ކޭކް ޑޯނާސްގެ ފަރާތުން އަނެއްކާ ވެސް ފަލަސްތީނަށް އެހީވުމުގެ ގޮތުން ހަރަކާތްތަކެއް ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އެގޮތުން ކޭކް ޑޯނާސްއިން އިސް ނަގައިގެން "ހެލްޕް ފަލަސްތީން މާކެޓް" ގެ ނަމުގައި މިފަހަރު ބޭއްވުމަށް ހަމަ ޖެހިފައިވާ ހަރަކާތްތަކުގެ ޕާޓްނަރުންނަކީ އާބަންކޯ އަދި އިންޓާނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އެވެ.

މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ރުއްގަނޑު 1 ސަރަހައްދުގައެވެ. މިފަހަރުގެ ހަރަކާތްތައް 3 ދުވަހައް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ކޭކް ޑޯނާސްއިން މައުލޫމާތު ދެއެވެ. އެގޮތުން ފުރަތަމަ ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުގެ މެންދުރު ފަހު 14:00 އިން ރޭގަނޑު 22:00 އަށެވެ. އަދި 29 އަދި 30 ވާ އާދިއްތަ އަދި ހޯމަ ދުވަހުގެ ހަރަކާތައް ގެންދިއުމަށް ހަމަ ޖެހިފައިވާ ގަޑިތަކަކީ ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ.

ފަންޑް ރައިސިންގް އިވެންޓުގައި ކުރިއަށް ގެންދިއުމަށް ހަމަ ޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ސިގްނޭޗާ ކޭކް ޑޯނާ ފުޑް ސްޓޯލް، ލައިވް ގްރިލް، ހީނާ އާޓް، ފޭސް ޕެއިންޓިންގް، އަދި އެކި ކަހަލަ ކުދި ވިޔަފާރިތައް ހިމެނޭކަމަށް އެ ފަރާތުން ބުންޏެވެ.

ކޭކް ޑޯނާސްގެ "އަހަރެމެން ފަލަސްތީންއާއި އެކު"ގެ ފުރަތަމަ އިވެންޓް ވީ ވަރަށް ކާމިޔާބު އިވެންޓްއައްކަން ފާހަގަކުރެވެއެވެ. އެ ގޮތުން އެ ފަހަރުގެ އިވެންޓުގައި ފަލަސްތީންގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ އެތައް ހާސް ރައްޔިތުންނަށް އެހީވުމަށްޓަކައި ފަންޑް ހޯދުމުގެ އިވެންޓަށް 350،000 އަށް ވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ.