ރާއްޖޭގައި ބާއްވާ އެންމެ އަގު ބޮޑު ފުޓްސަލް މުބާރާތް، "ނެސޯ ވަގުތު ފުޓްސަލް ޗެލެންޖު 2023" ގެ ފައިނަލް މެޗު ސަންގު ޓީވީ މެދުވެރިކޮށް ލައިވް ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ މަނިކު ދަނޑުގައި މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި ވާދަ ކުރާނީ އެންމެ ފަހުން ބޭއްވި ދެ މުބާރާތް ވެސް ކާމިޔާބުކޮށްފައިވާ އެފްސީ އުސްގަނޑައެވެ. އުސްގަނޑަ އިން މުބާރާތުގެ ތަށި މިލްކު ކުރަން ނުކުންނަ އިރު، އެ ޓީމާ ދެކޮޅަށް ނުކުންނާނީ މައިލޯ ސިޓީއެވެ. އެފްސީ އުސްގަނޑަ އިން ވަނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރު ބޭއްވި މުބާރާތް ކާމިޔާބުކޮށްފައެވެ. މައިލޯ ސިޓީން ވަނީ 2020 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކޮށްފައެވެ.

ނެސޯ ވަގުތު ފުޓްސަލް ޗެލެންޖު 2023:އެފްސީ އުސްގަނޑަ އާއި މޫލިކެޑަ ބައްދަލު ކުރި މެޗްގެ ތެރެއިން - ވަގުތު އިމޭޖްސް: އަހްމަދު އަލީ

ރާއްޖޭގެ ފުޓްސަލްގައި ނަން ހިންގާ ގިނަ ކިޅުންތެރިންތަކެއް ފެނިގެން ދާނެ މި ފައިނަލް މެޗަކީ، ރާއްޖޭގެ ފުޓްސަލްގެ ތާރީހުގައިވެސް ކުޅެވިގެން ދާނެ އެންމެ ފޯރި ގަދަ އެއް ފައިނަލްއެވެ. ހިތަދޫއަށް ނިސްބަތްވާ ދެ ޓީމުގެ މެދުގައި ކުޅެވޭ މި ފައިނަލުގައި އައްޑޫގެ ހުނަރުވެރި ކުޅުންތެރިންވެސް ފެނިގެން ދާނެއެވެ.

ވަގުތު ފުޓްސަލް ޗެލެންޖު: އައްޑޫގައި ބުރާސްފަތި ދުވަހުގެރޭ ހަވާ އަރުވަނީ

މި މުބާރާތުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ އަބްދުﷲ ޝައްފާން މައިލޯ ސިޓީއިން ފެނިގެން ދާއިރު، މުބާރާތުގައި ކުޅޭ އެންމެ ޒުވާން ކުޅުންތެރިޔާ މުހައްމަދު އީޒާން ރާޝީދު އެފްސީ އުސްގަނޑައިން ފެނިގެންދާނެއެވެ. މީގެ އިތުރުން އައްޑޫގައި އެންމެ ފަހުން ބޭއްވި ގޯދިޔާ ކަޕްގެ "ކިންގް" މަގާމު ހޯދި ހުސައިން ޝަރީފް (އޮންލީ) މައިލޯ ސިޓީއިން ފެނިގެން ދާނެއެވެ. ހަމަ އެއާއެކު ރާއްޖޭގެ ފުޓްސަލް ކިންގުންގެ ލިސްޓުގެ އެންމެ ކުރީގައި އުޅޭ އަދި އެންމެ ފަހުން ބޭއްވި ވަގުތު ފުޓްސަލް ޗެލެންޖުގެ ކިންގްގެ މަގާމު ހޯދި އަޔާޒް އަހުމަދް (އަޔާ) ވެސް އެފްސީ އުސްގަނޑައިން ފެނިގެން ދާނެއެވެ.

ޑްރީމްސް ޕިއްޒާ ވަގުތު ފުޓްސެލް ޗެލެންޖް 2020: ފައިނަލް މެޗް: އެފްސީ އުސްގަނޑަ އަދި މައިލޯސިޓީ އެފްސީ -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ފޯރި ގަދަ ފައިނަލުގައި ދެޓީމުގެ ކެޕްޓަނުންގެ ގޮތުގައި ފެނިގެން ދާނީ އައްޑޫ ސިޓީއަށް ނިސްބަތްވާ ދެކުޅުންތެރިންނެވެ. މައިލޯ ޓީމުގެ ކެޕްޓަންގެ ގޮތުގައި ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ހާޒިމް ފައުޒީ ފެނިގެން ދާއިރު، އެފްސީ އުސްގަނޑަގެ ކެޕްޓަންގެ ގޮތުގައި، ފެންނާނީ އައްޑޫ ސިޓީގެ އެންމެ ކާމިޔާބުއެއް ކެޕްޓަން އަލީ ލިރުއާމްއެވެ.

ވަގުތު ފުޓްސަލް ޗެލެންޖު ނިންމުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. ހަވާ އަރުވަނީ އެމްއެންޑީއެފް ސިފްކޯގެ އެހީތެރިކަމާ އެކުގައި މާދަމާރޭ 11:00 އާއި 11:30 އާ ދެމެދުގެ ވަގުތެއްގައެވެ.

ފައިނަލް މެޗު ފަށާނީ މާދަމާރޭ 9:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މަނިކު

    އަޔާއަށް ދެއްކީ ރަނގަޅު ކާޑެއް
    ކާޑް މާފްކުރާކަށް ނުޖެހޭ....

    3
    1
  2. ހަސަނު

    ފުޓްބޯޅަޔާ ހިލާފައް ބަލަން ވަރައްފޫހި ކުޅިވަރެއް

  3. ބަރަބޯ

    ތިނުބަލާނެ ބުޅާވެސް….

  4. ރާއިޒް

    މެޗު އޮންނަ ގަޑިއެއްވެސް ލިޔެލިނަމަ

  5. ކަބަޑު

    މިހާ ދިގުކޮށް ޚަބަރު ލިޔުނުއިރުވެސް މެޗު ފަށާ ގަޑި ލިޔެލަން ވެސް ނޭނގުނު. މި ފެންވަރުގެ ނޫސްވެރިން މި އުޅެނީ.