ރައްޔިތުންގެ މަޖިލީހުގައި ޕާޓީތަކުގެ ދަފްތަރަށް އައި ބަދަލާ ގުޅިގެން ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް އެކުލަވައިލުމުގެ މަސައްކަތް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.

ކޮމިޓީތައް އަލުން އެކުލަވާލުމުގެ މަސައްކަތް މާދަމާއަށް އެޖެންޑާކޮށްފައި މިވަނީ މިމައްސަލައިގައި ގޮތެއް ނުނިމި ދިގުލައިގެން ގޮސް، މަޖިލީހުގެ ހުރިހާ މަސައްކަތެއް ހުއްޓިފައިވާ ދަނޑިވަޅެއްގައެވެ.

މަޖިލީހުގެ ދަފްތަރަށް ބަދަލު އައިސްފައިވަނީ އެމްޑީޕީގެ 13 މެމްބަރަކު އެ ޕާޓީން ވަކިވުމާ ގުޅިގެންނެވެ. އެގޮތުން ކޮމިޓީތައް އަލުން އެކުލަވައިލަން ޖެހޭކަމަށް މަޖިލީހުގެ ރައީސް ނިންމަވާފައިވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ.

އެހެން ނަމަވެސް މިކަމުގައި ގޮތެއް ނިންމުމުގައި ސިޔާސީ ޕާޓިތަކުގެ މެދުގައި އެއްބަސް ނުވެވޭތީ ކޮމިޓީތައް އޮތީ އެކުލަވައިނުލެވި، މަޖިލީހުގެ ހުރިހާ މަސައްކަތެއް އޮތީ ހުއްޓުމަކަށް އައިސްފައެވެ.

މާދަމާގެ އެޖެންޑާގެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންނާއި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ މެންބަރުން ތަމްސީލް ކުރެވޭ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލަ ވަނީ އެޖެންޑާކޮށްފައެވެ.

މާދަމާގެ ޖަލްސާއަށް ކޮމިޓީތައް އަލުން އެލުލަވާލުމާއި ގުޅޭ މައްސަލަ އެޖެންޑާކޮށްފައި އޮތަސް، މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށްފައެއް ނުވެއެވެ.