މުލަކަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް ތައްޔާރުވެއްޖެއެވެ. މުލަކަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ފެށުމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު މިއަދު ވަނީ މުލަކަތޮޅަށް ވަޑައިގެންފައެވެ.

މި ދަތުރުފުޅުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް. ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ބައިވެރިވެލައްވައެވެ.

މިދަތުރުފުޅުގައި މުލަކަތޮޅުގައި އަވައްޓެރި ފުލުހުންގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ އިތުރުން މަޑުއްވަރީ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވުން ވެސް އޮންނާނެއެވެ.

މިދަތުރުފުޅުގައި، މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަދި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފްގެ އިތުރުން ދަތުރުގައި ބައިވެރިވެލައްވާ ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުން، މުލަކަތޮޅުގެ ރަށްރަށުގެ ކައުންސިލުތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވާނެ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަވައްޓެރި ފުލުހުންގެ ޚިދުމަތަކީ ކުރިއަށް އޮތް ފަސް އަހަރަށް ކަނޑައަޅާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ލަނޑުދަނޑިތަކުގެ ތެރެއިން ލޯކަލް ޕޮލިސިންގެ ތެރޭގައި ހިމެނޭ ކަމެކެވެ. އަވައްޓެރި ފުލުހުންގެ ޚިދުމަތަކީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށް ބިނާވެގެންވާ ޚިދުމަތެކެވެ. އެ އަސާސްތަކުގެ ތެރޭގައި ހިމެނެނީ އިތުބާރާއި، އިޚުތިރާމާއި، އެކުގައި، އަމާން މުޖުތަމައެއް ބިނާ ކުރުމެވެ.