ހއ. އިހަވަންދޫ ކައިރީގައި އޮންނަ ހުވަހަންދޫގައި ލޯންޗްއަކާއި ދޯންޏެއް ޖެހިގެން އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވި މައްސަލައިގައި އިހުމާލެއް އޮތްތޯ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހުގެ ރޭ ހިނގި މިއެކްސިޑެންޓުގައި ނިޔާވެފައިވަނީ ދޯނި ދުއްވަން އިން އިހަވަންދޫ، ނަޔާޑޭޒީ، އަބްދުއް ރަޝީދު 68އ އެވެ.

މި އެކްސިޑެންޓު ހިނގިއިރު ރަޝީދުގެ ދަރިފުޅު ވެސް އެ ދޯނީގައި ހުއްޓެވެ. އޭނާ ވަނީ ރަޝީދު މަރުވީ ލޯންޗު ދުއްވަން ތިބި މީހުންގެ އިހުމާލުން ކަމަށް ތުހުމަތުކޮށްފައެވެ. ރަޝީދުގެ ދަރިފުޅާއި ހަވާލާދީ މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން ލޯންޗު ދޯނީގައި ޖެހުމާއެކު ރަޝީދު ކަނޑަށް ވެއްޓުނެވެ. އޭރު ރަޝީދު އަދި އޭނާވެސް އެހީއަށް އެދި ގޮވި ކަމަށާއި ނަމަވެސް އެހީ ނުވެ ލޯންޗު ދިޔަ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

މި ތުހުމަތުތަކާ ގުޅިގެން "ވަގުތު" އިން ފުލުހުންގެ މީޑިއާ އާއި ސުވާލުކުރުމުން މީޑިއާ އޮފިސަރަކު ވިދާޅުވީ އާއިލާގެ ފަރާތުން ވެސް އަދި އެހެން ބައެއްގެ ފަރާތުންވެސް މިފަދަ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް މިކަމުގައި އިހުމާލެއް އޮތްތޯ ފުލުހުން ބަލަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

"އެކްސިޑެންޓާއި ގުޅިގެން ކުރިއަށް ގެންދާ ތަހުގީގު ތެރެއިން އެކްސިޑެންޓް ހިނގުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ އާއި އަދި އެހީތެރިކަން ފޯރުކޮށްދިނުމުގައި އިހުމާލުވެފައިވޭތޯ ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ" ފުލުހުން ވިދާޅުވިއެވެ.

އެރަށު ކައުންސިލް ރައީސް އަހްމަދު ސޮބާހް މީގެ ކުރިން "ވަގުތު"އަށް ވިދާޅުވި އެކްސިޑެންޓުވި ދޯންޏަކީ ހިބަރު މަސްވެރިކަން ކުރުމަށް ބޭނުންކުރާ ދޯންޏެއް ކަމަށެވެ. އަދި އެކްސިޑެންޓުވީ ވެސް މަސްވެރިކަމަށް ނިކުމެ އެނބުރި ރަށަށް އައި މަގުމަތީގައި ކަމަށް ވެސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ދެބޯގެރި

    ބާރުގަދަ ސިޔާސީ ނުފޫޒުގަދަ ފައިސާވެރިން އިހުމާލެއްނުވާނެ ހުޅުމާލެ ބުރިޖުލައިޓުގަ ހިނގި އެކސިޑެންޓްގެ ވީޑިއޯ ބަލާކޮންމެ މީހަކަށްވެސް އެނގޭ ގަސްދުގަ އެކްސިޑެންޓްކޮށްލީ ކާރު ދުއްވަން އިން ފަރާޓުންކަން އެކަމަކު އިހުމާލަކަށްނުވި މީހަކު ޤަވާޢިދާޚިލާފަށް ދުއްވުމަކީ ގަސްދުގަ އެކްސިރެންޓްކޮށް މީހާގެ ފުރާނަ ގެއްލިގެންދާފަދަ ހާދިސާއެއްހިންގުމެއްނޫން އަދި އެއީ އެކަމަށްދެވޭ ލައިސަންސެއްވެސްނޫން