މާފަންނު މުއިވެޔޮދޮށު ނުވަތަ ބިސްބުރު ޕާކް މަރާމާތު ކުރުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ޖުމްހޫރީ ބިނާއާއި ކުޑަކުދިން ކުޅޭ ސާމާނާއެކު އެތަން ހުޅުވާފައިވަނީ 2015 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. ދެ މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި އެ ޕާކު އޭރު ހުޅުއްވައިދެއްވީ އޭރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އާއި ސްޓޭލްކޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝަކޫރުއެވެ.

ގިނަ އަދަދެއްގެ ކުޑަކުދިންތަކެއް އާއިލާއާއި އެކީ ގޮސް އުޅުނު އެތަން ރަނގަޅަށް ނުބެލެހެއްޓި މިހާރު ވަނީ ވަރަށް ބޮޑަށް ބާވެފައެވެ. އެހެންކަމުން ކައުންސިލުން ވަނީ އެތަން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވާކަން ހާމަ ކޮށްފައެވެ.

ކައުންސިލުން ބުނީ، މުއިވެޔޮދޮށު މައިޒާނުގައި ކުޑަކުދިންނަށް ކުޅެވޭނެ އާ ސެޓެއް ހަރުކުރުމުގެ މަސައްކަތާއި ލައިޓްތައް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.