ރާއްޖޭގައި ކުދި ވިޔަފާރިކުރުމުގައި ފިރހެނުން ފަހަތަށް ޖައްސާލުމަށްފަހު އަންހެނުން ދަނީ ކުރިއަރަމުންނެވެ. އެކި ދާއިރާތަކުން ދުނިޔޭގެ ލެވެލުގައި އަންހެނުން އަންނަނީ ބާރުވެރިވަމުންނެވެ. އެގޮތުން މަރިޔަމް ޝަފާނާ (ޝަފާ) އަކީ ކޭކުގެ ދުނިޔޭގައި ފިޔަ ޖަހަމުން އަންނަ ތަރިއެކެވެ. ގޭތެރެއިން ފެށުނު މަސައްކަތް ފުޅާވެ ދުނިޔޭގެ ލެވެލުގައި ޝަފާ ދަނީ ކާމިޔާބީތައް ހޯދަމުންނެވެ.

ޝަފާ ކޭކު އެޅުމުގެ މަސައްކަތުގައި މިހާރު 10 އަހަރަށްވުރެ ގިނަ އަހަރުވެދާނެއެވެ. ކަސްޓަމަރުން ބޭނުންވާ ޑިޒައިނަކަށް ބޭނުންވާ ގޮތަކަށް ކޭކު ޑިޒައިން ކުރެވޭތޯ ޝަފާ އަބަދުވެސް މަސައްކަތްކުރެއެވެ. އޭގެ ނަތީޖާވެސް ވަރަށް ފޮންޏެވެ. ކަސްޓަމަރުންގެ ލޯބި ލިބި މާލޭގައި ޝަފާ ކޭކު ނަން އަޑުއިވުނަސް އެ ކޭކުގެ ޑިޒައިންތަކުގެ މަތިން ހަދާންވެއެވެ.

މި ދާއިރާއަށް ނުކުމެވުނު ގޮތް ކިޔައިދެމުން ޝަފާ ބުނީ އޭނާ ސްކޫލް ދައުރު ނިންމާލުމަށްފަހު އޮފީހެއްގައި ވަޒީފާ އަދާކުރި ކަމަށާއި ދަރިން ލިބުމުން ވަޒީފާއިން ކެނޑިގެން ދަރިން ތަރުބިއްޔަތު ކުރަން ގޭގައި އިނީ ކަމަށެވެ.

"އޮފީހެއްގައި ވޯކްކޮށްފައި ކުދިން ލިބުނީމަ ހިތަށް އެރީ ކުދިން ބަލަން ހަމަ ގޭގައޭ އިންނާނީ. ހިތަށް އަރާފަ ކެނޑުނީ. ދެން ހިތަށް އެރީ ގޭގައި އިނަސް އާމްދަނީ ލިބޭ ކޮންމެވެސް މަސައްކަތެއް ކުރަން ވާނޭ." ޝަފާ ކިޔައިދިނެވެ.

ގޭގައި އިނދެގެން ޢަމްދަނީ ހޯދުމަށް އެންމެ ފުރަތަމަ ޝަފާ ފެށީ މީހުންގެ ހެދުންތައް ފަހާށެވެ. ފަހާ ކޯހެއް ހެދުމަށްފަހު ކުޑަކުދިންގެ ހެދުންތައް ފަހަމުން ދަނިކޮށް ކޭކު ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތު ޝަފާއަށް ލިބިގެންދިޔައެވެ. މި ފުރުސަތުގެ ބޭނުން ހިފައި ޝަފާ ކޭކު ކޯސް ހެދުމަށްފަހު ފެހުން ހުއްޓާލައި ކޭކު އަޅާފަ ވިއްކަން ފެށިއެވެ.

"އޭރު އެއްވެސް ގޮތަކަށް ހިތަށް ނާރާ މިގޮތަށް އޯޑާ ނަގައިގެން ކޭކު އެޅުމުގެ މަސައްކަތް ކުރާނެ ކަމަށް." ޝަފާ ބުންޏެވެ.

މާލެއަށް އުފަން ޝަފާ ބުނިގޮތުގައި އޯލެވެލް ނިންމުމަށްފަހު ކަލާފާނު ސްކޫލުގެ އެސިސްޓެންޓް ޓީޗަރަކަށް އެއް އަހަރު އުޅުމަށްފަހު ސީއެޗްއެސްސީއިން 11 އަދި 12 ކިޔަވާ ނިންމިއެވެ. ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ޑިގްރީ ހާސިލް ކުރުމަށްފަހު މާސްޓާސް ހަދަމުން ދަނިކޮށް ފުރަތަމަ ދަރިފުޅަށް ބަލިވެގެން ކިޔެވުން މެދުކަނޑާލަން ޖެހުނު ކަމަށެވެ. އޭރު ޝަފާ އުޅެމުން ދިޔައީ އެމްޑަބްލިޔުއެސްސީގައެވެ. ދެވަނަ ދަރިފުޅު ލިބުމުން ދަރިންނަށް ވަގުތު ނުދެވޭތީ ވަޒީފާއިން ވަކިވުމަށްފަހު އާއިލާއެކު ވަގުތު ހޭދަކުރަމުން އާމްދަނީވެސް ހޯދީއެވެ.

ބޯހިމެނުމާއި ސުނާމީގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަހަލަ ސޯޝަލް ހަރަކާތްތަކުގައި ޝަފާ ވަނީ ހަރަކާތްތެރިވެފައެވެ.

ސިޔާސީ ދާއިރާއަށް އެއްވެސް ވަރަކަށް ޝައުގުވެރިކަމެއް ނެތް ޝަފާ ބޭނުންވަނީ ކޭކު އެޅުމުގެ ދާއިރާގައި ދެވުނު އެންމެ މައްޗަށް ގޮސް ގިނަ ކާމިޔާބީތައް ހޯދުމެވެ. ވެޑިންގ ކޭކު ފަދަ ބޮޑެތި ކޭކުތަކުގެ އޯޑަރު ނަގަމުން އަންނަ ޝަފާ ބުނާގޮތުން އެންމެ ގިނަ އޯޑަރުތައް ލިބެނީ ހަފްތާ ބަންދާ ދިމާކޮށްފައެވެ.

މިދާއިރާގައި ކުރިޔަށް ދިޔަޔަސް އަމިއްލަ ބޭކަރީއެއް ހުޅުވަން ޝަފާ ޝައުގުވެރިކަމެއް ނެތެވެ. ޝަފާ ޤަބޫލުކުރާގޮތުގައި ބޭކާރީއެއް ހުޅުވައިފިއްޔާ ބިޒީ ވެފައި ދަރިންނަށް ވަގުތު ނުދެވޭނެއެވެ. އެހެންކަމުން މި މަސައްކަތް ގޭގައި ހުރެގެން ކުރުން މާ "ސަޅި" ކަމަށް އޭނާ ބުންޏެވެ.

3 ކުދިންނާއި ފިރިމީހާއަށް ވަގުތު ދެމުން މި މަސައްކަތަށް ވަގުތު ލިބޭތޯ ސުވާލު ކުރުމުން ޝަފާ ބުނީ އޭނަގެ މި މަސައްކަތުގައި އޭނައަށް އެންމެ ބޮޑު އެއްބާރުލުމެއް ލިބެނީ އާއިލާގެ ފަރާތުން ކަމަށެވެ. ހާއްސަކޮށް އޭނަގެ އަންހެން ދަރިފުޅުގެ ފަރާތުންނެވެ. މަންމަގެ ފަރާތުން އޭނައަށްވެސް މި މަސައްކަތް ދަސްވެ ދަރިފުޅުވެސް މިހާރު ކޭކު އަޅަން ފަށައިފިއެވެ. މިކަމާ ޝަފާ ވަރަށް ފަޚުރުވެރިވެއެވެ. އަދި މަންމަގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝަފާ ވަނީ އޭނަގެ މަންމައަށް ޝުކުރު އަދާކޮށްފައެވެ.

މީހަކާ އިނދެގެން ފުރަތަމަ ދަރިފުޅު ލިބުނު ދުވަހަކީ ޝަފާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަހެވެ.

"އެންމެ އުފާވީ ފަސްޓު ބޭބީ ލިބުނު ދުވަސް، އެއީ ކޮމްޕްލިކޭޓެޑް ޕްރެގްނެންސީއެއް، ވަރަށް ބެޑް ރެސްޓާއެއްކޮށް ނަގަން ޖެހުނު. ވަރަށް ބިރުން ހުރީ ބޭބީއަށް ކަމެއް ވެދާނެތީ، ހެލްތީ ބޭބީއެއް ލިބުނު ދުވަސް ދެން އެންމެ އުފާވެރި ދުވަހަކީ." ޝަފާ ބުންޏެވެ.

ހަމައެއާއެކު ޝަފާގެ އެންމެ ގާތް އެކުވެރިޔާ ނިޔާވި ދުވަހަކީ އޭނަ އެންމެ ދެރަވި ދުވަހެވެ.

ޝަފާ މިހާރު އެންމެ ދެކެން ބޭނުންވަނީ ގައުމީ ފެންވަރުގެ މުބާރާތެއްގައި ބައިވެރިވެ ރަނގަޅު ކާމިޔާބީއެއް ހޯދުމެވެ. އެގޮތުން މިދިޔަ ފެބްރުއަރީގައި ޕާކިސްތާނުގައި ބޭއްވި ކޭކު ކޯހެއްގައި ޝަފާ ވަނީ ބައިވެރިވެފައެވެ. ޕާކިސްތާނުގައި ބޭއްވުނު ކަލިނަރީ ޗެމްޕިއަންޝިޕުގައި ބައިވެރިވެ ޝަފާއަށް ވަނީ ސިލްވާ މެޑަލެއް ލިބިފައެވެ.

"މިއީ ހަމަ ވަރަށް ރަނގަޅު އާމްދަނީ ލިބޭނެ ވަޒީފާއެކޭ. އޭގެ އެންމެ ބޮޑު އެޑުވާންޓޭޖަކީ ގޭގައި އިނދެގެން ކުދިން ބަލަމުން ކުރެވެނެ މަސައްކަތަކަށްވީމަ. އަނެއްކާ މީހެއްގެ ދަށުވާކަށް ނުޖެހޭނެ، ބޭނުން އިރަކު ޗުއްޓީ ނެގޭނެ، ބޭނުން އިރަކު ބޭނުން އޯޑަރެއް ނެގޭނެ. އަމިއްލަ އޯން ޓައިމްގަ މަސައްކަތްކޮށްގެން ވަޒީފާއަކަށްވުރެން ރަނގަޅު އާމްދަނީއެއް ލިބޭނެ. ކުރަން ކެރިއްޖެ ކޮންމެ ކުއްޖަކަށް ދާން ހަމަ ރަނގަޅު ކަމެކޭ މީ." ޝަފާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ތުއިތޫ

    ރަތް މަހާއި ގުރާ ވ.ރީތި..

    63
    2
  2. ދޮންކަނބުލޮ

    ހާދަ މޮޅޭ މާޝާﷲ...

    68
    0
  3. ވ

    ވެރީ ކްރިއޭޓިވް. މާޝާﷲ. ކެރީ އޯން ވިތް ޔުއާ ވޯކްސް

    14
  4. ޓީޕޮްޓް

    ސައިކުރާ ވ ފައްކާ! އަންބިލީވަބަލް! ލުކްސް ރިއަލް ކެޓްލް

    13
  5. ހައްވަ

    ބައްޕަ ނިޔާވި ދުވަހުވެސް ނުވާ ދެރަ ވި ދޯ ބެސްޓް ފްރެންޑް ނިޔާ ވީމަ!!

    3
    9
    • މީން

      ކަލޭގެ ހުރި ހަސަދަ އެންމެންނަށް އިނގިއްޖެ. އަސްލުބުނަންތަ އެއްއުމުރެއްގެ މީހެއް މަރުވުމުން ހިތަށް ވަރަށް އެހެންކަހަލަ ގޮތެއްވޭ. އަދި ކުރިން ގާތް މީހކު މަރުވެފަވީމަ އެއަސަރުވެސް ހުންނާނެ

    • ފާތުން

      ސަފާގެ ބެސްޓީއަކީ ރަހުމުކުޑަކޮށް މަރާލި އަޒުލީނާ. ސޯ ޑޯންޓް ޖަޖް ހަ ޕޭން.

  6. އިއްބެ

    މި ވަރު ކަމެއް މި ރާއްޖެއިން އަދި މި ފެނުނީ ވަރަށް ވަރަށް މޮޅު

  7. މަކާލާ

    މާލޭ މީހެއް. ކުލި ދައްކަން ޖެހެނީއެއް ނޫން. ފިރިމީހާއަކީ ބޮޑު މިސާރަ ލިބޭ މަހުޖަނެއްް. އެކަމަކުވެސް...
    ވަރަށް ރީތި ކޭކުތައް.

    5
    1