ޣައްޒާގެ މުޤައްދަސް ބިން ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ މާތްﷲ މުސްލިމުންގެ ބޮލުގައި އަޅުއްވާފައިވާ ބުރަ މަސްއޫލިއްޔަތެއް ކަމަށާއި ޔަހޫދީންގެ ކިބައިން މަސްޖިދުލްއަޤްސާ ރައްކާތެރިކުރުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.

މިއަދުގެ ހުތުބާގައި އަލިއަޅުވާލާފައިވަނީ އިސްރާއީލުގެ ނިރުބަވެރިން ފަލަސްތީނުގެ ބިމުގައި ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ މައްޗަށެވެ.

މި ދުވަސްވަރަކީ، މުސްލިމުންގެ އަދުއްވުން ކަމަށްވާ އިސްރާއީލުގެ ޔަހޫދީ ޒަޔަނިސްޓުން މުސްލިމުންގެ މުޤައްދަސް އެއް މިސްކިތް ކަމަށްވާ މަސްޖިދުލްއަޤްސާ ހުންނަ ބަރަކާތްތެރި ބިމުގައިވާ ޣައްޒާއަށް އުދުވާނީ ހަމަލާތަކެއް ދެމުންދާ ދުވަސްވަރެވެ. މި ހަމަލާތަކުގައި ކުޑަކުދިންނާއި އަންހެނުން، މުސްކުޅިން އަދި ނުކުޅެދޭ މީހުންނަށްވެސް ބެލުމެއްނެތި ޝަހީދުކުރަމުންދާ ކަމަށް ހުތުބާގައި ބުނެއެވެ. އަދި ސްކޫލްތަކާއި މިސްކިތް އަދި ހޮސްޕިޓަލްތަކުގެ އިތުރުން ބަލި މީހުން އުފުލަމުންދާ އެމްބިއުލާންސްތކަށްވެސް ހަމަލާ ދެމުންދަނީ އެއްވެސް ބެލުމެއް ނެތިއެވެ.

އިންސާނީ ކަރާމާތާއި، އަސާސީ ހައްޤުތަކަށް ބެލުމެއްނެތި އިސްރާއީލުގެ ޔަހޫދީން ދަނީ އެއްވެސް ގާނޫނަކަށް ބެލުމެއްނެތި މުޅި ޣައްޒާ ހިސާރުކުރަމުންނެވެ. އަސާސީ ހިދުމަތްތައް ކަމަށްވާ ފެނާއި ކަރަންޓު އަދި ބޭސްފަރުވާއިން މުސްލިމުން ތިބީ މަހުރޫމްވެފައިކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ. އަދި މިފަދަ އަނިޔާވެރި އަމަލުތަކެއް ހިންގަމުންދާއިރު، ހުޅަނގުގެ ދެފުށް ދެގޮތް ސިޔާސަތުގެ ދަށުން އިސްރާއީލުގެ ޔަހޫދީންނަށް ހިމާޔަތް ލިބިފައިވާކަންވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

ފަލަސްތީނަކީ ސަލާމްލެއްވި އިބްރާހީމްގެފާނާއި އިސްހާގުގެފާނު، ޔައުޤޫބު، ޔޫސުފް އަދި ލޫތު، ދާއޫދު، ސުލައިމާނު ފަދަ އެތައް ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންނެއް ދިރިއުޅެއްވި ބިމެކެވެ. ކީރިތިޤުރުއާނުގައި ނަންގަނެވިފައިނުވާ އެތައް ނަބީބޭކަލުންނާއި ރަސޫލު ބޭކަލުން ފަލަސްތީނުގެ ބިމުގައި އުޅުއްވި ކަމަށް ހުތުބާގައިވަނީ ބުނެފައެވެ.

"ފަލަސްތީނަކީ އެތައް ނަބީބޭކަލުންނާއި ރަސޫލު ބޭކަލުންނެއް ދިރިއުޅެއްވި ބިމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

މީގެއިތުރުން ކީރިތި ރަސޫލާގެ އެތަކެއް ސަހާބީންނެއް ފަލަސްތީނުގެ ބިމުގައި ދިރިއުޅެއްވިކަމަށް ހުތުބާގައި ބުނެއެވެ. އެބިމަކީ އެހާވެސް މާތް، މުގައްދަސް ބިމެއްކަން ހުތުބާއިން ހާމަވެގެންދެއެވެ. އެބިމަކީ ދައްޖާލު މަރުވެގެންދާނެ ބިންކަމަށާއި އެބިމަށް ބަރަކާތް ލެއްވުން އެދި މާތް ނަބިއްޔާ މުހައްމަދު ސައްލަﷲ އަލައިހި ވަސައްލަމް ދުއާ ކުރެއްވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"ބައިތުލްމަޤްދިސަކީ ދައްޖާލު މަރުވެ ނެތިގެންދާނެ ބިމެވެ. އެއީ މާތްވެގެންވާ ޝާމްކަރައިގެ ސަރަހައްދުގައި ހިމެނޭ ބިމެކެވެ. ކީރިތި ރަސޫލާ އެބިމަށް ބަރަކާތްލެއްވުން އެދި ދުއާ ކުރެއްވި ބިމެވެ." ހުތުބާގައި ބުނެފައިވެއެވެ.

ޔަހޫދީން ޣައްޒާއަށް ދެމުންދާ ވައިގެ ހަމަލާތަކުގައި ކޮންމެ 10 މިނެޓަކުން ކުޑަކުއްޖަކު ޝަހީދުވެގެންދާކަން ހުތުބާގައިވަނީ ފާހަގަކޮށްފައެވެ. މުޅި ޣައްޒާ 80 އިންސައްތަ ސުންނާފަތިކޮށް ރައްޔިތުން ހާލުގައި ޖައްސައިފިއެވެ.

ހުތުބާގައި ބުނާގޮތުން ފަލަސްތީނަކީ އިސްލާމީ ބޮޑެތި އިލްމުވެރިން ކަމަށްވާ މާލިކް ބިން ދީނާރާއި ސުފްޔާނުއްސައުރީ އާއި އަލްއިމާމު ޝާފިއީ ފަދަ އިލްމުވެރިންގެ އިތުރުން އިލްމީ ފޮތްތަކާއި، ބޮޑެތި މަދަރުސާތަކުން ޒީނަތްތެރިވެފައިވާ ރަށެކެވެ.

"އެބިމަކީ އެތައް ޒައީމުންނެއް އެ ބިމަކަށްޓަކައި ގުރުބާނީތަކެއް ވެވަޑަިއގެންފާ ބިމެކެވެ. އެބިމުގެ މިނިވަންކަމަށްޓަކައި އިސްލާމީ އެތައް ބަތަލުންނެއް ޝަހީދުވެ ވަޑައިގެންފައިވާ ބިމެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

އަދި އެ ބިމުގެ މިނިވަންކަމަށްޓަކައި އިސްލާމީ އެތައް ޒައީމުންނެއް ޤުރުބާންވެ ވަޑައިގަތްކަން ހުތުބާއިން އެގިގެންދެއެވެ.

"ބައިތުލްމަޤްދިސް އަޅުވެތިކަމުގައި އޮއްވައި ހިނިތުންވުމަށް އަހުރެން ލަތުވެތިވަމެވެ." އައްސުލްތާނުލް އާދިލް މަހުމޫދު ނޫރުއްދީން ޒިންކީ ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ސަލާހުއްދީނުލް އައްޔޫބީ ފަދަ ބޭކަލުން ސަލީބީންގެ ވަކިތަކުން މަސްޖިދުލްއަޤްސާ އާއި ފަލަސްތީން މިނިވަން ކުރެއްވި ކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންނަމަވެސް އެ ހަމަލާތަކުގައި އެއްވެސް ކުޑަކުއްޖެއް، މުސްކުޅިއެއް ގަތުލު ނުކުރައްވާ ކަމަށާއި އެއްވެސް ގެއެއް ހަލާކުކޮށް އަވަށެއް ފުނޑުފުނޑުުނުކުރައްވައެވެ.

ހަމައެގޮތަށް މުސްލިމުންގެ މަޝްހޫރު ކޮމާންޑަރު ސައިފުއްދީން ޤުތުޒުވެސް ތަރާތަރުންނާއި ދެކޮޅަށް ހަނގުރާމަކޮށް ފަލަސްތީނު މިނިވަންކުރެއްވި ކަމަށް ހުތުބާގައިބުނެފައިވެއެވެ. އަދި ހަމައެއާއެކު އުސްމާނީ ޚަލީފާ އަބްދުލް ހަމީދު އެމަނިކުފާނުގެ ތަޚްތާއި ވެރިކަންވެސް ފަލަސްތީނަށްޓަކައި ޤުރުބާންކޮށްލިކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޣައްޒާއަކީ މާތް ރަސޫލާ އިސްރާކުރެއްވި އަލްމަސްޖިދުލް އަޤްސާ ހުންނަ ފަލަސްތީނުގެ ބިން ކަމަށާއި މުސްލިމުންގެ ފުރަތަމަ ޤިބްލަކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

"ފަލަސްތީނުގައިވާ މަސްޖިދުލް އަޤްސާއަކީ މުސްލިމުންގެ އަޤީދާ އާއި ދީނާ ގުޅިފައިވާ މާތްﷲ ގެ ގެކޮޅެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާ މަދީނާއަށް ހިޖުރަކުރުމަށްފަހު 17 ވަރަކަށް މަސްދުވަހު މަސްޖިދުލް އަޤްސާއަށް ކުރިމަތިލައްވައިގެން ނަމާދު ކުރެއްވި ކަމަށާއި ކައުބަތުﷲ ގެފުޅަށް ޤިބްލަ ބަދަލުކުރެވުނީ އޭގެ ފަހުން ކަމަށެވެ.

މުސްލިމުންގެ ހިތުގައި އަލްއަޤްސާގެ ދަރަޖަ އާއި މަތިވެރިކަން ބިންވަޅު ނަގައިދިނީ ކީރިތި ރަސޫލާގެ އިސްރާގެ ދަތުރުފުޅު ކަމަށް ހުތުބާގައި ބުނެއެވެ. މިއީ ބޮޑު މުއުޖިޒާތެއް ކަމަށާއި ޤިޔާމަތާޖެހެންދެން ވެސް މުސްލިމުންގެ ހަދާނުގައި މި މުއުޖިޒާތް ދެމިއޮންނާނެކަމަށް ހުތުބާގައި ބުނެފައިވެއެވެ.

މި މުޤައްދަސް މިސްކިތާއި ކުޅެ މިސްކިތުގެ ހުރުމަތް ކަނޑާ ޔަހޫދީންގެ ކިބައިން އެތަން ރައްކާތެރިކުރުމަކީ މުސްލިމުންގެ ބޮލުގައި އެޅުވިފައިވާ ބުރަ މަސްއޫލިއްޔަތެއް ކަމަށް ހުތުބާގައި ބުނެއެވެ.

"އެކަލާނގެ ވަނީ މުސްލިމުންގެ ބޮލުގައި ވަރަށްބޮޑު މަސްއޫލިއްޔަތެއް އަޅުއްވާފައެވެ. އެއީ މި މުޤައްދަސް މިސްކިތާ ކުޅޭ މީހުންނާއި، މި މިސްކިތުގެ ހުރުމަތް ކަނޑާ މީހުންގެ ކިބައިން މި މިސްކިތް ރައްކާތެރި ކުރުމުގެ ބުރަ މަސްއޫލިއްޔަތެވެ." ހުތުބާގައި ބުނެފައިވެއެވެ.

މުސްލިމުންނަށް މުޤައްދަސް ތިން މިސްކިތެއް ލިބިގެންވާ ކަމަށް ހުތުބާގައި ބުނެއެވެ. އެގޮތުން މައްކާގެ އަލްމަސްޖިދުލް ހަރާމާއި، ކީރިތި ރަސޫލާ ބިނާކުރެއްވި އަލްމަސްޖިދުއް ނަބަވީ އަދި ފަލަސްތީނުގެ ގުދުސްގައި ބިނާކުރެވިފައިވާ އަލްމަސްޖިދުލް އަޤްސާއަކީ މުސްލިމުންނަށް މުޤައްދަސް މިސްކިތްތައް ކަމަށް ބުނެފައިވެއެވެ.

"މިތިން މިސްކިތުގައި ކުރެވޭ ނަމާދުގެ ސަވާބު އެހެން މިސްކިތްތަކުގައި ކުރެވޭ ނަމާދަށްވުރެ އެތައް ގުނައެއް އިތުރުވެގެންވެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

އެހެން މިސްކިތެއްގައި ކުރެވޭ 500 ނަމާދުގެ ސަވާބު މި ތިން މިސްކިތުގައި ކުރެވޭ އެއް ނަމާދާ އެއްވަރުވެގެންވެއެވެ. ކަންމިހެން ހުރުމާއެކު އެ މިސްކިތްތައް ހިމާޔަތްކުރުމަކީ މުސްލިމުންނާއި ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތެއްކަމަށް ހުތުބާގައި ބުނެއެވެ.

މަސްޖިދުލްއަޤްސާއަކި މިއުއްމަތާ ހަވާލުކޮށްފައިވާ އަމާނާތެއްކަން ބަޔާންކުރަމުން ހުތުބާގައި ބުނާގޮތުން އެއީ މުސްލިމުންގެ އީމާންކަމާއި، އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި، ހޭލުންތެރިކަން މިނެދޭ ތަރާދެކެވެ. މިއުއްމަތް ﷲގެ ރަސޫލާއަށް ވަފާތެރިވާ މިންވަރުކުރާ ތިލަފަތެކެވެ.

ޒަޔަނިސްޓުންގެ ދޮގު ވާހަތަކާއި އަނިޔާވެރި ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް މުސްލިމުން ކުރާ ޖިހާދުގައި ނަސްރު ދެއްވުން އެދި މިއަދުގެ ހުތުބާގައި ވަނީ ﷲގެ ހަޒްރަތުގައި ދުއާ ދަންނަވާފައެވެ. ޔަހޫދީންނާއި ދެކޮޅަށް މުސްލިމުންކުރާ ހަނގުރާމައިގައި މުސްލިމުންނަށް ނަސްރު ދެއްވާނެ ކަމުގެ ހެޔޮ ޚަބަރު ކީރިތި ރަސޫލާ ވަނީ މި އުއްމަތަށް ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެމަސްއޫލިއްޔައްތު އަދާކުރަން ނުކުތް ކޮންމެ މީހަކީ ދުނިޔެ
    ގަބޫލް ކުރާގޮތުގަ ޓެރަރިސްޓެއް.

  2. ސ

    އިސްލާމިކް މިނިސްޓަރު ޓެރެރިސޓަކަށް ހަދާފަ ޙައްޔަރެއް ނުކުރޭތަ ؟