ކުރެވޭ ކުށްފާފަތަކާއި ހަޑިހުތުރު އަމަލުތައް ވަންހަނާ ކޮށްދިނުމާއި ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި މިއަދުގެ ހުކުރު ޚުތުބާގައި ތަފްސީލުކޮށް ކިޔާދެއްވައިފިއެވެ.

ތިމާގެ އަޚާ ފަޟީހަތް ކުރުން ދުރުހެލިވުމާއި ގުޅޭގޮތުން މިއަދު އިއްވި ޚުތުބާގައި ވިދާޅުވެފައި ވަނީ، ރިވެތި ސިފަތަކާއި މާތް އަހްލާގުގެ ތެރެއިން އެހެން މީހުންގެ އައިބުތަކާއި، އުނިސިފަތައް، ފޮރުވައި ވަންހަނާ ކުރުން ވާ ކަމަށެވެ.

ޙުތުބާގައި ވަނީ ﷲ ތައާލާއަކީ އިންސާނުންނަށް ކުރެވޭ ނުބައި އަމަލުތައް ވަންހަނާ ކޮށްދެއްވާ ރަސްކަލާނގެ ކަމަށާއި، އެހެންވެ އިސްލާމް ދީނުގައި އައުރަ ނިވާ ކުރުމަށާއި، އެހެންމީހުންގެ ސިއްރުތައް ރައްކާތެރިކުރުމަށް ގޮވާލާ ކަމަށެވެ. އަދި ކީރިތި ރަސޫލާ مُحَمَّدُ صَلَّى اللهُ عَلَيْهِ وَسَلَّمَ އަމުރުކުރައްވާފައި ވަނީ، އޮޅުމަކުން ކުރެވޭ ހަޑި ހުތުރު އަމަލުތައްވެސް ވަންހަނާ ކުރުމަށް ކަމަށް ޚުތުބާގައި ވެއެވެ.

"ތިމާ އެފަދަ ކަންކަން އާއްމުކޮށް ފާޅު ނުކުރާހާ ހިނދަކު، މާތްﷲ އިންސާނާގެ އެފަަދަ އަމަލުތައް ބޭޒާރު ނުކުރައްވާ ވަންހަނާކޮށް ދެއްވާނެތެެވެ" ޚުތުބާގައި ވެއެވެ.

ޙުތުބާގައި ވަނީ ކުރެވޭ ކުށްފާފަތަކާއި، ހަޑި ހުތުރު އަމަލުތައް ވަންހަނާ ކުރުމަކީ، ގިޔާމަތް ދުވަހުން މާތްﷲގެ ފުއްސެވުމާއި މަޣްފިރަތް ލިބޭނެ ކަމެއް ކަމަށެވެ. އަދި ފޮރުވައި ވަންހަނާ ކޮށްދިނުމުގެ ތެރޭގައި އިންސާނުންނަށް ކުރެވޭ ނުބައި ކަމެއް ފެންނަ ހިނދު ނަސޭހަތްދީ އޭނާގެ ކުށް ވަންހަނާ ކޮށްދިނުން ވާކަމަށް ޚުތުބާގައި ވެއެވެ.

އަދި މީހުން ފަޟީޙަތްނުކޮށް، އެމީހުންގެ ނުބައި އަމަލުތައް ވަންހަނާކޮށްދޭ މީހަކީ، ﷲ ދެކެ ބިރުގަންނަ، އާޚިރަތް ދުވަހުގެ ރައްކާތެރިކަމަށް އެދޭ މީހެއް ކަަމަށް ޚުތުބާގައި ވެއެވެ.

"މީސްމީޑިއާގެ ވަސީލަތްތައް ޚަބަރުތަކާއި، ފޮޓޯތަކާއި، ވީޑިއޯތައް ފަތުރަން ފަސޭހަ މިފަދަ ޒަމާނެއްގައި، މުސްލިމުން މި ކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ. އަތުގައި އޮންނަ މޯބައިލް ފޯނުގެ ޒަރިއްޔާއިން، މީހުންނަށް ނޭނގޭގޮތަށް، ތަންތަނާއި، މަންޒަރުތަކާއި އަޑުތައް ރެކޯޑްކޮށް، ފިތައިލާ ފިތަކުން އެ ސިއްރުތައް އާއްމުކޮށްލާ ހިނދު، އެފަދަ އެ ކަންކަން ކުރާ ކޮންމެ މީހަކުވެސް، ދީނުގައި އައިސްފައިވާ ވަޢީދުތަކާ މެދު ވިސްނައިލާން ޖެހޭނެ".ޚުތުބާގައި ވެއެވެ.

އިތުރަށް ޚުތުބާގައި ވަނީ ފޮރުވައި ވަންހަނާ ކުރުން މަނާއަކީ މުންކަރާތްތަކާއި ދެކޮޅު ހެދުން ދޫކޮށްލުން ނޫން ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރެއިން މީހަކު މުންކަރާތަަކަށް އަރައިގަންނަމުންދާނަމަ އޭނާއަށް ނަސޭހަތް ދިނުން ވާޖިބުވާނެއެވެ". ޚުތުބާގައި ވެއެވެ.

ޚުތުބާގައި ވަނީ އެފަދަ ސިއްރުތައް ފާޅުކުރާ މީހުންގެ ނުބައިކަމާއި ގުޅޭގޮތުންވެސް ބަޔާންކޮށްފައެެެވެ. އެގޮތުން މާތްﷲގެ ވަހީ ބަސްފުޅެއްގެ މާނާގައި ވަނީ، "ހަމަކަށަވަރުން އީމާންވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކަ އާއި އަމަލު ފެތުރިގެން ދިއުމަށް ލޯބިކުރާ މީހުން ވެއެވެ. އެ މީހުންނަށް ދުނިޔެއާ އާހިރަތުގައި ވޭންދެނިވި އަޒާބު ހުއްޓެެވެ. ﷲ ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައި މީހުންނަށް ނޭނގޭނެތެވެ".

އެހެންކަމުން ﷲގެ އެ އިންޒާރުގެ ބަސްފުޅުގައި ވަހީކުރައްވާފައި ވަނީ، އެފަދަ އަމަލުތައް ފެތުރިގެން ދިއުމަށް އެ މީހުން ލޯބި ކުރާ ކަމަށް ޙުތުބާގައި ވެއެވެ.

"ވީމާ އެފަދަ ފާހިޝް އަމަލުތައް ބޭޒާރުކޮށް ފަތުރާ މީހުންނަށް އަޒާބު ކިހާ ބޮޑުވާނެ ހެއްޔެވެ". ޙުތުބާގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ނަންރީތި ސަލީމް

    ކުރީދުވަހު އަންހެނަކު މަގުމަތީގަ ިއިސްލާމްދީނައް ފުރައްސާރަކޮއް ހަޑިހުތުރުކޮއް ެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެއްޗެތިކިޔާ ހެދިއިރުވެސް މީހުންތިބީކުޅިބަލަން އެމީހާއައް އަދަބެއްވެސްނުލިބެ

    5
    1
    • ނަން

      ދެން ކަލޭ ކީއްވެ އެމީހާއަށް އަދަބު ނުދިނީ؟

  2. އަދުލުއިންސާފު

    ފާހިޝް އަމަލު ހިންގާ މީހުންނަށް އަޒާބު ނުލިބި އަޒާބު ލިބެނީ ބޭޒާރު ކުރާމީހުންނަށްތޯ. އެއީ ރާއްޖޭގަ މިހާރު އޮތް އިސްލާމް ދީނުގައިވާ ގޮތްކަމަށް ވެދާނެ.