ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ކޮޅެއްގައި ނުޖެހި ނިންމާލައިފި އެވެ.

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން ރައީސް މުހައްމަދު ނަޝީދާއާއި ނާއިބު ރައީސް އީވާ އަބްދުﷲ އުޒުރުވެރިވެފައިވާތީ "މަރުތަޅު" އެޅިފައި އޮއްވައި މިއަދު މިއަދު ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީީފް ހަމަޖެއްސެވުމުން ރިޔާސަތު ބަލަހައްޓަވަން ފެށީ އަފީފް އެވެ.

މިއަދުގެ ޖަލްސާގައި ފުރަތަމަ ކަމަކަށް އެޖެންޑާ ކޮށްފައި އޮތީ ކޮމިޓީތަކަށް މެމްބަރު އަލުން އެކުލަވާ ލުމާ ގުޅޭ މައްސަލައެވެ.

ނަމަވެސް އޭގެ ކުރިން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ކުއްލި މައްސަލައެއް ހުށަހަޅުއްވަން މަސައްކަތް ފަށާފައެވެ. އެއީ ސަރުކާރުން ބިލިއަނުން ކުންފުނިތަކަށް ބަދަލު ދިން މައްސަލައިގައި، ބަދަލުދިން އަދަދުގެ ތަފްސީލާއި ބަދަލު ދިން ހުރިހާ ކުންފުނިތަކެއްގެ ނަންތައް ހާމަ ކުރުމަށް ގޮވާލާ ހުށަހެޅި މައްސަލަ އެވެ.

އެ މައްސަލަ ހުށަހަޅަން އާދަމް ޝަރީފްއަށް ފުރުސަތު ދެއްވި ނަމަވެސް އެ މައްސަލަ އެއްކޮށް ހުށަހެޅޭ ގޮތެއް އޭނާއަށް ނުވިއެވެ. އެއީ މަޖިލީހުގެ އެކި މެމްބަރުން ނިޒާމީ ނުކުތާ ތަކުރާރުކޮށް ނަންގަވަމުން ދިއުމެވެ. އެހެންވެ ދެ ފަހަރަކު މަޖިލިސް ކުރިއަށް ނުގެންދެވިގެން ގިނަ އިރުތަކަކަށް މެދު ކަނޑާލި އެވެ.

ނިޒާމީ ނުކުތާގެ އޮއިވަރުން އަރައި ނުގަނެ އެތައް އިރެއް ވަނިކޮށް ރިޔާސަތުގައި އިންނެވި އަފީފްއަށް އައީ ފޯނު ކޯލެކެވެ. އެ ކޯލަށް ޖަވާބު ދެއްވަމުން "މަޖިލިސް މި ނިންމާލަނީ" އޭ ވިދާޅުވާ އަޑު ވަރަށް ރީއްޗަށް އިވެއެވެ.

އެއާއެކު އަފީފް ދެން ވިދާޅުވީ މިއަދަށް މަޖިލިސް ނިންމާލެއްވީ ކަމަށެވެ.

އަފީފްއަށް ކޯލު ކުރެއްވީ ކޮން ބޭފުޅެއް ކަމަށް ސާފެއް ނުވެއެވެ.

މިއަދު މަޖިލިސް ނިންމާލި އިރު މި ހަފްތާ އެއްގޮތަކަށް ވެސް މަޖިލިސް ކުރިއަށް ގެންދެވޭ ގޮތެއް ނުވެއެވެ. އެހެންވެ މަޖިލިސް މަރުތަޅު ފިލުވަން އެމްޑީޕީން މަޖިލީހުގެ ގަވައިދަށް ބޮޑެތި އިސްލާހުތަކެއް ވަނީ ހުށަހަޅައިފަ އެވެ. ނަމަވެސް އެ އިސްލާހުތައް މިއަދުގެ ޖަލްސާއަށް އެޖެންޑާއެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޗޯ

    ގުޅީ ޗޯރޭ. 😂

    5
    2
  2. ޝަނީފް

    މުސާރަ ދީގެން ނުވާނެ ތީގެން އެކަކަށްވެސް. މުޅި ދައުލަތް ޚަރާބު ކޮށްފި ތިމީހުން.

  3. މާމީ

    މަޖިލިސް ތިއަކީ ބޭނުން ތަނެއްނޫން ކޮންމެދުވަހަކު ވެސް ކޮންމެ ވެސް މީހަކައް ވަގައް ގޮވުން ކަމަކީ ރައްޔިތުން ނައް ފައިދާހުރި އެއްވެސް ކަމެއް ކުރާ ތަނެއް ނޫން.

  4. ތެޔޮނާޅާގެ އަޅަގެނޑިޔެ

    އަފީފައް ކޯލްކުރާނީ ރައީސް ނަޟީދު ކޮބާ މައްސަލަޔަކީ މައްސަލަޔެއް އޮތްކަމަކައް ފާހަނގަނުކުރެވޭ

    4
    4
    • މަންޑޭލާ

      ކަލެޔަށް މައްސަލައަކަށް ނުވާނެ އެއްކަމެއްވެސް. މަޖީލީހުގަ އޭނަޔަކަށް ފޯނު ބޭނުމެއް ނުކުރެވޭނެ ޖަލްސާ ހިނގަނިކޮށް. އަފީފަކަށް ނުޖެހޭ ފޯނުން މާފޮޅުވާކަށް އެހެއު މުގާބޭ ގުޅިޔަސް.

    • ކްރޯޑް

      މައްސަލައަކީ ކޯލް ކުރުމެއް ނޫން ރައްޔިތުންގެ ފައިސާއިން މުސާރަ ނަގައިގެން ހުރެ ކެނެރީގޭ ނަޝީދުގެ އޯޑަރަށް މަޖްލިސްގެ ޖަލްސާ ތަކުގަ ކަންތައްކުރުން. ޖަލްސާތައް ގެންދަން ވީގޮތުގެ ގަވައިދެއް އޮވޭ. ޢެއަށް އަމަލް ނުކުރާތީ.ބުރާންތި ވިޔަސް ބޮޑުވަރު