ލ.އަތޮޅު ގަމަކީ އެމްޑީޕީން ވެސް ގަބޫލުކުރާ ގޮތުގައި އެމްޑީޕީގެ މައި ކިއްލާއެކެވެ. 2014 ވަނަ އަހަރާއި 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ ގޮނޑި އެމްޑީޕީން ކާމިޔާބު ކުރީ ނިކަން ފަސޭހައިންނެވެ. 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ގަމުގެ މެޖޯރިޓީ އެމްޑީޕީން ނެގިއެވެ. 2021 ވަނަ އަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ހުރިހާ ގޮނޑިއެއް ގަމު ރައްޔިތުން ދިނީ އެމްޑީޕީއަށެވެ. ނަމަވެސް ރައްޔިތުންގެ ޝަކުވާއަކީ އެމްޑީޕީން ބޭނުންވި ހުރިހާ ބާރަކާއި ހުރިހާ އާރެއް ދީގެން ވެސް ގަމުގެ ތަރައްގީއަށް ގެނެވުނު ބަދަލެއް ނެތުމުންނެވެ. ހުސް ވާހަކައާއި، ހުސް ވައުދު ފިޔަވައި ގަމު ރައްޔިތުންނަށް ލިބުނީ އެއްވެސް ކަމެއް ނެތެވެ.

މާދަމާ ރައްޔިތުންގެ މަޖިލިސް އިންތިހާބާއި ކުރިމަތިލާއިރު ގަމުގެ ރައްޔިތުންގެ ކުރިމަތީގައި އޮތް ސުވާލަކީ ވެސް ގަމުގެ ހުރިހާ ސިޔާސީ މަގާމެއް އެމްޑީޕީއަށް ދީގެން ގަމުގެ ތަރައްގީއަށް ބަދަލެއް ނުގެނެވުނުއިރު އަނެއްކާވެސް އެމްޑީޕީއަށް މަޖިލީހުގެ ގޮނޑި ދޭންވީހެއްޔެވެ؟ ގަމު ދާއިރާއަށް ޕީއެންސީ އިން ވާދަކުރާ ޔޫސުފް ނަޝީދު (ޔޫތު) ގަބޫލުކުރައްވާ ގޮތުގައި ގަމުގެ ރައްޔިތުން ތިބީ މިހާރު ވެސް ގޮތް ނިންމައިގެންނެވެ. "އެމްޑީޕީއަކަށް ނުވި، ދެން ވެސް ނުވާނެ،" ކަމަށް ގަމު ދާއިރާގެ ރައްޔިތުން ގަބޫލުކޮށްފިއެވެ. "ގަމުގެ ރައްޔިތުންނަށް އިތުރަށް ކިޔައިދޭން ޖެހޭ އެއްވެސް ވާހަކައެއް ނެތް. އެރައްޔިތުންގެ ކުރިމަތީގައި ހުރިހާ ކަމެއް ވެސް ފެނިގެން ދިޔައީ. އެހެންކަމުން ރައީސް މުއިއްޒުގެ ސަރުކާރާއިއެކު ކުރިއަށް ގޮސް މުޅި ރާއްޖެއިން ވެސް އެންމެ ބޮޑަށް ތަރައްގީވެފައި އޮތް އެއް ރަށަށް ގަން އަދި އެންމެ ތަރައްގީ އެއްއަތޮޅަށް ލ.އަތޮޅު ހެދުމަށް ގަމު ދާއިރާގެ ރައްޔިތުން މާދަމާ ވޯޓް ދޭނެ ކަމާއިމެދު އަޅުގަނޑުގެ ހިތުގައި އެއްވެސް ޝައްކެއް ނެތް." ޔޫތު ވިދާޅުވިއެވެ.

"ހަމައެއާއިއެކު މުންޑޫ ވެސް އަޅުގަނޑުގެ ހަނދާނަކުން ފިލައިގެން ނުދާނެ. މުންޑޫގެ އެކަހެރިކަމަށް ނިމުން ގެނެސް މުންޑުއަށް ބޭނުންވާ ކަންކަމަށް ހައްލު ހޯދައި ދޭނަން." ޔޫތު ވިދާޅުވިއެވެ.

ޔޫތަށް ދެން އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ދިވެހީންގެ ރާއްޖެއަށް ދިއުމަށް ގަމުގެ ރައްޔިތުން ވެސް ބޭނުންވެ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ގަމުން އެމްޑީޕީގެ މައްޗަށް ރައީސް މުއިއްޒު ހޯއްދެވި ބޮޑު ކާމިޔާބެވެ. ގަމުގައި އޮތް އެމްޑީޕީގެ ބާރުކެނޑި، އެމްޑީޕީ ދެކެ ރައްޔިތުން ފޫހިވެފައިވާ މަންޒަރު ފެންނަ ކަމަށް ޔޫތު ވިދާޅުވިއެވެ.

ޔޫތުގެ ގައުމީ ހިދުމަތް ގުޅިފައި އޮތް ގައުމީ ދިފާއީ ބާރާއެވެ. 13 ވަރަކަށް އަހަރު ދުވަހު ގައުމީ ދިފާއީ ބާރުގައި ހިދުމަތް ކުރެއްވުމަށްފަހު ގައުމީ ދިފާއީ ބާރުގެ ވަޒީފާ ދޫކޮށްލަން މަޖުބޫރު ކުރުވީ ރައީސް ސޯލިހް ޑިފެންސް މިނިސްޓަރުގެ މަގާމަށް އައްޔަން ކުރެއްވި މާރިޔާ އަހްމަދު ދީދީއެވެ. ނޮވެމްބަރ 03 1988 ގައި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއިން ރާއްޖެ ދިފާއު ކުރަން މަސައްކަތް ކުރެއްވި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ވިދާޅުވީ ބޭކަނބަލަކަށް ސެލިއުޓް ކުރުން އެއީ ޔޫތުއަށް ގަބޫލު ކުރެވުނު ކަމަކަށް ނުވިއެވެ. "އެފަދަ ބޮޑު ގުރުބާނީއެއްވި ސިފައިންނަކީ ކަނބިލިތަކެއްކަމަށް ބުނި މީހަކަށް ސެލިއުޓްކޮށް، އޭނާގެ ލީޑާޝިޕްގެ ދަށުން އޭނާގެ ކޮމާންޑަށް މަސައްކަތް ކުރުން އެއީ އަޅުގަނޑުގެ ޟަމީރު ގަބޫލު ކުރިކަމަކަށް ނުވި. ސިފައިންގެ ހިދުމަތުން އިސްތިއުފާ ދިނީ އެހެންވެ. އިސްތިއުފާގެ ސިޓީގައި ވެސް އެވާހަކަ ބަޔާންކޮށްފައި އޮންނާނެ." ޔޫތު ވިދާޅުވިއެވެ.

ޔޫތު ވިދާޅުވީ އޭނާއަށް އެންމެ ފުރަތަމަ އިސް ވާނީ ގައުމެވެ. ޕާޓީއެއްގެ ޓިކެޓްގައި މަޖިލިސް އިންތިހާބަށް ކުރިމަތިލައި، އިންތިހާބު ކާމިޔާބު ކުރެވުނު ނަމަވެސް ގައުމު އިސްކުރަން ޖެހޭ އެއްވެސް ކަމެއްގައި، ރައްޔިތުންގެ ވިސްނުމާއި ފިކުރާއި ދެކޮޅަށް ޕާޓީގެ ވިޕްލައިން ދަމަހައްޓާނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ޔޫތު ވިދާޅުވިއެވެ.

ޔޫތު ދެކެވަޑައިގަންނަވާ ގޮތުގައި އޭނާގެ އެންމެ ފުރަތަމަ ޒިންމާއަކީ ފާއިތުވި ފަސް އަހަރު ދުވަހު ތަރައްގީގެ ސަފުގައި ގަން ބާކީވެފައި އޮތް އޮތުމަށް ނިމެއް ގެނެސް، ތަރައްގީގެ ޗާޓުގެ އެންމެ އުހަށް ގަން ގެންދިއުމެވެ. އެކަން ކާމިޔާބު ވާނެކަމުގެ ކޮޅުމަތި މިހާރު ވެސް ފެންނަން ފަށައިފިކަމަށް ޔޫތު ވިދާޅުވިއެވެ. "ކައްދޫ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުކުރުމުގެ ވާހަކައަކީ ހޮޅި ވާހަކައެއް ނޫންކަން މިހާރު މިއޮތީ ފެންނަން. އެއާޕޯޓް ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަޅު މިހާރު އެޅިއްޖެ. އެއްބަސްވުމުގައި ސޮއި ކުރެވިއްޖެ. ގާދޫ ބަނދަރުގެ މަސައްކަތް ފެށުމުގެ ޕްލޭންތައް ނިމި ދާދިއަވަހަށް އަމަލީ މަސައްކަތް ފެށިގެން ދާނެ. ރައީސް މުއިއްޒަކީ ވައުދު ފުއްދާނެ ބޭފުޅެއް ކަމާއިމެދު އެއްވެސް ޝައްކެއް ނެތް. އެވައުދުތައް ފުއްދުމަށް އެމަނިކުފާނަށް ދޭން ޖެހޭ އެއްބާރުލުން ދިނުމުގައި ސާބިތުކަމާއިއެކު އަޅުގަނޑު ހުންނާނަން." ޔޫތު ވިދާޅުވިއެވެ.

ޔޫތު ވިދާޅުވީ ސަރުކާރާއި ގުޅިގެން ވައުދުތައް ފުއްދުމުގައި އެހީތެރިވާ ސަރުކާރުގެ މެންބަރެއްގެ އިތުރުން ސަރުކާރާއި ރައްޔިތުން ގުޅުވައިދޭ ބައިވެރިއަކަށް އޭނާ ވެގެންދާނެ ކަމަށެވެ. "މިހާތަނަށް ވެސް ކޮންމެ މީހަކަށް ވެސް އެހީތެރިކަން ވެދެވެން އޮތް ކޮންމެ ކަމެއްގައި އަޅުގަނޑުގެ އެހީތެރިކަން އޮންނާނީ ލިބިފައި. އަޅުގަނޑާއި ބަދަލުވެ ވާހަކަނުދެކެވޭ، އަޅުގަނޑަކީ ކާކުކަން ނޭނގޭ އެއްވެސް ރައްޔިތަކު ގަމު ދާއިރާއަކު ނުހުންނާނެ. އެހެންކަމުން ގަމު ދާއިރާގެ ކޮންމެ ރައްޔިތަކަށް ވެސް ދޭން ބޭނުންވާ ޔަގީން ކަމަކީ މާދަމާގެ ވޯޓް އަޅުގަނޑަށް ދެއްވައިފިނަމަ އެއީ ބޭކާރު ވެގެން ދާނެ ވޯޓަކަށް ނުވާނެ. އެއީ ގަމު ދާއިރާގެ ތަރައްގީއަށް ދެވޭ ވޯޓަކަށް ވާނެ. އެއީ ގަމު ދާއިރާގެ މުސްތަގުބަލަށް ދެވޭ ވޯޓަކަށް ވާނެ.

ކިޔުންތެރިންގެ ހިޔާލު