ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރާ ގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިންޑިއާ ސިފައިން ތިބުމާއި ކަނޑުން ބައެއް "ވިއްކާލުމާ" ދެކޮޅު ހަދައި އެމްޑީޕީގެ މަޖިލިހުގެ ތެރެއިން ނުކުމެ ވަޑައިގެން، ފާޅުގައި އަޑު އުފުއްލެވި އެއް ބޭފުޅަކީ މާދަމާ އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ އަބްދުﷲ ރަޝީދު (އަވަސް އަބުޅޯ)އެވެ. އަބުޅޯއަކީ ދަނގެތި ދާއިރާގެ ރައްޔިތުން ދެކެ ފަރިތަ، އެ ދާއިރާގެ އެތައް ރައްޔިތުންނެއް އިހްތިރާމް ކުރައްވާ އަދި ގަދަ ކުރައްވާ ބޭފުޅެކެވެ. އަބުޅޯ ކުރެއްވި ގައުމީ މަސައްކަތުން ދާއިރާގެ ރައްޔިތުން ލޯބި އޭނާ އަށް ވަނީ ލިބިވަޑައިގެންފައެވެ.

އަބުޅޯ އިތުރު ދެ މީހަކާ އެކީގައި ސަފާރީއެއް ހިންގަވާތާ މިހާރު 22 އަހަރުވެއްޖެއެވެ. އޭނާގެ ޕްރޮފެޝަންއަކީ ސްކޫބާ ޑައިވިންއެވެ. ދަނގެތީގައި ޒަމާނީ ފެންވަރުގެ ފުރަތަމަ ގެސްޓްހައުސްއެއް އިމާރާތް ކުރެއްވީ ވެސް އަބުޅޯއެވެ. ޑައިވް ސެންޓަރަކާއި ވޯޓާ ސްޕޯޓްސް ސެންޓަރެއް ވެސް އެޅީ އަބުޅޯއެވެ. އަބުޅޯ ސިޔާސީ ކަންކަމުގެ ތެރޭގައި އުޅުއްވާތާ ވެސް މިހާރު 10 ވަރަކަށް އަހަރު ވެދާނެއެވެ. އޭނާ ހުންނެވީ އެ ދާއިރާގެ ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގެންނެވެ.

ދަނގެތި ހިމެނޭ ހެން އެ ދާއިރާގެ ހުރިހާ ރަށެއްގައި ހެން ޖުމްހޫރީ ޕާޓީއަށް ތާއީދު ކުރާ މީހުން ކުރިން ވަރަށް ބޮޑަށް އޮތެވެ. އދ. އަތޮޅަކީ ވެސް ނިސްބަތުން ބަލާއިރުގައި ޖުމްހޫރީ ޕާޓީގެ ފިކުރުގެ މީހުން ވަރަށް ގިނަ ރައްޔިތުން އޭރު ދިރިއުޅެމުން ދިޔަ އަތޮޅެކެވެ. އަބުޅޯ ވަކި ޕާޓީއަކާ ގުޅިވަޑައިނުގަތް އޭރު މަސައްކަތް ފެއްޓެވީ 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ތެރޭގައެވެ.

އޭރު އެ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނުކުންނެވި ނަމަވެސް ދެވަނަ ބުރަށް ދެވޭ ވަރުގެ ކާމިޔާބީއެއް ނުހޯއްދެވުނެވެ. ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީން އެރީ ޕީޕީއެމްގެ ފަހަތަށެވެ. ޕީޕީއެމަށް އިންތިހާބު ކާމިޔާބުކޮށް ދިނުމަށްޓަކައި އެ ދާއިރާގައި ގަދަ އަޅައި މަސައްކަތް ކުރެއްވި އެއް ބޭފުޅަކަށް ވާނީ އަބުޅޯއެވެ. ރިޔާސީ އިންތިހާބަށް ފަހުގައި އަބުޅޯ ވަނީ ސިޔާސީ ކަންކަމުން ދުރަށް ޖެހިވަޑައިގެން އަމިއްލަ ވިޔަފާރީގެ ކަންކަމުގައި އުޅުއްވައިފައެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރެއްވުމަށް އަބުޅޯ ފޯމް ހުށަހަޅުއްވަނީ.

މަޖިލިހަށް ކުރިމަތިލައްވަނީ ކީއްވެ؟

އަލުން ސިޔާސީ މައިދާނާ ގުޅިވަޑައިގެންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަހުކޮޅުގައި ރައްޔިތުންގެ މަޖިލިހުގެ 12 މެމްބަރަކު ޕީޕީއެމުން ވަކި ކުރުމާ އެކުގައެވެ. އެ މެމްބަރުން ޕީޕީއެމުން ވަކި ކުރުމުން މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅުމުން ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ގޯސްވިއެވެ. އެއާ އެކީގައި އަބުޅޯ ވެސް ފެނިގެން ދިޔައީ އެ މެމްބަރުންގެ ހައްގުގައި ނުކުންނެވި ތަނެވެ.

އަބުޅޯގެ ސިޔާސީ އެ މަސައްކަތަށް ފަހުގައި އޭނާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ އެމްޑީޕީއާއެވެ. އެމްޑީޕީގައި ހުންނަވައި އޭނާ އަށް ހޯއްދެވުނު އެންމެ ބޮޑު ކާމިޔާބީއަކީ އެ ޕާޓީގެ ގައުމީ މަޖިލިހުގެ ދަނގެތި ދާއިރާގެ ރައީސް ކަމުގެ މަގާމަށް އިންތިހާބުވެވަޑައިގަތުމެވެ. އަބުޅޯ ގަބޫލު ކުރައްވާ ގޮތުގައި އެއީ މުޅި "ދައުލަތާ ދެކޮޅަށް" ނުކުންނަވައި ހޯއްދެވުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭރުގައި ވެރިކަމުގައި ތިއްބެވި ވެރިން މަސައްކަތް ކުރެއްވީ އެ ދާއިރާގެ ރައީސަކަށް ހެލްތު މިނިސްޓްރީގެ ކުރީ ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލް އިންތިހާބު ކުރާށެވެ. އެކަމަކު، އަބުޅޯގެ ސިޔާސީ ތަޖުރިބާ އާއި އެމްޑީޕީގެ މެމްބަރުން އޭނާ އަށް ކުރެއްވި އިތުބާރެއްގެ ބޮޑުކަމުން އެމްޑީޕީގެ ގައުމީ މަޖިލިހަށް ވެންނެވުމުގެ ފުރުސަތު ލިބިވަޑައިގަތެވެ.

އަބުޅޯ އެމްޑީޕީއާ މެދުގައި އެންމެ ބޮޑަށް ހިތްހަމަޖެހުނީ އެ ޕާޓީގެ މިދިޔަ ފަސް އަހަރުގެ ވެރިކަން ނިމިގެން ދިޔައިރުގައި ދަނގެތި ދާއިރާގައި ހިމެނޭ ފަސް ރަށް ކަމުގައިވާ އދ. ދަނގެއްޗާއި އދ. ދިގުރަށާއި އދ. އޮމަދޫ އާއި އދ. މަންދޫ އާއި އދ. ދިއްދޫގެ ކުރިއެރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރުމުންނެވެ. އެހެންވެ، ރައްޔިތުންގެ ހައްގުގައި ނުކުންނަވައި ފާޅުގައި ވަކާލާތު ކުރެއްވިއެވެ. ރައްޔިތުންގެ ހައްގުގައި ބަސް ވިދާޅުވިއެވެ.

އަވަސް އަބުޅޯ ކެމްޕެއިންގައި. --

ގައުމާ މެދުގައި ލޯބި ވަޑައިގެން ގައުމަށް އެންމެ އިސްކަން ދެއްވާ އެއް ބޭފުޅަކީ ގާސިމް ކަމަށްވާތީ އަބުޅޯ ފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ. ގާސިމްގެ ފަރާތުން ކައުންސިލަށް އައްޔަން ކުރެއްވި 10 މެމްބަރުންގެ ތެރޭގައި ވެސް އަބުޅޯ ހިމެނިވަޑައިގެންނެވިއެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ގާސިމަށް ލިބުނު ނާކާމިޔާބީއާ އެކުގައި ދާއިރާގެ ރައްޔިތުންގެ އެދުމުގެ މަތިން އޭނާ ދެން ގުޅިވަޑައިގެންނެވީ ޕީއެންސީއާއެވެ.

އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހުގައި އޭނާއާ ކުރިމަތިވެވަޑައިގެންނެވި އެންމެ ބޮޑު ޓެސްޓަކަށްވީ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއެވެ. ޕްރައިމަރީގައި ވަރަށް ބޮޑު އަޣުލަބިއްޔަތަކުން އެ ޕްރައިމަރީ ކާމިޔާބު ކުރައްވައި މި ސަރުކާރުގެ ކެންޑިޑޭޓަކަށް އަބުޅޯ ވެވަޑައިގެންނެވިއެވެ.

"ހަގީގަތުގައި އެ ކާމިޔާބީއަކީ ދާއިރާގެ ފަސް ރަށުގެ ރައްޔިތުން އަޅުގަނޑަށް ކުރި އިތުބާރު." އަބުޅޯ ވިދާޅުވިއެވެ.

އަވަސް އަބުޅޯ ކެމްޕެއިންގައި. --

އަބުޅޯ ވިދާޅުވި ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މަޖިލިހަށް ކުރިމަތިލައްވަން ޝައުގުވުވެރިކަން ހުންނެވީ އެއީ ވެރިކަމުގައި އޮތް ދެ ޕާޓީއަށް ވެފައި، އެ ދެ ޕާޓީއާ ގުޅިގެން މަސައްކަތް ކުރެއްވީމަ، ދާއިރާގައި ހިމެނޭ ރަށްރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ދެކެވަޑައިގަންނަވާތީއެވެ. ދާއިރާގެ ފަސް ރަށުގައި ވެސް ކުރަން ޖެހޭ ގިނަ ކަންތައްތަކެއް ހުރިއިރުގައި އެކަންކަން ހާސިލް ވާނީ ސަރުކާރުގެ ކެންޑިޑޭޓު ހޮވައިގެން ކަމުގައި އަބުޅޯ ވިދާޅުވިއެވެ.

ދަނގެއްޗަށް ބަލާއިރު، ބަނދަރުގެ ދަތިކަން އިންތިހާ އަށް ވަނީ ކުރިމަތިވެފައެވެ. ބަނދަރު ތަރައްގީ ކުރެވިގެންދާނީ ސިނާއީ މަސައްކަތް ކުރާ ސަރަހައްދަކާ ވެސް އެކީގައެވެ. ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ ނެތުމުގެ މައްސަލައެވެ. ގެދޮރުގެ ދަތިކަން ހައްލު ކުރަން ދަނގެތި ހިއްކަން ޖެހެއެވެ. ދަނގެތި ހިއްކައި އެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

އޮމަދޫ އަށް ބަލާއިރު، ބަނދަރުގެ ދަތިކަން ހައްލު ކުރަން ޖެހޭ އިރު، ގިރާ ސަރަހައްދު ހިމާޔަތް ކުރަން ޖެހެއެވެ. ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރަން ޖެހިފައިވާ އިރު، ޒުވާނުން ކުޅެމުން އަންނަ ފުޓްބޯޅަ ދަނޑު ވެސް ތަރައްގީ ކުރަން ޖެހެއެވެ.

އަވަސް އަބުޅޯ ކެމްޕެއިންގައި. --

ދިއްދޫ އަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުގެ މައްސަލައެވެ. އެ މައްސަލަ ހައްލު ކުރުމަށް ގެވަޅު ދޭން ވަނީ ޖެހިފައެވެ. އޭގެއިތުރުން އޮފީސް އިމާރާތެއް އިމާރާތް ކުރަން ޖެހޭ އިރު، ނަރުދަމާ އާއި ބޯފެނުގެ މަޝްރޫއު ވެސް ނިންމާލަން ވަނީ ޖެހިފައެވެ. އަދި ދިއްދޫ ބަނދަރުގައި މިހާރު ހަދާފައިވާ ކަނޑިންމަ އެހެން ތަނަކަށް ބަދަލު ކުރަން ޖެހެއެވެ.

ދިގުރަށުގައި ވެސް ގެވަޅު ދޭން ވަނީ ޖެހިފައިވާ އިރު، ބަނދަރު ހެދުމާއި ގިރާ ސަރަހައްދު ހިމާޔަތް ކުރުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ. އަދި ތުނޑިއަށް ދާން އޮންނަ މަގު ހެދުމަކީ ވެސް ރައްޔިތުން އެދޭ ކަމެކެވެ. މަންދޫގައި 12 ކްލާސް ރޫމެއް ހަދައި ސްކޫލްގެ ޖާގަ އިތުރު ކުރަން ޖެހޭ އިރު، ރައްޔިތުން ބޭނުންވާ ގޮތަށް ބަނދަރަށް ވެސް ބަދަލުތަކެއް ގެންނަން ޖެހެއެވެ. އަތޮޅުގެ ރަށްތަކަށް ދަތުރުފަތުރުގެ ނިޒާމަކުން ގުޅާލުމާއި ފަސޭހަ އިން މާލެ އަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަކީ އެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.

"މިއީ ކުރަން ހުރި ވަރަށް ގިނަ ކަންކަން. ކިހިނެއްތޯ ސަރުކާރުގެ ވިސްނުމާއި ފިކުރު ދިމާ ނުވާ ކެންޑިޑޭޓަކު ހޮވައިގެން މިކަންކަން ކުރާނީ؟ އެ ވާނީ ވަރަށް އުނދަގޫ ކަމަކަށް. އެހެންވެ، ދާއިރާގެ ކުރިއެރުމަށް އަޅުގަނޑަށް ވޯޓު ދޭން ޖެހެނީ،" އަބުޅޯ ވިދާޅުވިއެވެ.

އަވަސް އަބުޅޯ ކެމްޕެއިންގައި. --

ބޮޑެތި ލީޑަރުންގެ ތާއީދު ވެސް އަބުޅޯއަށް!

ރައީސް ޑރ. މުއިއްޒު ދެއްވި ހާއްސަ މެސެޖެއްގައި ވެސް ވަނީ ދަނގެތީގެ ރައްޔިތުން އަބުޅޯ އަށް ވޯޓު ދެއްވުމަށް އެދިވަޑައިގެންފައެވެ. ދަނގެތީގެ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ މަޖިލިހުގައި އެމަނިކުފާނަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ހަމައެކަނި އަބުޅޯ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އެހެންވީމަ ކެންޑިޑޭޓު ނަންބަރު ތިން އަބްދުﷲ ރަޝީދު ހޮއްވަވައި ދެއްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އަދި އަޅުގަނޑު ވަރަށް ބޮޑަށް ޔަގީން ކުރަން އެގޮތަށް ވޯޓު ދެއްވާނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.

އަވަސް އަބުޅޯ ކެމްޕެއިންގައި ގާސިމް ބައިވެރިވެވަޑައިގަންނަވަނީ.

އަބުޅޯ އަށް ތާއީދު ކުރައްވާ ކަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ވެސް ވަނީ ހާމަކުރައްވައިފައެވެ. ދަނގެއްޗަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ގާސިމް ވިދާޅުވީ އަބުޅޯއަކީ ތެދުވެރި، އިހްލާސްތެރި، އަމާނާތްތެރިއެއް ކަމަށެވެ. ދަނގެތި ދާއިރާ އަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އަބުޅޯ އާ އަރާ ހަމަކޮށްލެވޭނެ ވަރުގެ އިތުރު ކެންޑިޑޭޓެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ދަނގެތި ދާއިރާ އަށް ހޮވަން އެންމެ ރަނގަޅު ކެންޑިޑޭޓަކީ ހަމަ ޔަގީނުން ވެސް އަބުޅޯކަން އަޅުގަނޑަށް ކަށަވަރު ކުރެވޭ،" ގާސިމް ވިދާޅުވިއެވެ.

ދަނގެތި ދާއިރާގެ ރައްޔިތުންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބާ؟

އަބުޅޯ ވިދާޅުވި ގޮތުގައި ސިޔާސީ ތިން ޕާޓީއެއްގައި މަސައްކަތް ކުރެއްވިފައި ހުންނެވި އިރު، އެއިން ކޮންމެ ފަހަރެއްގައި ވެސް ޕާޓީ ބަދަލު ކުރެއްވީ ރައްޔިތުންގެ ހައްގުގައެވެ. އެކަން ކުރެއްވީ ރައްޔިތުންގެ މަޝްވަރާ އާއި ހިޔާލުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އަބްދުﷲ ރަޝީދޭ ބުނެފި ނަމަ، ދާއިރާގެ ކޮންމެ މީހަކަށް ވެސް އެނގޭނެ އަބަދުވެސް އިސް ކުރާނީ ރައްޔިތުންގެ ހައްގުކަން. އަމިއްލަ އެދުމެއް ނޯންނާނެ ކަން." އަބުޅާ ވިދާޅުވިއެވެ.

އަވަސް އަބުޅޯ ކެމްޕެއިންގައި. --

އަބުޅޯ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ދަނގެތި ދާއިރާ އަށް ވެވަޑައިގެންނެވި ވައުދުތައް ރަނުން ރަނަށް ފުއްދެވުމުގައި އެއްބާރުލުން ދޭނެ ކެންޑިޑޭޓެއް މަޖިލިހަށް ހޮވަން ޖެހޭ ކަމަށެވެ. އެހެން ނޫނީ ދަނގެތި ދާއިރާގެ ތަރައްގީ ފަސް އަހަރު ފަހަތަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމުގައި ވިދާޅުވިއެވެ.

"އަޅުގަނޑެއް ރައްޔިތުން މާޔޫސްވިޔަކަ ނުދޭނަން. ރައްޔިތުންނާ ގުޅިގެން މަޖިލިހުގައި މަސައްކަތް ކުރާނީ." އަބުޅޯ ވިދާޅުވިއެވެ.

ދަނގެތި ދާއިރާގައި ހިމެނޭ ފަސް ރަށުގެ ރައްޔިތުން ވެސް އަބުޅޯ މިއަދު ބަލައިގަނެއެވެ. އެ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި މަޖިލިހަށް ހޮވަން ޖެހޭ އެންމެ ގާބިލް ކެންޑިޑޭޓަކީ ވެސް އަބުޅޯއެވެ. އަބުޅޯއަކީ ދާއިރާ ނަގައި ކޮޅަށް ޖެހޭނެ ވަރުގެ ލީޑަރެއް ކަމަށް ވެސް އެމީހުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަސް

    ކަޑުން ބައެއް ވިއްކާލިތަ؟

  2. ގައްބަރޭ

    ގާސިމުވެސް އަބުޅޯއަށްޓަކާ ގުރުބާންވަނީ؟

    6
    1
  3. ބަގީޗާގޭ އަޙްމަދު

    ވަރަށް ފުރިހަމައަށް އަބްލޯގެ ވަނަވަރު ކިޔާދެވުފައިވާ ލިޔުމެއް. އަބްލޯއަށް ކާމިޔާބީއަށް އެދެން! ދަނގެތީ ދާއިރާގެ ކުރިއެރުވުމަށް ކެނޑިނޭޅި އަބްލޯ މަސައްކަތްކުރާނެކަން ޔަގީން!

    8
    2
  4. ޔޫސުފް

    ވަރައް ހިންގާލާ މީހެއް އަބްޅޯ އަކީ

    9
    3
  5. މޫން މޫން

    ހަގީގަތުގައިވެސް މިފަހަރު ހަމަ ހޮވަންވީ އަވަސް!

    9
    3
  6. ހުސްނުހީނާ

    ދާއިރާގެ އަޑު އަހައިގެން ދާއިރާއަށް ފާގަތިކަން ގެނެސްދޭނެ ދާއިރާގެ ދަރިއެއް! އިރާދަކުރެއްވިޔާ މިފަހަރު އަބްލޯ ހޮވޭނެކަން ޔަޤީން!

    9
    3
  7. އޮމަދޫ އުއްމީދު

    މިހާތަނަށް ހަމައެކަނި މަޤާމް އެއްގައި ހުރިއިރުވެސް ރިލައިބަލް ކޮއް ހަމައެކަނި ރީޗްވެވޭ މިހާކީ އަވަސް. ފޯނުނަގާ ގުޅޭ އަދި އެއްމެ ހިއްގައިމު ތަންކޮޅަކީ ފަހުންނަމަވެސް ކޯލްބެކް ދޭ މީހަކަށް ވާތީ. މިކަން ފެނިފަ މިހުރީ ފާއިތުވި އަހަރު ތަކުގައި މަޖްލިސް އަށް އަދި އަވަސް ކުރި މަތި ނުލަނިސް. އެމްޑިޕީ ދައިރާ ރައީސް އަކަށް ހުރި އިރުވެސް ޕަޓީމީހަކަށް ނުބަލައި ކޮންމެ މީހަކު ގުޅިޔަސް ފޯނު ނަގައި ގުޅޭ. އިންޝާﷲ މި ފަހަރަކީ އަވަސްގެ ފަހަރު. އުމްމީދު ކުރަން ކުރިންވެސް ގުޅޭ ގޮތަށް ވަކި ކުލައަކަށް ނުބަލާ މަޖްލިސް އަށް ހޮވުނަސް ގުޅޭނެ ކަން. އެމްޑިޕީ ޕަޓީ ހުއްޓަސް އަވަސް އަށް މި ފަހަރު ވޯޓް ދެވެން އޮތީ މަޖްލިސް ދަރިއަކަށް ވީތީ. - އޮމަދޫގެ އުންމީދު-

    9
    4
  8. ޢަހްމަދް

    ޒުވާނުންނާއި ކަނެޓްވެ ގުޅޭ، އަދި ފޯނުނަގައި ސިދާ ޖަވާބު ދޭން ކެރޭ މީހެއް. އަވަސް ނުވާނެ ކަމެއް ނުވާނެ ބުނިތަން ފެނިފަ މިހުރީ. ވާނެ ކަންތައް ވާނެެ، އެހެން މީހުން ހެން ފޮލާ ފަތުރާ ކުޅޭ ކުޅޭ މީހެއްނޫން އިރާދަ ކުރެއްވީއާމު މިފަހަރު ވޯޓް ދީގެން ހޮވާނަން. ދަރިރާ ދަރިއަކަށް ދައިރާ މި ފަހަރު ދޭނީ.

    6
    2
  9. ދިގުރަށު ހަޝަން

    އަވަސް އަކީ މި ފަހަރު ފަސް ބައި އެންމެ ސާފު ކެންޑިޑޭޓް. އަދި ދައިރާ ދަރިއެއް. ޒުވާން އަދި މީހުންނާ ގުޅޭ ދަރިއެއް. އަވަސް ހޮވަން ނިކުމެ މިހުރީ.

    4
    1
  10. އަހްމަދު

    ހަމަ ހަގީގަތުގައިވެސް އަވަސް އަބްދުﷲއަކީ މީހުންނާގުޅޭ ހިތްހެޔޮ ދެގޮތެއްނުވެ ސާބިތުކަމާއެކު ދާއިރާގެ ތަރައްޤީއަށް މަސައްކަތްކުރާނެ ދާއިރާގެ ހީވާގި ދަރިއެއް. އަދި ކޮންމެ ވަގުތަކުވެސް އެން،މެ އާދައިގެ ރައްޔިތުމީހާއަށްވެސް ގުޅޭ ހިސާބުގައި ހުރި ގުޅީމަ ފޯންވެސްނަގާނެ ދަރިއެއް އެހެންވީމާ މަޖުލީހަށްވެސް ހޮވަންވީ މިފަދަ މެންބަރުން ކަމާމެދަކު ޝައްކެއް ނެތް.

    5
    1
  11. ނަސިރު

    އަބުޅޯއަކީ ހަމަބެސްޓް. ވަރަށް ގާބިލް ދާއިރާގެ ރައްޔިތުންގެ އިހްސާސްތައް ފިސާރި ރަގަޅަށް އެނގޭ މީހެއް. މިފުރުސަތު އަހަރެމެން ދަނގެތީ ދާއިރާގެ ރައްޔޮތުން ގެއްލުވާލައިގެން ނުވާނެ. ހަމަ ހޮވާނީ އަވަސް އަބުޅޯ

    3
    1
  12. ހަނދުރުނބާ

    އަބުޅޯއަކީ ވަރަށް ޤާބިލު މީހެއް، އެތައް އަހަރެއްވަންދެން ދާއިރާގެ އެކިއެކި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރާ މީހެއްމީ.

    3
    1
  13. މުހައްމަދު

    އަބުޅޯ ދަންނަތާ ވަރަށް ދުވަސްވެއްޖެ. އަބްޅޯއަކީ ހަމަ ހަގީގަތުގައިވެސް ދާއިރާ ދެކެލޯބިވާ ތަރައްގީގެ ވިސްނުންހުރި ކެރޭ، މުރާލި ހީވާގި ދަރިއެއް ހާއްސާކޮށް މިފަދަ ދަނޑިވަޅެއްގައި ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަން ހަމަ އެންމެ ރަގަޅު ޗޮއިސްއަކީ އެންމެންގެ އަވަސް އަބުޅޯ. މިފުރުސަތު ދާއިރާގެ ރައްޔިތުން ދޫކޮށްލައިފިއްޔާ ފަހުން ދެރަވާނެ. ހަމަގައިމުވެސް އަހަރެންގެ ވޯޓް އަބުޅޯ އަށް ކަން ޔަޤީން.

    2
    1
  14. ހަބޭސް

    ދާއިރާގެ ރައްޔިތުންނަށް މިފަހަރު ކުރިމަތިލާފައިވާ ކެނޑިޑޭޓުންނަށް ބަލާއިރު އޮތް އެންމެ ރަގަޅު ޗޮއިސްއަކީ އަވަސް އަބުޅޯ އެއީ އެއްވެސްމީހަކު ދެބަސްވާނެ ކަމެއްނޫން. އަބްޅޯއަކީ ކަމެއް ހަވާލުވެއްޖެނަމަ އެކަން ނިމެންދެން ވަރަށް ގާތުންބަލާ އަބަދުވެސް ކަންކަން ކޮށްދިނުމުގެ ރޫހްހުރި ވަރަށް ބަރާބަރު މީހެއް. ވަރަށް ފުރިހަމައަށް އަބްލޯގެ ވަނަވަރު ކިޔާދެވުފައިވާ ލިޔުމެއް. އަބްލޯއަށް ކާމިޔާބީއަށް އެދެން! ދަނގެތީ ދާއިރާގެ ކުރިއެރުވުމަށް ކެނޑިނޭޅި އަބްލޯ މަސައްކަތްކުރާނެކަން ޔަގީން!

    2
    1