މިސްކިތަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ޤަދަރެއް ދެވިފައިވާ، މިބިންމަތީގައި ﷲ ސުބްޙާނަހޫ ވަތަޢާލާ ލައްވާފައިވާ އެއިލާހުގެ ގެކޮޅެވެ. އަޅުގަނޑުމެންނަކީ މުސްލިމުން ކަމަށް ވާތީ އިސްލާމްދީނުގެ ދެވަނަ ރުކުން ކަމުގައިވާ ނަމާދުކުރުމަށާއި ﷲ އަށް އަޅުކަންކުރުމަށް ޚާއްޞަކުރެވިފައިވާ ތަނެކެވެ. މިސްކިތްތަކަކީ މި މަތިވެރި މަޤްޞަދުގައި ބިނާކުރެވިފައިވާ ﷲ ގެ ގެކޮޅަށް ވާއިރު އަޅުގަނޑުމެންގެ ހިތްތަކުގައި މިސްކިތްތަކަށް ދެވިފައިވަނީ ވަރަށް ޚާއްޞަ ޤަދަރެކެވެ.

މި ބިންމަތީގައިވާ ﷲ ގެ ގެކޮޅު ކަމަށްވާ މިސްކިތްތައް ފޮޅައި ސާފުކޮށް ބަލަހައްޓަމުން އައިސްފައި ވަނީ އެކަން ކުރުމުގެ ސަބަބުން ލިބިދާނެ މާލީ ފާއިދާއެއްގެ ބޭނުމެއްގައެއް ނޫނެވެ. އެއީ އާޚިރަތް ދުވަހުން ނުހަނު ގިނަގުނަ ޘަވާބާއި ދަރުމަ ލިބޭނެ ކަމެއް ކަމުގައިވާތީއެވެ. އެކަން ނުދަންނަ މީހަކު އިސްލާމުންގެ ތެރޭގައި ހުރުމަކީ ހިތާމަ ހުރި ކަމެކެވެ.

އިސްލާމްދީނުގައި މިހާ މަތިވެރި ޤަދަރެއް ދެވިފައިވާ މިސްކިތްތަކާމެދު އަޅުގަނޑުމެންގެ ތެރެއިން މިހާރު ފެންނަ މަންޒަރުތަކަކީ މި ދިވެހި މުޖުތަމަޢުން ދުށުމަށް އަޅުގަނޑުމެންގެ އެއްގޮތަކަށްވެސް ޟަމީރު ޤަބޫލުކުރާ މަންޒަރުތަކެއް ނޫނެވެ. ނަމަވެސް ހިތާމައަކީ އެފަދަ ކަންތައްތައް، ޚާއްޞަކޮށް ރަށްފުށުގައި ޢާންމުވަމުން ދިއުމެވެ.

އަޅުގަނޑުމެން ނަމާދުކުރާ މިސްކިތްތަކުގެ ސާފުތާހިރުކަން ދަމަހައްޓަން ޖެހޭނީ އަޅުގަނޑުމެންނެވެ. ޒަމާނުއްސުރެ އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީފައިވާ އިސްލާމީ މި ރިވެތި އާދަ ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެއް ކަމުގައި ނޫނީ ނުވާނެއެވެ. މިސްކިތްތައް ބެލެހެއްޓުމަކީ ސަރުކާރުން ކުރައްވާ ކަމެއް ކަމުގައިވީ ނަމަވެސް އެކަމާ ޙަވާލުވެގެން ތިބޭ ބަޔަކު އެކަންތައް ކުރަންޖެހޭނީ މާތް ﷲ ގެ ޙަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން އެކަލާނގެ ކިބައަށް ހިތް ނިޔަތް ޚަލާޞްކޮށްގެން ކަމަށް ފެނެއެވެ.

ކަން މިހެން އޮތްއިރު މި މާތް މައްސަރުގައި ބަންޑާރަ މިސްކިތާއި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުންގެ ބައިގެ ބައެއް ތަކެއްޗަށް ބަޔަކު ވަނީ ގެއްލުންދީފައެވެ. މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ބަންޑާރަ މިސްކިތުގެ އަންހެނުންގެ ފާހާނާގެ ތަށި އަދި ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުން ވުޟޫކުރާ ބައިގެ ފެން އިސްކުރުތަކަށް ގެއްލުންދީ ހަލާކުކޮށްފައިވާ ކަމަށެވެ.

ވިޔަފާރިވެރިންގެ މިސްކިތުގެ އަންހެނުންގެ ބައިގަ އައު އިސްކުރު ހަރުކުރުން ފޮޓޯ: މާލެސިޓީ ކައުންސިލް

އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. ޝަހީމް އަލީ ސައީދު ވެސް ވަނީ ދެ މިސްކިތެއްގެ އަންހެނުން ނަމާދު ކުރާ ބައިތަކަށް ގެއްލުން ދިން މައްސަލަ ކުށްވެރި ކުރައްވާފައެވެ. މިނިސްޓްރީގެ ފަރާތުން، މިކަން ބަލައި ފިޔަވަޅުއަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިސްކިތްތަކަކީ ﷲ ގެ ގެކޮޅުތަށް، އެތަންތަނަށް ދޭންޖެހޭ ޤަދަރާއި އިޙުތިރާމް ދަމަހައްޓަންޖެހޭނެ ކަމަށް ވިދާޅުވިއެވެ. އަމަލެއް ކުރުމަކީ ހިތާމަ ހުރި ކަމެކެވެ. ޤަސްތުގައި މިސްކިތްތަކަށް ގެއްލުން ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.

  1. މިސްކިތް ދެކެ ލޯބި ވުމާއި މިސްކިތުގެ ގަދަރު ދިނުމާއި ގުޅޭގޮތުން ސޫރަތުލް ޙައްޖިގެ 32 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (ذَٰلِكَ وَمَن يُعَظِّمْ شَعَائِرَ‌ اللَّـهِ فَإِنَّهَا مِن تَقْوَى الْقُلُوبِ) މާނައަކީ: “(ކަންހުރިމަގީ) އެއީއެވެ. އަދި اللَّهގެ شعائرތަކަށް (އެބަހީ: هدىކަތިލުމާއި، أضحيةކަތިލުމާއި، حجގެ عملތަކާއި، އެނޫންވެސް دينىأمرތަކަށް) މާތްކޮށްހިތާމީހާ (ދަންނާށެވެ!) ފަހެ، އެކަންތައްވަނީ، ހިތްތަކުގެتقوىވެރިކަމުގެ ތެރެއިންނެވެ.”

ސޫރަތުއް ނޫރުގެ 36 އަދި 37 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (فِي بُيُوتٍ أَذِنَ اللَّـهُ أَن تُرْ‌فَعَ وَيُذْكَرَ‌ فِيهَا اسْمُهُ يُسَبِّحُ لَهُ فِيهَا بِالْغُدُوِّ وَالْآصَالِ ﴿٣٦﴾رِ‌جَالٌ لَّا تُلْهِيهِمْ تِجَارَ‌ةٌ وَلَا بَيْعٌ عَن ذِكْرِ‌ اللَّـهِ وَإِقَامِ الصَّلَاةِ وَإِيتَاءِ الزَّكَاةِ ۙ يَخَافُونَ يَوْمًا تَتَقَلَّبُ فِيهِ الْقُلُوبُ وَالْأَبْصَارُ‌ ﴿٣٧﴾) މާނައަކީ: ” އެތަންތާނގައި، އެކަލާނގެ ނަންފުޅު ހަނދުމަކުރުމަށާއި، އެތަންތަންމަތިވެރިކޮށް އުފުލުމަށް، اللَّهإذنދެއްވާފައިވާ ގެތަކެއްގައެވެ. (އެބަހީ: މިސްކިތްތަކެއްގައެވެ.) ހެނދުނާއި ހަވީރު، އެތާނގައިއެކަލާނގެއަށް تسبيحކިޔައި އުޅެތެވެ. އެއީ ފިރިހެނުންތަކެކެވެ. (އެބަހީ: تسبيحކިޔައި ނަމާދުކޮށް އުޅެނީފިރިހެނުންތަކެކެވެ.) ވިޔަފާރިއެއް ނުވަތަ އެހެންއެއްވެސް ވިއްކުމެއްاللَّهގެ މަތިން ހަނދުމަކުޅައުމުންނާއި، ނަމާދު قائمކުޅައުމުންނާއި، زكاةދިނުމުން، އެއުރެން مشغولކޮށް ދުރުކޮށެއް ނުލަތެވެ. އެދުވަހެއްގައި،ހިތްތަކާއި، ލޯތައް އެފުށްމިފުށަށް އެނބުރިއުޅޭ ދުވަހަށް، އެއުރެންބިރުވެތިވެތެވެ.”

އިސްލާމީ މަރުކަޒުގައި ކުރި ހުކުރު ނަމާދުގެ ތެރެއިން؛- ވަގުތު އިމޭޖަސް - އަބްދުﷲ އަބީދު
  1. މިސްކިތް ބިނާކުރުމަށާއި، މިސްކިތުގެ މަރާމާތުތައް ކުރުމަށް މާއްދީ ގޮތުންނާއި މަޢްނަވީ ގޮތުން އެހީތެރިކަން ފޯރުކޮށް ދިނުން، އަދި މިކަމަށްޓަކައި މީސްތަކުންނަށް ހިތްވަރުދީ ބާރުއެޅަން ޖެހެއެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވައެވެ. (من بنى لله مسجدا ولو كمفحص قطاة لبيضها ـ أي بقدر الموضع الذي يبيض فيه طائر القطاة ـ بنى الله له بيتا في الجنة)رواه أحمد وان حبان.މާނައަކީ: “ދޫނި ބިސްއަޅާ ހާއްޔެއްގެ މިންވަރަށް ނަމަވެސް ﷲ އަށް ޓަކައި މިސްކިތެއް ބިނާކޮށްފި މީހަކަށް، މާތް ﷲ ސުވަރުގޭގައި ގަނޑުވަރެއް ތައްޔާރުކޮށް ދެއްވާނެއެވެ.”

މާތް ﷲ ގެ މިސްކިތްތަކަށް ޒިޔާރަތް ކުރުމުގައި އަދަބުތަކެއްވާއިރު ހުރިހާ އެންމެން ވެސް މިސްކިތްތަކަށް އިހާނެތިކޮށް ކަންތައްތައް ކޮށްގެން ނުވާނެއެވެ. އެމީހަކަށް ވީ މިންވަރަކުން މިސްކިތްތައް ހަޑިނުކޮށް، މިސްކިތްތަކަށް ގެއްލުން ނުދީ އުޅެން އެބަޖެހެއެވެ. މި މާތް މައްސަރުގައި ނަމާދާއި ތަރާވީހު ނަމާދަށް ވެސް ގިނަ ބަޔަކު މިސްކިތަށް ދާނެއެވެ، އެހެންކަމުން މީހުންނަށް ވެސް އުނދަގޫނުވާ ތިިމާގެ އަމަލު ބަހައްޓަން އެބަޖެހެއެވެ. އަދި މިސްކިތްތަކަށް އިހްތިރާމް ކުރަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު