ރައީސް ސޯލިހުގެ ވެރިކަމުގައި ކަންސިލްތަކުގެ ބާރު ކަނޑުވާ، ކައުންސިލަރުންނަކީ އެއްވެސް ބަޔަކަށް ނަހަދާ ކަމަށް ލ.އަތޮޅު ކައުންސިލް ރައީސް އިސްމާއިލް އަލީ ވިދާޅުވެއްޖެއެވެ.

ވަގުތު" ޓީވީގެ "ތަފްސީލީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިސްމާއިލް އަލީ ވިދާޅުވީ އެމްޑީޕީ ޓިކެޓުގައި އަތޮޅު ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެވުނު ނަމަވެސް ފާއިތުވީ ސަރުކާރުން ލާމަރުކަޒީ އުސޫލުތަކާ އެއްގޮތަށް ކައުންސިލްތައް ހިންގަން ފުރުސަތު ނުދެއްވާ ކަމަށާއި އެހެން ގޮތެއް ހޯދަން އެހިސާބުން މަޖުބޫރުވީ ކަމަށެވެ.

"މިދެންނެވި ގޮތަށް ގުޅުން ކެނޑި އަޅުގަނޑުމެންނަކީ އެއްވެސް ބައެއް ގޮތުގައި ނުދެކި، އޭރު ހޮވިފައި މިތިބީ އެމްޑީޕީ ކެނޑިޑޭޓުންގެ ގޮތުގައި، އެމްޑީޕީގެ މެންބަރުންގެވެސް ވަރަށް ބޮޑު އެހީތެރިކަމާއެކީ އެކަމަށް އަޅުގަނޑު ޝުކުރުވެރިވަން. އެހެންނަމަވެސް އެ އެހީތެރިކަން އަޅުގަނޑުމެންނަށް ލިބި ކަމެއް ކުރެވޭނެ ގޮތް ނުވީމާ އަޅުގަނޑުމެންނަށް މަޖުބޫރުވި މިވަގުތު އެކަން ބަދަލުކުރަން." އޭނާ ވިދާޅުވިއެވެ.

އިސްމާއިލް އަލީ ވިދާޅުވީ ރައިސް ސޯލިހުގެ ސަރުކާރުން ވެފައިވާ ގިނަ ވައުދުތައް ނުފުއްދާ ކަމަށާއި ހާއްސަކޮށް ލ އަތޮޅަށް ވެފައިވާ ވައުދުތައް ނުފުއްދާ ދޫކޮށްލާފައިވާ ކަމަށެވެ. އެހެންނަމަވެސް ޕީޕީއެމް/ޕީއެންސީ ސަރުކާރުގައި ލ އަތޮޅު ރައްޔިތުން އެދޭ ގިނަ މަޝްރުޢޫތައް ހިންގާން ހަމަޖެހިފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިސްމާއިލް އަލީ ވިދާޅުވީ ރައިސް ސޯލިހަށް ދެވަނަ ދައުރެއް ދޭންޖެހޭ އެއްވެސް ސަބަބެއް ނުފެންނާތީ ރައީސް މުއިއްޒާއި ބައިއަތު ހިއްޕެވީ ކަމަށެވެ. ރައީސް މުއިއްޒަކީ ލާމަރުކަޒީ މަސައްކަތްތަކުގެ ތަޖުރިބާ ވެސް ލިބިވަޑައިގެން ހުންނެވި ބޭފުޅެއްކަމަށް ވިދާޅުވެ އޭނާ ވަނީ ރައީސަށް ތައުރީފްކޮށްފައެވެ.

އަދި މިސަރުކާރުން ކައުންސިލްތަކަށް އެބާރު ދެއްވާނެކަމުގެ ޔަޤީންކަން އޮތްކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ ރައީސް މުއިއްޒަށް ފުރިހަމައަށް ތާއީދުކޮށް މިސަރުކާރަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އިސްމާއިލް އިތުރަށް ވިދާޅުވީ ލ އަތޮޅަކީ މަސްވެރިކަމަށް މަޝްހޫރު އަތޮޅެއް ކަމަށާއި ރައިސް ސޯލިހުގެ ދައުރުގައި މަސްވެރިކަންވެސް ދުވަހެއް ދުވަހެއް ދިޔައީ ދަށަށް ކަމަށާއި ރައްޔިތުންނަށް ލިބޭ އާމްދަނީވެސް ދަށަށް ދިޔަ ކަމަށެވެ. އެހެންކަމުން އާމްދަނީ އިތުރުވާނެ ގޮތްތަކާއި އިތުރު މަޝްރޫޢުތައް ހިންގަން މިހާރު މަޖުބޫރުވެފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނަންނު

    މި ފަސްއަހަރުވެސް ކުރީސަރުކާރޭ ކިޔާ ބޭކާރު ވަގުތު ނަގާނުލާ ގޯސްކަމެއް އޮތިއްޔާ އެކަމެއް ހައްލުކޮށް ގަވުމު ކުރިޔަށް ހިންގަންވީ. ކުރީ ސަރުކާރަކީ މާޒީ.

  2. އަސްލުވެސް

    ކޮންހާ ދޮގެއްތަ

  3. ޜަށުމީދާ

    ބާރުލިބިފަތި އޮތީ، ޝަކުވާނުކޮށް ހުރިވަރު ދައްކަންވީނުންތޯ

  4. އަބްދޫ

    ފުރަތަމަ ކައުންސިލްތަކުގެ ބާރުކަނޑުވާލި މީހަކީ ގ.ކެނެރީގެ މުހަންމަދު ނަސީދުގެ 3 އަހަރުވީ ވެރިކަމުގަ. ކޮންމެ އަތޮޅެއްގަ އަތޮޅުކައުނސިލް ގެ މަތިން ކައުންސިލްތަކަށް އަމުރުކުރާގޮތަށް "ގައުމީ އިދާރާ "ގެ ނަމުގަ ސަރުކާރުގެ އޮފީހެއްހަދާ އެ އޮފީހަށް މަގާމަތައް ހަމަޖައްސާ މީހުން ލައވާހަދާ އަތޮޅުތަކުގާ ހުރި ހުރިހާ ރިޒާވް ފައިސާ ރައްޔިތންގެ ފައިސާ ކައި ހުސްކުރީ