އަންނަ ރިޔާސީ އިންތިހާބާ ދިމާކޮށް އިދިކޮޅު ކޯލިޝަނުން ވަމުންދާ ވައުދުތަކަކީ ވަށާ ޖެހޭ ރައްޔިތުންނަށް ފައިދާވާނެ ވައުދުތަކެއް ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ގދ. ފިޔޯރީގައި މިއަދު ބޭއްވި އިދިކޮޅު ކޯލިޝަންގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާންގެ ވާހަކަ ފުޅުގައި މި ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސިޔާސީ ގޮތުން ދޮގު ވާހަކަތައް ދައްކައިގެން އިންތިިހާބުތައް ކާމިޔާބުކޮށްގެން އައިސް ރައްޔިތުންގެ މަތިން ހަނދާން ނައްތާލާ މީހުން ރައްޔިތުންެ ވެސް ހަނދާން ނައްތާލަން ޖެހޭ ކަމަށެވެ.

އެހެންކަމުން މި ސަރުކާރުން އަންނަން އޮތް އިންތިހާބުގައި ބަދަލު ކުރަން ޖެހޭ ކަމަށް ޣައްސާން ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަންގެ ރިޔާސި ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިން މޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވެވަޑައިގެންނެވި ވައުދަށް އިޝާރާތް ކުރައްވައި ޣައްސާން ވިދާޅުވީ އެއީ ރައީސް އަބްދުﷲ ޔާމީންގެ ޓީމުން ވެ ވަޑައިގެންނެވި ވައުދެއް ކަމަށާއި ﷲ އިރާދަފުޅުން އެ ވައުދު ފުއްދަވާ ދެއްވާނެ ކަމަށެވެ.

ޣައްސާން އެ އިޝާރާތް ކުރެއްވީ 3000 ޓަނުގެ މަސް ޕްރޮސެސް ކުރެވޭ ފެސިލިޓީއެއް ގދ. ފިޔޯރީގައި ގާއިމް ކޮށްދެއްވާނެ ކަމުގެ ވާހަކައެވެ.

ގދ. ފިޔޯރީގައި އިދިކޮޅުން މިއަދު ހެނދުނު ކުރިއަށްގެންދިޔަ ޖާލްސާގައި ޣައްސާން ވާހަކަދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ރައްޔާން މުހައްމަދު

"އެ ވަރުގެ ފެސިލިޓީއެއް އަންނަ އިރު [ފިޔޯރީ] ގެ ތޮށިވެސް ރަނގަޅު ކުރެވޭނެ. ބަނދަރުވެސް ބޮޑު ކުރެވޭނެ. ސަބަބަކީ އުއްމީދު ކުރެވޭ ގޮތުގައި މި ސަރަހައްދުގެ ހުރިހާ ދޯނި ފަހަރު އައިސް މި ބަނދަރަށް ބަނދަރު ކުރަން ޖެހިދާނެ." ޣައްސާން ވިދާޅުވިއެވެ.

އެހެންކަމުން ރައީސް ޔާމީންގެ ޓީމުން ވާ ވައުދުތަކަކީ ވަރަށް ބޮޑަށް ވަށާ ޖެހޭ ގޮތަށް ރައްޔިތުންނަށް ވަރަށް ބޮޑަށް ފައިދާ ކުރާނެ ވައުދުތަކެއް ކަން ޣައްސާން ފާހަގަ ކުރެއްވިއެވެ.

އަދި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ އިންތިހާބުގައި އޮންނަ އިންތިހާބުގައި އެ ކޯލިޝަނަށް ވޯޓު ދިނުމަކީ އެންމެންގެ އަމިއްލަ ކުރިމަގަށް ކުރެވޭ އިންވެސްޓެއްކަން އޭނާ ފާހަގަ ކުރެއްވިއެވެ.

"އޭގެ އިތުރުން އަޅުގަނޑުމެން އެންމެން ލޯބިވާ އަޅުގަނޑުމެންގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަންވެ ވަޑައިގަތުމަށް އެންމެ ފަހި ފުރުސަތެއްގެ ގޮތުގައި އަޅުގަނޑަށް ފެންނަނީ މި ދެ ބޭފުޅުން އިންތިހާބު ކުރުން" ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ ރައީސް ޔާމީންއަށް އިންސާފު ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކޯޓުތައް މެދުވެރިކޮށް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން ހުކުމް ފަސްކޮށް ދިނުމަށް ވެސް އެދި ކޯޓުތަކުގައި މަސައްކަތް ކުރެވިއްޖެ ކަމަށާއި އަދި އެތައް މަރުހަލާއެއްގެ ތެރެއިން މަގުމަތީ ހަރަކާތްތައް ވެސް ހިންގިއްޖެ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރާއި ސަރުކާރުގެ ނުފޫޒުގެ ތެރެއިން ކާމިޔާބެއް ނުލިބުނު ކަމަށްވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބޫންބޫން

    ތިދައްކަނީ ވަށާޖެހޭ ތައުލީމުގެ ވާހަކަ ދެއްތޯ.

  2. Anonymous

    މައުމޫންގެ ކޮންމެ ދަރިންކޮޅު ސިޔާސީ ޕާރޓީތަކަށް ބަހައިގެން ކޮންމެ މީހަކު ވެރިކަމަށް އަޔަސް މައުމޫނުގެ އައީލާއަށް ސަރުކާރުން ފައިދާ ވާ ގޮތަށް އާއިލާގެ ސިޔާސީ ކުރިމަގު ބައްޓަން ކޮށްފައި.. މިއީ މޮޅު ޕްލޭނެއް..