ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ވެރިކަމަށް ވަޑައިގެންފި ނަމަ، މާލޭގައި ހުރި ސަރުކާރުގެ ކުންފުނިތަކުގެ ބިންތައް އިންޑަސްޓްރިއަލް ޒޯނަށް ބަދަލުކޮށް، ހުސް ކުރި ބިންތަކުގައި ކުޅިވަރު ފެސިލިޓީތައް ގާއިމުކުރައްވާނެ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

މާފަންނުގައި ހުރި ކެމްޕެއިން ޖަގަހައެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލެ އިން ޖާގަތައް އުފައްދައި ޒުވާނުންނަށްޓަކައި ކުޅިވަރު ފެސިލިޓީތައް ގާއިމު ކުރުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޒައާމަތުގައި ވެސް ކުރައްވަން ނިންމަވާފައިވާ ކަމެއް ކަމަށެވެ. މުއިއްޒު ވިދާޅުވީ މާލޭގައި ބިމުގެ ޖާގައިގެ ދަތިކަން ބޮޑުވެ ފުޓްސަލް ދަނޑާއި ނެޓްބޯޅަ ދަނޑާއި ހޭންޑް ބޯޅަ ކޯޓު ފަދަ ތަންތަން އަޅަން ހުރި ނަމަވެސް އެކަށީގެންވާ ވަރަށް އެފަދަ ކޯޓުތައް އެޅިފައި ނުވާ ކަމަށެވެ.

ޔާމީން ވެރިކަމުގައި އެއްބަސްވުންތައް ހަދައި ބިން ވެސް ކަނޑައެޅި ކަމަށާއި ޔާމީންގެ ވެރިކަން ނިމިގެން ދިއުމުން އެކަން ތަންފީޒުވެގެން ނުދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއިއްޒު މިއަދު މާލޭގައި ކެމްޕެއިން ކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

"އެސްޓީއޯ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ މިހެން ކިއާނެ ކަމެއް ނެތް މާލޭގައި ބިންތައް ހުރި ކުންފުނިތަކުން އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުވާ ގޮތަށް ބިން ވެސް ދީފައި އެގްރީމަންޓް ވެސް ހަދާފައި ހުންނާނީ މާލެ ތެރޭގެ ކޮށިތައް ދޫކޮށްލައި އެތަނަށް ބަދަލުވެ ހައިރައިޒް މަލްޓި ސްޓޯރީ ވެއާ ހައުސް ބިލްޑިން ވިއްޔާ، ވެއާ ހައުސް ބިލްޑިންތަކެއް އަޅާފައި އެތަނަށް ކުންފުނިތަކުން ބަދަލު ކުރާ ގޮތަށް. ބަދަލު ކުރަން މުއްދަތެއް ހަމަޖައްސައި އެގްރީމަންޓް ކުރީ،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ކޮންމެ ކުންފުންޏެއްގެ ވެރިން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މާލެ ތެރެއިން މިހެން ހުރި ބިންތައް ހުސްވެގެން ދިއުމުން އެ ލިބެނީ ވަރަށް ބޮޑު ޖާގައެކެވެ.

މުއިއްޒު މިއަދު މާލޭގައި ކެމްޕެއިން ކުރައްވަނީ. --- ވަގުތު އިމޭޖަސް: މުހައްމަދު އަލީފް

އެ ބިންތައް ބޭނުންކޮށްގެން މާލެ ސިޓީގެ ލޭންޑް ޔޫޒް ޕްލޭނަށް ބަދަލުތައް ގެނެސް، މިހެން ހުރި ބިންތައް ބޭނުންކޮށްގެން ކުޅިވަރުތަކަށް ބޭނުންވާ ޖާގަތައް އުފެދިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭގެ އިތުރުން އެހެން ބޭނުންތަކަށް ރިޒާވް ބިން ބެހެއްޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި މިގޮތަށް ހުރި ބިންތައް ހުސް ކުރުމަކީ ކުރައްވާނެ ކަމެއް ކަމަށެވެ. އެގޮތަށް އުފައްދާ ބިންތަކުން ޒުވާނުންނަށް ބޭނުންވާ ފުޓްސަލް ދަނޑާއި ނެޓް ބޯޅަ ދަނޑާއި ނެޓް ބޯޅަ ކޯޓުތައް ފަދަ ދަނޑުތައް ގާއިމުކުރެވިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ވިދާޅުވި ގޮތުގައި މިގޮތަށް ހުސްވާ ބިންތަކުގައި ވިސްނުން ހުރީ މަލްޓި ސްޓޯރީކޮށް ދަނޑުތައް ހެދުމަށެވެ.

"މާނައަކީ މިސާލަކަށް ފަސް ލެވެލްގެ ދަނޑު ހިމެނޭ ގޮތަށް އެ ގާތްގަނޑަކަށް 10-12 ބުރީގެ އިމާރާތެއްގެ އުސް މިން ހުންނާނެ. އެއް ފުޓްސަލް ދަނޑުގެ ޖާގައިން ފަސް ފުޓްސަލް ދަނޑު ނެގޭނެ. ޗޭންޖިން ރޫމްތަކާއި ފާހަނަ އާއި ހުރިހާ އެއްޗެއް ލެވިފައި ހުންނަ ޕްރޮޕާ އިމާރާތަކަށް ވާނީ. ޕާކިން ވެސް ލެވިފައި،" މުއިއްޒު ވިދާޅުވިއެވެ.