ސްކޫލް ކުދިންގެ މަންހަޖަށް ގައުމިއްޔަތާއި ރިވެތި އަބަދުތަކާއި ތަރުވިއްޔަތުގެ މާއްދާއެެއް އިތުރުކުރައްވާނެ ކަމަށް އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބ. ފެހެންދޫއަށް ވަޑައިގެން މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ އިދިކޮޅުން ހުށަހަޅާ ސިޔާސަތާއި މިހާރުގެ މި ގައުމު އޮތް ހާލަތު ވަރަށް ތަފާތު ކަމަށެވެ. އެ ރައްޔިތަކު ނިސްވަތްބާ ރަށެއްގެ ސަބަބުން، އާބާދީއެއްގެ ސަބަބުން، ފިކުރެއްގެ ސަބަބުން ތަފާތެއް ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭނާގެ ސަރުކާރެއްގައި ކޮންމެ ރައްޔިތަކު ހަމަހަމަވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ.މުއިއްޒު ބ.ފެހެންދޫއަށް ވަޑައިގަތުން- ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

"ރައްޔިތުންނަށް މުޅި ރާއްޖެ ތަރައްގީކުރުމުގެ މާސްޓާ ޕްލޭންގައި އަޅުގަނޑުމެން ފުރުސަތުތައް ދޭނަން. އެބަޔަކު ތިބި ރަށެއްގައި ތިބެގެން ހުރިހާ ހިދުމަތެއް އެ ރަށެއްގެ ނިސްބަތުން ފޯރުކޮށްދޭނަން. އަދި މުޅި ރާއްޖޭގެ އާބަން މާސްޓާ ޕްލޭންގެ ތެރޭގައި ސަރަހައްދީ ތަރައްގީ ކުރިއަށްގެންދާނަން. އެއާއެކު މެދު އަދި ދުރު ރާސްތާގައި ގޮތްތައް ނިންމުމުގެ ފުރުސަތު ރައްޔިތުންނަށް ލިބޭނެ. އެހެންނަމަވެސް މިހާރު މިހާރަށް ކޮންމެ ރަށަކަށް އެ ރައްޔިތަކަށް ބޭނުންވާ ކޮންމެ ކަމެއްގަ ތަފާތުކުރުމެއްނެތި ހަމަހަމަކާއެކު ހިދުމަތްތައް ހަމަޖައްސައިދޭނަން." މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ މިހާ ދުވަސްވެގެން ދިޔައިރު ފެހެންދޫ ވަނީ އަޅާނުލެވި ބާކީވެފައި ކަމަށެވެ. އިދިކޮޅުގެ މެނިފެސްޓޯގައި އެ ރަށެއްގެ އާބާދީގެ ނިސްބަތުން އަދި އެ ރަށުގައި އިގްތިސޯދީ ހަރަކާތް ހިންގާ ނިސްބަތަށް ބަލާފަ ސިއްހީ މަރުކަޒަށް އިތުރު ކުރިއެރުން ގެނެސްދޭނެ ވާހަކަ އޮންނާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގެ ނިސްބަތުން ލެބޯޓްރީގެ ނިޒާމް ގާއިމްކޮށްދޭނެ ކަމަށެވެ. އެއީ މުޅި ރާއްޖެއަށް އޮތް ސިޔާސަތެއް ކަމަށާއި އެހެންވުމުން އެ ރަށަށް ވެސް އެކަން ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ފެހެންދޫއަށް މުއިއްޒުގެ ވައުދުތައް:

  • ރަށް ގިރުމުގެ މައްސަލައަށް އެކަށީގެންދާ ހައްލެއް ގެނެސްދޭނަން
  • ކުނި މެނޭޖް ކޮށްދޭނަން
  • ކުޑަކުދިންގެ ޕާކެއް ގާއިމްކޮށްދޭނަން
  • އައުޓްޑޯ ޖިމެއް ހަދައިދޭނަން
  • ފުލުހުންގެ ޕޯސްޓެއް ގާއިމްކޮށްދޭނަން
  • ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކޮށްދޭނަން
  • ނަރުދަމާގެ ނިޒާމްގެ މަސައްކަތް ކުރިއަށް ގެންގޮސްދޭނަން
  • މިސްކިތެއް އަޅައިދޭނަން
  • ޒުވާނުންގެ މަރުކަޒެއް އަޅައިދޭނަން
  • ދަނޑުވެރިކަން ކުރިއަރުވައިދޭނަން
ޑރ.މުއިއްޒު ބ.ފެހެންދޫގައި ވާހަކަދައްކަވަނީ- ވަގުތު އިމޭޖްސް-އަހްމަދު އިޒްމީމް

މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައ ފެހެންދޫގެ ސްކޫލް ހިނގާނީ އެހެން ސްކޫލެއްގެ ދަށުގައެއް ނޫން ކަމަށެވެ. ކޮންމެ ރަށެއްގައި ވެސް އެ ރަށެއްގެ ސްކޫލްގެ ކޮންޓްރޯލް އޮންނާނެ ކަމަށެވެ. އާބާދީ މަދިއްޔާ އެކި ކަހަލަ ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކިޔަވައިދެވޭނެ ކަމަށެވެ. އެހެން ނަމަވެސް އެންމެ ތުއްތުކުދިންނަށް ކިޔަވައިދޭން މުދައްރިސުން ހުރުން މުހިންމު ކަމަށް ވިދާޅުވިއެވެ. ފެހެންދޫގައި އެކަށީގެންވާ ފެންވަރުގެ ޓީޗަރުން ގާއިމްވެ ތިބޭގޮތަށް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ކިޔަވާ ކުދިންގެ މަންހަޖަށް ވަރަށް މުހިންމު ކަންކަން އިތުރު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެގޮތުން ގައުމިއްޔަތާ ބެހޭ މާއްދާއަކާއި ރިވެތި އަދަބުތަކާއި ތަރުބިއްޔަތުގެ މާއްދާއެއް އިތުރުކުރައްވާނެ ކަމަށެވެ. އެ ބަދަލުތައް ގެނައުމަށް ވިސްނާއިރު އެކަންކަން އޮންލައިންކޮށް ކުރިއަށް ގެންދިއުމަކީ އެހާ އެފެކްޓިވް ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ. އެހެންކަމުން އެލްކޭޖީއިން ފެށިގެން ގްރޭޑް 6 އާއި ހިސާބަށް އެ ރަށެއްގައި ސްކޫލްގައި ކުދިން ކައިރީގައި ތަމްރީންވެފައިވާ ޓީޗަރުން ތިބެން ޖެހޭނެ ކަމަށް ވިދާޅުވިއެެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަމިއްޔާ

    ގައުމިއްޔަތޭ....
    ޝޭހެއްގެ ދަރިއަކާ ކައިވެނި ކުރީމާ މަހިތުން އިސްލާމްދީނާ ފުށުއަރާ ކަންތަކުގަ މުއިއްޒު ނޫޅެނެކަމަށް.

    ގައުމިއްޔަތަކީ އިސްލާމްދީނާ ބީރަށްޓެހިކުރުމަށްޓަކާ ނުވަތަ ޑިމޮކްރަސީ ރައްކާތެރިކުރުމަށްޓަކާ ބޭނުންކުރާ ނުރައްކާތެރި ފިކުރެއް. ދީނުގެ މައްޗަށް ގައުމިއްޔަތެއް ނޯންނާނެ! މިއީ އުއްމަތެއްް. ޤައުމިއްޔަތަކީ ފަހަރެއްގައިވެސް (ޤައުމު) އެއް ނޫން. އަދި ޑިމޮކްރަސީ އަކީ ޝިރުކެއް!
    މާތްﷲ މުއިއްޒުއާ ދެންވެސް ތިބި މުސްލިމް އަޚުންނަށް ހެޔޮ ވިސްނުން ދެއްވައި ޑިމޮކްރަސީއާ ގައުމިއްޔަތުގެ ނުބައި ފިކުރުން މުސްލިމުން ރައްކާތެރިކުރައްވާށި.

    4
    5
  2. ބައްޗޫ

    މަންހަޖު އޮތްތަނުގައި ބާއްވާފައި މަޑިސީލަ އިން އެ އޮތް ފަތުރާ އައުގުރާނަ ހުއްޓުވަން އުޅެބަލަ

    3
    2
  3. އެކަލޯ

    ސޯސަލް ސުޓަޑީޒް ( އިޖުތިމާއީ އިލްމު ) ދިވެހިން ކިޔަވާދެވޭ ގޮތަށް ހެދުން އެދެން. ބިދޭސީ ޓީޗަރުން ކިޔަވައިދޭ އިރު ދިވެހި މާތް އަބްތާލުންގެ ނަންތައް ނުބައިކޮށް ޕުރަނައުންސް ކުރުމުގެ ނަތީޖާ އަކީ ގިނަ ދަރިވަރުން ގައުމިއްޔަތާ ދުރުވުން. ހިޔާލު ފާޅުކުރުމަކީ ރަގަޅުކަމެއް އެކަމަކު މި ހިޔާލު ސިޔާސީ ނުކުރުން އެދެން