الحمد لله رب العالمين. والصلاة والسلام على أشرف الأنبياء والمرسلين و بعد:

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަވަނީ މިއުއްމަތުގެ ބަޔަކު ޙިސާބު ބެއްލެވުމެއްނެތި ސުވަރުގެ ވަންނާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވާފައެވެ. އެގޮތުން އަޅުގަނޑުމެންވެސް އެބަޔަކީ ކޮންބަޔެއްކަން ހޯދައި އަދި އެސިފަތައް ލިބޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ. އެހެނީ އެފަދަ މަތިވެރިކަމެއް އަޅުގަނޑުމެންނަށް ޙާޞިލުވުމަކީ ވަރަށް ބޮޑުވެގެންވާ ނިޢުމަތެކެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(يَدْخُلُ الْجَنَّةَ مِنْ أُمَّتِي سَبْعُونَ أَلْفًا بِغَيْرِ حِسَابٍ هُمْ الَّذِينَ لَا يَسْتَرْقُونَ وَلَا يَتَطَيَّرُونَ وَعَلَى رَبِّهِمْ يَتَوَكَّلُونَ) رواه البخاري في صحيحه: 6107.

މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުން ހަތްދިހަ ހާސް މީހުން ޙިސާބު ބެއްލެވުމެއް ނެތި ސުވަރުގެ ވަންނާނެއެވެ. އެބައިމީހުންނަކީ ރުޤުޔާ ކުރުމަށް ނޭދޭ މީސްތަކުންނެވެ. އަދި އެއްޗަކާ ގުޅުވައިގެން ސުންޕާކަމަށް ދެކިނޫޅޭ މީސްތަކުންނެވެ. އަދި އެބައިމީހުންގެ ވެރިރައްބަށް (ސުބުޙާނަހޫ ވަތަޢާލާއަށް) ވަކީލުކުރާ މީހުންނެވެ."

އެގޮތުން މި ޙަދީޘްގައި ބަޔާންވެފައިވާ ސިފަތަކަށް ކުރުކޮށް ބަލައިލާނަމެވެ.

ރުޤުޔާކުރުމަށް ނޭދޭ މީސްތަކުން

އެހެން މީސްތަކުން ކައިރިން ރުޤުޔާކުރުމަށް ނޭދޭ މީސްތަކުންނެވެ. ވަރަށް ގިނަ ޙަދީޘްތަކުގައި މިގޮތަށް ޝަރަޙަކުރެވިފައިވެއެވެ. އެހެނީ މީސްތަކުން ކައިރީގައި ރުޤުޔާއަށް އެދުމަކީ ތިމާގެ ވަކީލު ކުރުން ދަށްކަމުގެ ޢަލާމާތެކެވެ. އަދި މިކަމަކީ ޤުރުއާނާއި ސުންނަތުން ސާބިތުވާ ދުޢާތަކުން ހުއްދަކަމެއްކަމުގައިވުމުން މި ބަހުގެ މުރާދުގައި އެއީ ވަކީލު ކުރުމުގެ އެންމެ ފުރިހަމަ މިންވަރު އުނިވާކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވެއެވެ.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(مَنْ اكْتَوَى أَوْ اسْتَرْقَى فَقَدْ بَرِئَ مِنْ التَّوَكُّلِ) رواه الترمذي في سننه: 2055.

މާނައީ: "ދޮންދަގަނޑު ޖައްސައިގެން ފަރުވާކުރާމީހާޔާ އަދި ރުޤުޔާއަށް އެދޭ މީހާ ފަހެ ވަކީލުކުރުމުން ބަރީއަވެއްޖެއެވެ."

އެއީ ވަކީލުކުރުމުގެ އެންމެ ފުރިހަމަ މިންވަރުންނެވެ. އަދި މި ޙަދީޘްގެ މުރާދުގައި އިމާމު މުނާވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ވަކީލުކުރުމުން ބަރީއަވަނީ އެއީ ﷲ ފިޔަވައި އެކަމަށް ބަރޯސާ ވެގެން ކޮށްފިނަމައެވެ.

ނަމަވެސް ޟަރޫރީ ވެގެން ރުޤުޔާއަށް އެދެފިނަމަ މައްސަލައެއްނެތެވެ. އަދި އެކަމަކީ ހުއްދަވެގެންވާ ކަމެކެވެ.

އެއްޗެއްސާ ސުންޕާކަން ގުޅުވުން

އެއީ މިސާލަކަށް ފެންނަ ކަމަކުން ނުވަތަ އިވޭ އެއްޗަކުން އެކަމަކީ ބަދުނަސީބާ ސުންޕާކަމެއްކަމަށް ޤަބޫލުކުރުމެވެ. މިސާލަކަށް ކަޅުބުޅަލެއް ކުރި ކަނޑައިފިނަމަ އެއީ ސުންޕާކަމެއްކަމަށް ކުރީގައި ދިވެހިން ޤަބޫލުކުރާ ބީދައިންނެވެ.

ދޮންދަނގަޑު ޖައްސައިގެން ފަރުވާކުރުން.

މިއީ ފަރުވާކުރެވޭ ގޮތްތަކުގެ ތެރޭން ނަހީއައިސްފައިވާ ކަމެކެވެ. ނަމަވެސް ޟަރޫރަތުގައި ހުއްދަވެއެވެ. މި ޙަދީޘްގައި މި ލަފުޒު އެހެން ޙަދީޘްތަކުގައި އައިސްފައިވެއެވެ.

އަދި ﷲއަށް ފުރިހަމައަށް ވަކީލުކުރުން

އެހެނީ ﷲއަށް ފުރިހަމަ ވަކީލުކުރުމަކީ އީމާންކަމުގެ އެންމެ މަތީ ދަރަޖަ ޙާޞިލުވާކަމެކެވެ ބައެއް މީހުން ހީކުރަނީ ވަކީލުކުރުމަކީ ސަބަބުތަކުގައި ނުހިފުންކަމުގައެވެ. ނަމަވެސް އެއީ ނުބައި ޢަޤީދާއެކެވެ. ވަކީލުކުރުން ވަނީ ސަބަބުގައި ހިފަހައްޓައިގެންނެވެ. ސަބަބުގައި ނުހިފާނަމަ އެއީ ވަކީލުކުރުމަކަށް ނުވާނެއެވެ. މި ޙަދީޘްގެ މުރާދަކީ ﷲއަށް ފުރިހަމައަށް ވަކީލުކުރުން ނަފީވެގެންދާ ވަހަކައެވެ. އަދި މަތީގައި ބަޔާންވެދިޔަ ތިންކަމަކީ ވަކީލުކުރުމަށް އުނިކަން އަންނަ ކަންކަން ކަމުގައި ޢިލްމުވެރިން ބަޔާންކުރައްވައެވެ. އޭގެ ތެރޭގައި އިމާމު ޤުރުތުބީ ހިމެނިވަޑައިގަނެއެވެ. އެހެނީ ﷲއަށް ވަކީލުކުރެވޭނީ ޝިރުކުކުރުމުން ބަރީއަވެ ﷲ އެއްކައުވަންތަކޮށް ހުރިހާ މާނައެއްގައި އެއިލާހަށް ކިޔަމަންތެރިވެގެންނެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(وَمَن يَتَوَكَّلْ عَلَى اللَّـهِ فَهُوَ حَسْبُهُ) سورة الطلاق: 3.

މާނައީ؛ "އަދި ﷲއަށް ވަކީލުކުރާ މީހާއަށް، ފަހެ ﷲ ފުދިގެންވެއެވެ."

ވީމާ ދުޢާއަކީ އަޅުގަނޑުމެންނަކީ މިސިފަތައް ލިބިގަންނަ ބަޔެއްކަމުގައި ލެއްވުމެވެ.

وصلى الله وسلم على محمد و آله صحبه أجمعين. آمين.