އިން އެދުމުން އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމެއް ވަނީ ބާއްވައިފައެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕުން ފިޔަވަޅު އަޅައި ދިނުމަށް އެދުނީ ތަކުރާރުކޮށް އެ ޕާޓީގެ ވިޕްލައިންތަކާ ހިލާފުވުމާއި ކެބިނެޓު ވަޒީރުންގެ އިތުބާރު ނެތް ކަމަށް އިދިކޮޅުން ކުރިއަށް ގެންދާ މައްސަލަތަކުގައި އެއްބާރުލުން ދޭތީއެވެ.

"ޕާޓީގެ ރައީސް ވިދާޅުވަނީ ރާއްޖޭގެ ކަނޑުން ބައެއް އުނިވި މައްސަލައަކީ ޕާޓީގެ ސިޔާސަތުގައި އިހްތިޖާޖު ކުރަން ޖެހޭ ކަމެއް ކަމަށް" އާޒިމް ކުރެއްވި ޓްވީޓެެއްގައި މިފަދައިން ބަޔާންކުރަމުން އާޒިމް ވިދާޅުވީ އޭނާ އާއި ދޭތެރޭ ފިޔަވަޅު އެޅުމަށް ހިތަށް އެރުމަކީވެސް ކުށެއް ކަމަށެވެ.

ފަސް މެމްބަރުންނަށް ފިޔަވަޅު އަޅައިދޭން އެމްޑީޕީގެ ޕީޖީން ފޮނުވިއިރު، އެމްޑީޕީގެ އަސާސީ ގަވައިދާއި ޕާލަމަންޓްރީ ގްރޫޕްގެ ގަވައިދާ ހިލާފުވާ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަބްދޫ

    އާޒިމް އެމްޑީޕީގެ މެމްބަރު ކަމުގަ ހުންނަނީ އާޒިމްގެ އަމިއްލަ ޓިކެޓްގަ. އެމްޑީޕީގެ ޓިކެޓަކު ނޫން . އާޒިމް ޑީއާރު ޕީ ގަ ހުރީ ވެސް އާޒިމްގެ އަމިއްލަ ޓިކެޓްގަ. މާނަޔަކީ ޑީއޤާރުޕީގަވެސް އެމްޑީޕީ ގަވެސް މެމްބަރުކަމަށް އާޒިމް އިންތިހާބުވެފަ ވަނީ އާޒިމްގެ އަމިއްލަ ސަޕޯޓް ގައޭ.

    4
    1
  2. 😄

    ޓޮލެރޭޓެއް ނުކުރެވުނު ހުދުމުހުތާރު އިބުރާހީމަކަށް