އަންނަ ހުކުރު ދުވަހު ފަލަސްތީނަށް އެހީވުމަށް އާބަންކޯއިން ހާއްސަ ހަރަކާތެއް ބޭއްވުމަށް ނިންމައިފިއެވެ.

މި ހަރަކާތަކީ މީގެ ކުރިން އެ ކުންފުނިން ބޭއްވުމަށް ނިންމައި ފަސްކުރި ހަރަކާތެވެ. އެ ހަރަކާތް ފަސްކުރީ އޭރު މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

އާބަންކޯއިން މިއަދު ބުނީ ޑިސެމްބަރު އެއްވަނަ ދުވަސް ކަމަށްވާ އަންނަ ހުކުރު ދުވަހު ފަލަސްތީނުގެ ހައްގުގައި ހަރަކާތެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހަރަކާތް އޮންނާނީ ހުޅުމާލެ ފޭސް އެކެއްގެ ރުއްގަނޑު ދޭއް ސަރަހައްދުގައި ކަމަށް އާބަންކޯއިން ވިދާޅުވިއެވެ.

އާބަންކޯއިން ބުނީ އެ އިވެންޓްގައި ފުޑް ސްޓޯލް، ޖަމްބަލް ސޭލް އަދި ކުޑަކުދިންނަށް ހާއްސަ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ. އެގޮތުން އެ ހަރަކާތްތައް މެދުވެރިކޮށް ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދެވިގެންދާނެ ކަމަށްވެސް ބުނެފައި ވެއެވެ.

އާބަންކޯގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ބާއްވާ އެ ހަރަކާތުގައި ބައިވެރިވުމަށް އެންމެހާ ބޭފުޅުންނަށް ދައުވަތު އަރުވާ ކަަމށް އެ ކުންފުނިން ބުނެއެވެ.

ޔަހޫދީން އިސްރާއީލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލު އާންމުގައި މިހާތަނަށް ވަނީ 14،000 އަށްވުރެގިނަ ފަލަސްތީނު މީހުން ޝަހީދުވެފައެވެ. އަދި އެތައް ބަޔަކު ވަނީ މަގުމަތިވެފައެވެ. އެ މީހުންނަށް އެހީވުމަށްޓަކައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ހަރަކާތްތައް ދަނީ ހިންގަމުންނެވެ. އެކި ޖަމިއްޔާތަކާއި އަމިއްލަ ފަރުދުން އިސްވެގެން ވެސް ފަލަސްތީނަށް އެހީވުމަށް ހަރަކާތްތައް ދަނީ ހިންގަމުންނެވެ.