ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ފަންޑް ރެއިސް ކުރުމަށް ބްރިޖިން ކޮމިއުނިޓީސް އޮފް މޯލްޑިވްސް (ބީސީއެމް)ގެ ފަރާތުން "ފަލަސްތީނަށް އެހީވަމާ" ގެ ނަމުގައި ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 16:00 އިން އިރުއޮއްސި 18:00 އާއި ހަމަ އަށް ރަސްފަންނު ބީޗު ސަރަހައްދުގައެވެ. މާދަމާ އޮންނަ މި ހަރަކާތުގައި ޖަމްބަލް ސޭލް، ހީނާ އާޓް، ފޭސް ޕެއިންޓް އަދި އެކި ބާވަތްތަކުގެ ކާބޯ ތަކެތި ވިއްކުމަށް ހަމަޖެހިފައިވާކަމަށް ބީސީއެމްގެ އެކްޒެކަޓިވް ޑިރެކްޓަރ އިބްރާހިމް މުހައްމަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ބުންޏެވެ.

މިހަރަކާތްތަކުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެ ފަލަސްތީނަށް އެހީތެރިވެ ދިނުމަށް އިބްރާހީމް އިލްތިމާސް ކުރެއްވިއެވެ.

ބީސީއެމް އަކީ ދިވެހި ރާއްޖޭގައި އަންހުންގެ ހައްގުތައް ހޯދާ ދިނުމާއި، އަންހެނުން ބާރު ވެރި ކުރުމުގެ ގޮތުން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މިހާތަނައް ފާހަގަ ކޮށްލެވޭ އިވެންޓްތަކެއް މި ޖަމިއްޔާގެ ފަރާތުން ވަނީ ބާއްވާފައެވެ. އެ ގޮތުން އަންހެނުންނަށް ސެލްފް ޑިފެންސް ޓްރޭނިން އާއި އަންހެނުން ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށް ހިންގޭ ޕްރޮގްރާމްތައްވެސް ހިމެނެއެވެ. އަދި ބީސީއެމްއިން ވަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރަށްތަކަށް ޒިޔާރަތްކޮށް ދަތި ހާލުގައި އުޅޭ އަންހެނުންގެ ހާލަތު ދެނެގަނެ އެކި ކަހަލަ ދީލަތި އެހީތެރިކަން ފޯރުކޮށްދީފައިކަން ފާހަގަކޮށްލަންޖެހެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ނިކަމެތި ރައްޔިތުންނަށް އެހީތެރިދިނުމުގެ ގޮތުން އަންނަނީ އެކި ކަހަލަ ފަންޑް ރައިސް ކުރުމުގެ ހަރަކާތްތައް ބާއްވަމުންކަން އުފަލާއެކު ފާހަގަކޮށްލަންޖެހެއެވެ. އަދި މިކަމުން ދިވެހީންގެ ހިތުގައި ފަލަސްތީނާއި މެދު އޮތް ސާފު ލޯތްބާއިމެދު އެއްވެސް ޝައްކެއްނެތެވެ.