މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ އަކީ ކަނޑައެޅިގެން ހަރާމްވެގެންވާ އެއްޗެއް ކަމަށާއި، ތިބާ އެންމެ ލޯބިވާ އަނބިދަރިންނަށް ކާން ދެނީ ކަނޑައެޅިގެން އަލިފާން ކަމަށް ހުތުބާގައި ވިދާޅުވެއްޖެއެވެ.

މިއަދުގެ ހުކުރު ހުތުބާ ހާއްސަ ކޮށްފައިވަނީ މަސްތުގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމާ ގުޅޭގޮތުންނެވެ.

މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެއް ކަން ބަޔާންކޮށްދެއްވައި، ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"މަސްތުވާ ކޮންމެ އެއްޗަކީ ރަލެކެވެ. އަދި މަސްތުވާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ"

މިއަދުގެ ހުތުބާގައި ވިދާޅުވެފައި ވަނީ މަސްތުވާ ކޮންމެ އެއްޗަކީ އޭގެ ސަބަބުން އެ ބޭނުން ކުރާ މީހާ "ހަމަ" ބުއްދިން އެއްކިބާ ކޮށްލާ އެއްޗެއް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ސިކުނޑިން ފޮނުވާ ނުރަނގަޅު މެސެޖުތަކެއްގެ ސަބަބުން އަމިއްލަ ނަފްސުގެ ކޮންޓްރޯލު ގެއްލިގެން ދާ ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ. އަދި އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި، އަމިއްލައަށް މަރުވުން ފަދަ ހިތާމަވެރި ކަންތައްތަކަށް ވެސް މަސްތުވާތަކެތީގެ ސަބަބުން މަގުފަހި ވެގެން ދާ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ހުތުބާގައި ވިދާޅުވެފައި ވަނީ، މި ކުޑަކުޑަ މުޖުތަމަޢުގައި މިހާރު، މަސްތުވާތަކެތީގެ ވަބައިގެ ޝިކާރައަކަށް ވެފައިވާ މީހަކު ނުވަތަ ޒުވާނަކު ނެތް އާއިލާއެއް މަދު ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ތަންތަން ހިންގުމާއި، މަސްތުވާތަކެތި ބޭނުން ކުރުމަށް ޚާއްސަ ކެފޭތައް ސިއްރިއްޔާތުގައި ހިންގުމަކީ، މިއަދު ފެންނަން އޮތް ހިތްދަތި ހަގީގަތެއް ކަމަށެވެ.

އަދި މައިންބަފައިންނާއި އަނބިދަރިންގެ ކަރުނަ ފޮހެދީ، ކާއެތިކޮޅު ފޮހެދީ އަތްތަކުން ކާއެތިކޮޅަށް ހޭދަކުރަން އޮންނަ ލާރިކޮޅު އަންދައި އަޅިއަށް ހަދާލައި، ހިފައި ގެންގުޅޭ ސާމާނުން ފެށިގެން ހަރުމުދާތައް ވެސް މަސްތުވާތަކެތީގެ ސަބަބުން ހުސް ކުރާ ކަމަށާއި އަނބިދަރިން ހިމާޔަތް ކުރަން ޖެހޭ އަތްތަކުން އެބައި މީހުންނަށް އަނިޔާއާއި ގޯނާ ކުރުމުގައި ހައްދުފަހަނަ އަޅައި ދާ ކަމަށް ވެސް ހުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.

މިއީ ހަގީގަތް ނަމަވެސް މަސްތުވާތަކެތި ވިޔަފާރިކުރާ މީހުން މުޅި ޙަޔާތް ބިނާ އެކުރަނީ ޙަރާމް ވިޔަފާރިއެއްގެ މައްޗަށް ކަމަށް ހުތުބާގައި ފާހަގަކޮށްފައިވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަކީ ފައިސާގެ ދަހިވެތިކަމުގައި ޖީލުތައް ބަރުބާދު ކުރަމުންދާ، އެތައް ސަތޭކަ މައިންގެ ލޯތައް ލޭގެ ކަރުނައިގެ ކޯރުތަކުން ފުރާލާ ރަހުމު ކުޑަ ބައެއް ކަމަށް ހުތުބާގައި ވަނީ ވިދާޅުވެފައެވެ.

"އޭ މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނޭވެ! ތިބާގެ މުޅި ހަޔާތް ތިޔަ ބިނާ ކުރަނީ ހަރާމް ވިޔަފާރިއެއްގެ މައްޗަށެވެ. މަސްތުވާތަކެތީގެ ވިޔަފާރިން ލިބޭ ފައިސާ އަކީ ކަނޑައެޅިގެން ހަރާމްވެގެންވާ އެއްޗެކެވެ. މިއަދު ތިބާ އެންމެ ލޯބިވާ އަނބިދަރިންނަށް ކާން ތިޔަދެނީ ކަނޑައެޅިގެން އަލިފާނެވެ. ހަރާމް ތަކެތި ކައިގެން ހަށިގަނޑުގައި ޖަހާ މަހަށް އައުލާވެގެން ވަނީ ނަރަކަ ކަމަށް ނަބަވީ އިރުޝާދުތަކުގައި ބަޔާން ކުރައްވާފައިވެއެވެ" ހުތުބާގައި ވެއެވެ.

މީގެ އިތުރުން ހުތުބާގައި ވަނީ މުޖުތަމައުގައި ހިނގާ ގެވެށި އަނިޔާގެ ގިނަ މައްސަލަތަކުގައި މަސްތުވާ ތަކެތީގެ ދައުރެއް އޮންނަ ކަމީ ހަގީގަތެއް ކަމަށާއި މާރާމާރާއާއި، މީހުން މެރުމާއި، ވައްކަމާއި، އެހެނިހެން އެތައް މައްސަލަތަކެއް ގިނަ ފަހަރަށް ގުޅިފައިވަނީ ވެސް ސީދާ މަސްތުވާ ތަކެއްޗާއި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އިސްޓީޅް

    އަވަށްޓެރިޔާގެ ގެ ހަލައިކުކޮށް، އޭނާއި އޭނާގެ އާއިލާމެންބަރުން ބީރުވެ، ނަފްސާނީ މައްސަލަތައް ކުރިމަތިވެ ވާވަރަށް ހަތަރޮދަމި ކަރަންޓު މަރުތެޔޮ ޖައްސައި، އަވަށްޓެރިޔާގެ ރުހުމާ ނުލާ އޭނާގެ ފުރާޅައު އަރައި، ސިމެންތި އަޅައި ހަދަގެން އަވަސްފައިދާ ނަގާއް ކެރާ މަސައްކަތުން ހޯދައިގެން ގެޔަށް ގެންދާ ލާރިން ގަންނަ އެއްޗިއްސާއިމެދު އަފިރިން އެއްތައް ބުނާކަށް ނެތީމެވެ.

  2. އަބުދުﷲ

    ފުރަތަމަ ރަލާ އޫރުމަހާ ރިބާ މަނާ ކޮއްފަ ތިވާހަކަ ދައްކަބަލަ ޚުތުބާ ލިޔުނު މީހާއަށް މުސާރަދެނީ މަސްތުވާ ތަކެއްޗާއި ރަލާ އޫރުމަހާ ރިބާގެއާމްދަނީން ހިތައް ހެޔޮ ކޮންމެ ތިންމަހަކުން މުސާރަބޮޑު ކުރިއްޔާ އެއްވެސް އިޚުޅާސްތެރިކަމެއް ހުރެގެން ކިޔާ ޚުތުބާތަކެއްނޫން

    • އަލީ ބުނީ

      ރާއްޖެތެރޭ މީހުންގެ ފަސްކުޅަދު މަދޭ ބުނަންޖެހެނީ ތިކަހަލަ ކޮމެންޓު ލިޔާތީ.

      1
      2
  3. ޒައިދު

    އަދި ދީން ވިއްކާ ޝެއިހުންގެ ވާހަކައާއި ހުކުމް ވިއްކާ ޤާޒީންގެ ވާހަކަވެސް ގެނައީމަ ފުރިހަމަ ވާނީ.

    1
    1
  4. އަލީ ބުނީ

    ރާއްޖެތެރޭ މީހުންގެ ފަސްކުޅަދު މަދޭ ބުނަންޖެހެނީ ތިކަހަލަ ކޮމެންޓު ލިޔާތީ.

  5. ހައް

    އިސްޓީލަށް ތާއީދު