މުޅި ހުވަދު އަތޮޅު އޮތީ އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒާއި ރަނިންގްމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) އާއި އެކުގައި ކަމަށާއި، މި ސަރުކާރު މިހާރު މިއޮތީ ސިޔާސީ ބުރަދަން ގެއްލިފައި ކަމަށް ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ސެމްބެއާއެކު މިހާރު ހުވަދު އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިރޭ ގއ. ކޮލަމާފުށީގައި ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަަމުން ޣައްސާން ވިދާޅުވީ، މިއަދު ވަރަށް ސިއްސައިގެން ދިޔަ ކަމަށާއި މިރަށަށް އައުމުން ދެއްކެވި އާދަޔާ ހިލާފު ރޫހުން ހައިރާންވި ކަމަށެވެ.

"މާލޭގައިވެސް މީހުން ކިޔާ، ކޮލަމާފުއްޓަކީ އެމްޑީޕީ ރަށެކޭ، މިރަށަށް އައިއިރު އަޅުގަނޑު ހުރީ އެހެން ނިންމައިގެން، މީގެ 15 އަހަރު ކުރިން މިކަހަލަ ދަތުރެއްގައި ރިޔާސީ ކެމްޕެއިނަށް މިރަށަށް އަޅުގަނޑު އައިން، އެ ދުވަހު ކަންތައް ވިގޮތްވެސް ހަނދާން އެބަހުރި. އެ ދުވަހު ކުޑަވަރެއްގެ ހަނގުރާމައެއް ކޮށްގެން މިރަށަށް އެރުނީ".

ނަމަވެސް މިއަދު ފެނިގެން ދިޔައީ އުފަލުން ރޮވޭ ވަރުވާފަދަ މަންޒަރެއް ކަަމަށް ޣައްސާން ވިދާޅުވިއެެވެ.

"އެހެންކަމުން ތިބޭފުޅުން ރައީސް ޔާމީނަށް ތިކުރާ ތާއިދާއި، އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓްގެ ރަނިންގ މޭޓަށް މިރަށަށް ވަޑައިގަތުމުން ތި ދެއްވި ހޫނު ތަރުހީބަށް ޕީޕީއެމްގެ ނަމުގައި އާއި ރައީސް ޔާމީންގެ ނަމުގައި، އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން.".

މިހާރު ގއ. ކޮލަމާފުށީގައި ކުރިއަށްދާ ޖަލްސާގައި ޣައްސާން ވާހަކަފުޅު ދައްކަވަނީ - ވަގުތު އިމޭޖްސް: އިބްރާޙިމް ރައްޔާން

އޭނާ ވިދާޅުވީ، ރަށެއްގެ ރައްޔިތުންނާއެކު ސިޔާސީ ގޮތުން މަސައްކަތް ކުރުމަކީ ވަރަށް ބުރަ ކަމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މުޅި ހުވަދު އަތޮޅު އޮތީ ޑރ. މުއިއްޒު އާއި ސިމްބެ އާއި އެކުގައި ކަމަށެވެ.

"މުޅި ހުވަދު އަތޮޅު އޮތީ ސިމްބެ އާއި ޑރ މުއިއްޒު އާއެކު، އެއީ ކީއްވެގެންތޯ، އެއީ މި ސަރުކާރު މިހާރު މިއޮތީ ސިޔާސީ ބުރަދަން ގެއްލިފައި. ކިތަންމެ ކެމްޕެއިނެއް ކުރެއްވި ކަމުގައިވިޔަސް ސިޔާސީ ބުރުދަނެއް ނެތިއްޖެ އެ ބަޔަކު ދައްކާ ވާހަކައެއް އެ މީހުން ދައްކާ ވާހަަކައެއް އަޑެއް ނާހާނެ.".

މި ސަރުކާރުގެ ސިޔާސީ ބުރަދަން ގެއްލުނު ސަބަބު ހާމަކުރައްވަމުން ޣައްސާން ވިދާޅުވީ، އެ ބޭފުޅުންވެރިމަށް ވަޑައިގެންނެވިއިރު، ވައުދުތައް ނުފުއްދަވާތީ ކަަމަށެވެ. މިގޮތުން "ޕޮލިޓިކަލް ޕްލެޖަކީ ވާބަލް ކޮންޓްރެކްޓް"އެއް ކަަމަށާއި، މާނައަކީ ސިޔާސީ ވެރިން ވެރިކަން ހޯދުމަށް ވާ ވައުދުތަކަކީ ރައްޔިތުންނާއި ވެރިންނާއި ދޭތެރޭގައި ވެވޭ އެއްބަސްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުންގެ އެއްބަސްވުމުގައި އޮންނަ ކަމަކީ ވޯޓު ދީގެން އެބަޔަކު ހޮވުން، 2018ގައި އެބޭފުޅުން އެކަން ކޮށްދެއްވި ކަމަށް އެ ވިދާޅުވަނީ، އިންތިހާބު ވަގަށް ނެގުމުގެ ވާހަކަ މިވަގުތު ނުދެއްކި ކަމުގައިވިޔަސް،.".

އޭނާ ވިދާޅުވީ، ރައްޔިތުންގެ ބައި ފުއްދަވާފައި، ވެރިކަމަށް ވަޑައިގެން ސަރުކާރުން ކޮށްދޭން ވައުދުވި ކަންކަން ކޮށްނުދެވޭ ކަމަށެވެ. އަދި އެކަން ކޮށްނުދެވުނީ ކީއްވެގެންތޯ ވިސްނާ ވަޑައިގަންނަވަން ޖެހޭ ކަމަށާއި، އެއް ގޮތަކީ ގާބިލް ކަމެއް ނެތުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.

"ތަރައްގީ ގެންނާނެ ގޮތް، ރައްޔިތުންނަށް ހިދުމަތް ކުރާނެ ގޮތް ރަށްރަށުގައި ކަންކަން ރާވާ ބައްޓަންކޮށް ފައިސާ ހޯދައިގެން އުމްރާނީ ތަރައްގީ ތަންފީޒު ކުރާނެ ގޮތް އެ ބޭފުޅުންނަށް އެނގިވަޑައިނުގަތުން، މިއީ ވަރަށް ގާތް ކަމެއް".

އޭނާ ފާހަގަކުރެއްވިގޮތުގައި ރައީސް ޔާމީން އެ މަސައްކަތް ކުރެއްވީ ހަމަ ހުންނަވާފައި ވަޒީފާއަށް ވަޑައިނުގެން ހަމަ ހުންނަވާފައެއް ނޫނެވެ. އެމަނިކުފާނު ރައްޔިތުން މަޖިލީހުގައި 25 އަހަރު މަސައްކަތް ކުރެއްވިއިރު، ގާނޫނުތައް ހުރި ނެތްގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، އެމަނިކުފާނު ދިވެހި ސަރުކާރުގައި އެންމެ ދަށު ދަރަޖައިން ވަޒީފާތަކުން ފެށިގެން މައްޗަށް ޕްރޮމޯޓް ވަމުން ވަޑައިގެން ވަޒީރުކަންވެސް ކުރެއްވިއެވެ.

"ތަޖުރިބާ ހުރި ކަން ކުރަން އެނގޭ, މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މަޖިލީހުގައި ދުވަސްތަކެއް ވޭތު ކުރެއްވިޔަސް، އަޅުގަނޑުގެ މައުލޫމާތު ހުރި ގޮތުން ސަރުކާރުގައި އޮއްޓަރެއް ހުރި އެއްވެސް ވަޒީފާއެއް އަދާ ކުރެއްވި ކަމެއް. އެނގޭކަށް ނެތް، އެކަން ކަންނޭނގެ ދިވެހި ރައްޔިތުންނަށް ފެންނަމުން މި ދަނީ.".

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    ސާބަހޭ، ދަރިފުޅާ، އެމްޕީ އައްސާން، ތިހާމަކުރި މައުލޫމާތަކީ ތެދު ހަގީގަތެއްކަން ޝައްކެއްވެސް ނެތެވެ. ތިޔަކުރައްވާ މަސައްކަތްޕުޅަށް ﷲ ތަޢުފީޤު ދެއްވާށި، އާމީން🤲

    10
    3
    • ނަންނި

      ޢާމީން

  2. ޙާލު

    ވޯޓުގުނާ ނިމުނީމަ މިއށް ކޮމެންޓުކުރެވޭނި ރަނގަޅަށް