ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައަށް އަށް އަހަރު ވެފައިވާއިރު މިހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ އެއްބަޔަކީ ސީރިޔާގެ މުސްލިމުންނެވެ. ހަލަބުގައި ސީރިޔާގެ ސަރުކާރާއި އިދިކޮޅު ފަރާތްތަކާއި ދެމެދު ހަމަލާ ބަދަލުކުރެވެމުންދާއިރު، މި ހިނގާ ރަމަޟާން މަހުވެސް އެމީހުންގެ ހާލަކީ އެއީއެވެ. އެތައް ޤައުމުތަކަކުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފައިވާ އިރު، ރާއްޖޭންވެސް މި ވަނީ މި ކަމުގައި ނަމޫނާ ދައްކާފައެވެ. ސީރިޔާގައި ހާލުގައި ޖެހި، ގެދޮރު ގެއްލިފައިވާ މުސްލިމުންނަށް، އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިންގެ ފަރާތުން އިސްނަގައިގެން ކުރިއަށް ގެންދިޔަ "ލޯތްބާއި އެކު" ކެމްޕޭނުގެ ދަށުން ސީރިޔާގެ މުސްލިމުންނަށް މި ވަނީ ދިވެހިންގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދީފައެވެ.
ސީރިޔާގައި އިންސާނީ އެހީދޭ ޖަމާއަތެއް ކަމުގައިވާ ދަ ސީރިޔެކް އޯތޮޑޮކްސް އާޗްޑަޔޯސީސް އޮފް އަލެއްޕޯ އިންވެސް އަންނަނީ ހަލަބުގެ މުސްލިމުންނަށް ރޯދަ މަހުގެ ކޮންމެ ދުވަހަކުވެސް ހާރާއި ރޯދަވީއްލުމަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށްދެމުންނެވެ. މި ފަރާތްތަކުން ކާބޯތަކެތި ފޯރުކޮށްދެމުން ގެންދަނީ ގިނަ އަދަދެއްގެ ކްރިސްޓިއަނުން ދިރިއުޅޭ ސުލޭމާނިއްޔާ އަވަށުގައި އުޅޭ ހާލުގައި ޖެހިފައިވާ މުސްލިމުންނަށެވެ. ކްރިސްޓިއަން އާއިލާތަކުން ތައްޔާރުކޮށްފައިވާ ކެއުންތައް ބަހަމުން ގެންދަނީ ދަ ކެތީޑްރަލް އޮފް ސެއިންޓް އެފްރެމް ދަ ސީރިޔަން ފައްޅި މެދުވެރިކޮށް އެއްވެސް އަގެއް ނެގުމެއް ނެތި އެވެ.
ސީރިޔާގެ ހަނގުރާމައިގައި ބައްޝާރަށް ތާއީދުކޮށް އަމަލީ ގޮތުން އެކަމުގައި ބައިވެރިވަމުންދާ ދެގައުމަކީ ރަޝިޔާއާއި އީރާނެވެ. އެ ދެގައުމުން ކުރެ ގައުމެއް އިދިކޮޅު ފަރާތްތަކަށް ބާރުލިބޭ ހައްލެއް ސީރިޔާއަށް ގެންނަން ބޭނުން ނުވެއެވެ. އެ ދެގައުމުގެ ވެސް ސިޔާސަތަކީ ބައްޝާރުލް އަސަދުގެ ބާރު ސީރިޔާގައި ދެމި އޮތުމެވެ. އަމިއްލަ މަސްލަަހަތު އެކަމުގައި އެކުލެވޭތީއެވެ. ބައްޝާރުގެ ވެރިިކަން ހިނގައްޖެނަމަ މެދުއިރުމަތީގައި އޮތް ރަޝިޔާގެ އެންމެ ބޮޑު ބައިވެރިޔާ ރަޝިޔާއަށް ގެއްލުނީއެވެ. އީރާނުގެ ފުރިހަމަ ތާއީދާއެކު ހިނގާ ޝީޢީ ވެރިކަމެއް ނެތިގެން ގޮސް، އެެމެރިކާއަށް ތާއީދުކުރާ ސުންނީ ސަރުކާރެއް ސީރިޔާގައި އުފެދޭނެއެވެ. އެހެންކަމުންވެސް މި ދެގައުމުގެ ހައްލަކީވެސް ސީރިޔާއަށް އިންސާފުވެރި ހައްލަކަށް ނުވެއެވެ.
ސީރިޔާގައި ބަސްކިޔާ އެންމެ ބޮޑު ބާރަކީ އެެމެރިިކާއެވެ. އެމެރިކާ ސިފައިން އިރާގަށް އަަރާފައި ފޭބި ފަހުން އިރާގު އޮތް ހާލަތު އޮތީ ފެންނާށެވެ. އިރާގުގެ ކުރުދީންނަށް ދާޚިލީ މިނިވަންކަމުގެ ހުވަފެން ދައްކައިގެން، އެމީހުންނާ އިރާގު ސަރުކާރާ މައްސަލަ އުފެއްދިއެވެ. ސީރިޔާގައި އިރާގަށްވުރެ ކުރުދީން މަދު ނަމަވެސް ސީރިޔާގައިވެސް އެމެރިކާގެ ސިޔާސަތަކީ އެއީ ކަމަށް ބެލެވެއެވެ.
ހަލަބަކީ ސީރިޔާގެ އެންމެ ބޮޑު ރަށެވެ. ހަނގުރާމައިގެ ކުރިން 2.3 މިލިއަން މީހުން ހަލަބުގައި އުޅެމުންދިޔަ ނަމަވެސް މިހާރު އެރަށުގައި އުޅެނީ ގާތްގަނޑަކަށް އެއް މިލިއަން މީހުންނެވެ. މިހާތަނަށް ސީރިޔާގެ އަހުލީ ހަނގުރާމައިގައި 270،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު 4.6 މިލިއަނަށް ވުރެ ގިނަ ސީރިޔާ ރައްޔިތުން ވަނީ ރެފިއުޖީންގެ ގޮތުގައި ސީރިޔާ ދޫކޮށް ހިޖުރަކޮށްފަ އެވެ. ހަމައެއާއެކު އިތުރު އަށް މިލިއަން މީހުން ހާލުގައިޖެހިފައިވާ ކަމަށް މުރާސިލުން ބުނެ އެވެ.
ކަންމިހެން ހުރިއިރު، އަޅުގަނޑުމެންގެ ފަރާތުން ދެވޭ ކުޑަ ކުޑަ އެހީއަކީވެސް، ސީރިޔާގައި ތިބި އަޅުގަނޑުމެންގެ އަޚުންނާއި އުޚުތުންނަށް ވަރަށް ވެސް ބޮޑު މިންވަރެކެވެ. އެ ތުއްތު ކުދިންގެ މޫނުމައްޗަށް ހިނިތުންވުން ގެނުވާނެ އަގު ބޮޑު ހަދިޔާއެކެވެ. އެއީ މި ބަަރަކާތްތެރި ރަމަޟާން މަހު އަޅުގަނޑުމެންނަށް ވެވޭ ޟަދަޤާތެކެވެ. ﷲ ގެ ހަޟުރަތުން އެކަމުގެ ޘަވާބާ ދަތުމަ ލިބެނިވި ހެޔޮ ޢަމަލެވެ.
ދިވެހިންނަކީ ތިފަދަ ކަންކަމުގައި މީގެ ކުރިން ވަރަށް ރިވެތި ނަމޫނާތައް ދައްކާފައިވާ ބައެއް. ގައުމު ކިތަންމެ ކުޑަޔަސް ދުނިޔޭގެ އެކި ކަންކޮޅުތަކުގަ އަނިޔާލިބޭ މުސްލިމުންނަށް އެހީވާ އެ މުސްލިމުން ދެކެ ލޯބިވާ އޯގާތެރި ބައެއް. ނަމަވެސް މިއަދު ބަޔަކު މީހުން އެމަންޒަރު އެބަ ބަދަލުކޮށްލުވާ... ޚަބަރުތަކުގަވެސް މި ވާހަކަތައް ނުގެނެސްދޭ މަދުބަޔަކު ނޫނީ... އަދި ކައިރީގައިވާ ގައުމުތަކަށް ގޮސް ދިވެހިންނަކީ ސުންޕާއެއްކަމަށް ސިފަކޮށްދޭން
ވަރައް ދެރަވޭ... އެކުދިން އުޅޭހާލުފެނިފަ..
އެއްކޮޅުން ގޮސް ޖިހާދު. އަނެއްކޮޅުން އެހީ. ދިވެހީން ވަރެއް ނެތް
.އެހީގެ ގޮތުގާ ދެވޭ ކުޑަ މިންވަރަކީވެސް އޭގަ ގިނަގުނަ ސަވާބު ލިބިގެންދާކަމެއް.
އެމެރިކާއަށް ތާއީދު ކުރާއޭ؟ އެމެރިކާއަށް ތާއީދުކުރާ ބަޔަކަށް ވެރިކަމަށް އާދެވިގެން ނުވާނެ.
ދިވެހީންނަށް މިހެން އެހީ މިދެވެނީ ރާއްޖޭގައި ޓުވަރިޒަމް އޮންނާތީ. އެމެރިކާ ޑޮލަރު ޔޫރަޕްގެ ފައިސާ ލިބޭތީ. އެއްކޮޅުން ރާއްޖޭގެ ޓުވަރިޒަމް ހުއްޓުވާ ނުލެވިގެން ލޮލަށް ނިދިނައިސްގެ އުޅޭ ބައިގަނޑެއްވެސް ރެޔާ ދުވާލު އެކަންތައް އެކި ގޮތްގޮތުން ރާވަމުން އެބަދޭ. ހަމަ ވިސްނުން ނުހުންނަ ބަޔަކުވެސް ރާއްޖޭގައި އެބަ އުޅޭ.