ބަންގްލަދޭޝްއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމާލެއްވުމަށް ފަހު ނައިބު ރައީސް ފައިސަލް ނަސީމް މިއަދުގެ ވަގުތެއްގައި އެނބުރި މާލެއަށް ވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅަކީ ހަ ވަނަ އިންޑިއަން އޯޝަން ކޮންފަރެންސް 2023ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އިންޑިއަން އޯޝަން ކޮންފަރެންސްގައި ތަގްރީރު ކުރައްވާފައެވެ. އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މި ކޮންފަރެންސް ބާއްވާފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައިއެވެ.

މި ކޮންފަރެންސްގެ މި ފަހަރުގެ ޝިޢާރަކީ، "ދެމެހެއްޓެނިވި ކުރިމަގަކަށް، ސުލްޙައާއި ފާގަތިކަން އަދި ބައިވެރިވުން" މި ޝިއާރެވެ.

މި ކޮންފަރެންސްގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި އިންޑިއާ ކަނޑުގެ ސަރަހައްދީ ގުޅުން ބަދަހިކުރުމުގެ މަގުޗާޓެއް އެކުލަވާލުމަށްޓަކައި ކަމާބެހޭ ފަރާތްތައް އެއްތަނަކުން ބައްދަލުވެ މަޝްވަރާކުރެއްވުން ހިމެނެއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މި ކޮންފަރެންސްެގެ ހަވާސާގައި، ބަންގްލަދޭޝް ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.