"މިއީ އަހަރުމެންގެ ނަސީބު، ދަރިފުޅަށްޓަކައި ކޮންމެ ކަމެއް ކުރަންވެސް މިހިރީ ތައްޔާރަށް" ނުވަ މަހުގެ ޔޫނުސް ލަޔަކް ފަރާހު ވަހީދުގެ މަންމަ ހައްވާ އުލާ އިބްރާހިމް 30، ވާހަކަ ފެށީ މި ހިސާބުންނެވެ.

ލަޔަކް، އަކީ އުފަންވީއިރު ހެލްކުއިން އައިޗްތިއޯސިސް ޖެނެޓިކް ޑިސްއޯޑާ ހުންނަ ކުއްޖެކެވެ.

ހެލްކުއިން އައިޗްތިއޯސިސް އަކީ ވަރަށް މަދުން ނޫނީ ނުފެންނަ ޖެނެޓިކް ސްކިން ޑިސްއޯޑާ އެކެވެ. މި ބަލީގައި އުފަންވާ ކުދިންގެ ހަމުގެ ބޭރުގައި ހުންނަނީ ބޯ ހަންތަކެއް ލެވިފައެވެ.

މިކަންކަމުގެ ސަބަބުން ކުއްޖާގެ ލޮލުގެ އެސްފިޔަތަކާއި، ނޭފަތާއި، އަނގައާއި، ކަންފަތް އަދި ކަންފަތްތަކުގެ ބައްޓަންތަކަށް އަސަރުކޮށް ދެފައިގެ މޫވްމަންޓް ލިމިޓް ކުރެވެއެވެ. ބޮލުގައި ރިހުން މަނާކުރުމުން ނޭވާލުމުގައި ދަތިތަކެއް ކުރިމަތިވެއެވެ. މީގެ އެގާރަ އަހަރު ކުރިންވެސް އުލާއަށް ލިބުނު ފުރަތަމަ ދަރިފުޅަކީވެސް މި ޑިސްއޯޑާ ހުރި ކުއްޖެކެވެ. އެކަމަކު ވިހެއިތާ ހަ މަސް ތެރޭގައި އެ ކުއްޖާ ނިޔާވިއެވެ.

ލަޔަކްއާ އެކު މި ވަގުތު އުލާގެ ތިބީ ދެ ކުދިންނެވެ. އުލާ ކިޔައިދިން ގޮތުންގައި އެ ޑިސްއޯޑާ ހުންނަ ދެވަނަ ކުއްޖަކު ލިބުމުގެ ފުރުސަތުވެސް އޮންނަ އެނގުނީ ލަޔަކް އުފަންވި ފަހުން ކަމަށެވެ. ދަރިފުޅު އުފަންވި ދުވަހުން ފަށައިގެން ކުއްޖާގެ މަންމައާ ބައްޕަ ގެންދަނީ އޭނާއަށް ފަރުވާކުރުމުގެ މަސައްކަތުގައެވެ. މިއީ އެހާ އާންމު ބައްޔަކަށް ނުވާތީވެ ރާއްޖޭގެ ޑޮކްޓަރުންނަށްވެސް ބައްޔާ ބެހޭ ގޮތުން މާ ގިނަ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެކަމަކު އާސަންދައިން މިހާރުވެސް އެހީތެރިކަން ލިބެމުންދާ ކަމަށް އުލާ ބުންޏެވެ.

ކުއްޖާގެ މައިންބަފައިން ބޭނުންވަނީ ވީހާވެސް އަވަހަކަށް ބޭރަށް ގޮސްގެން ދަރިފުޅަށް ދެވެން ހުރި ފަރުވާއެއް ދިނުމަށެވެ.

ލަޔަކްއަށް ހަތް މަހުގައި ނަގާފައިވާ ފޮޓޯއެއް

"މިހާރު މަސައްކަތްކުރަނީ ބަރުދަން އިތުރުކުރަން. ކަންފަތުގައިވެސްހުރި ހަންތަކަށް ފަރުވާ ހޯދަން" އުލާ ބުންޏެވެ.

ލަޔަކް އެންމެ ތުއްތުއިރު ކާންދޭއިރު ހޮޑުލަވާތީވެ މިހާރު ކާންދެނީ ސިރިންޖެއް މެދުވެރިކޮށެވެ. ދަރިފުޅުގެ ވިހެއި ދުވަހުގެ ފޮޓޯއެއް "ވަގުތު" އާ ހިއްސާކުރުމަށް ފަހު އުލާ ބުނީ އެންމެ ތުއްތުއިރާ މިހާރާ އަޅައިބަލާއިރު، ވަރަށް ބޮޑަށް ބޭސް އުގުޅަމުންގޮސް ހަންތަކަށް ކޮންމެވެސް ވަރަކަށް ބަދަލު އައިސްފައިވާ ކަމަށެވެ.

"މިހާރު ބޮޑަށް ހަންތައް އަރާފައި ހުންނަނީ މޫނުގައި" އޭނާ ބުންޏެވެ.

ކުއްޖާއަށް ފަރުވާދޭން އާއިލާއިން ތައްޔާރުވަމުން ދަނީ ތައިލެންޑްގެ ބެންކޮކަށް ދިޔުމަށެވެ. ކަންފަތުގެ އަޑުއިވުމުގައިވެސް ދަރިފުޅުގެ އެއްވެސް މައްސަލައެއް ނެތްކަމަށް އޭނާ ބުންޏެވެ. އަދި ރަނގަޅަށް ވާހަކަ ދެއްކޭނެ ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ.

ލަޔަކް އުފަންވި ދުވަހުން ފެށިގެން އުލާގެ އާއިލާއިންނާ ރައްޓެހިންގެ ފަރާތުން އުލާއަށް ވަރަށް ބޮޑަށް އެއްބާރުލުން ލިބެއެވެ. އެ މީހުން ދިޔައީ ކުއްޖާއަށް އަޅާލަމުންނެވެ. އެކަމަކު ބޮޑަށް އެ ކުއްޖާ ގެންގުޅެމުން އައީ ގޭތެރޭގައެވެ. ނަމަވެސް އެހެން ކުދިންނެކޭ އެއްފަދައިން ލައިކްވެސް ބޭރަށް ނެރެން ބޭނުންވާތިވެ އެ ކުއްޖާގެ ފޮޓޯ މީސްމީޑިއާގައި ހިއްސާކޮށް އުލާވެސް ބޭނުންވީ ދަރިފުޅުގެ ހާލަތު އެންމެންނަށް ބަޔާންކޮށްދޭށެވެ.

ލަޔަކް އޭނާގެ ބައްޕައާ އެކުގައި.

"ފޮޓޯ ހިއްސާކުރީ ދަރިފުޅު ބޭރަށް ނެރެން ބޭނުންވާތީވެ" އޭނާ ކިޔައިދިނެވެ.

ފޭސްބުކްގައި އެ ކުއްޖާގެ ފޮޓޯ ހިއްސާކޮށް އެހީއަށް އެދުމުން 12 ގަޑިއިރުގެ ތެރޭގައި އެކި ފަރާތްތަކުގެ އެހީއާ އެކު މިހާތަނަށް ތިން ލައްކައެއްހާ ރުފިޔާ ވަނީ ލިބިފައެވެ.

"ވަރަށް ބޮޑު އުފުލެއް މިއީ. ވަރަށް އުފާވޭ އެންމެންގެ ފަރާތުން ލިބުނު އެހީއަށް" އުލާ ބުންޏެވެ.

އުލާ ބުނީ ކުއްޖާއަށް ދެވޭނެ އެއްވެސް ފަރުވާއެއް އެނގޭނީ ހޮސްޕިޓަލަށް ދިޔުމުން ކަމަށެވެ. އުލާ ކިޔައިދިން ގޮތުގައި ދަރިފުޅުއާ މެދު ވަކި ތަފާތުގޮތެއް އެއްވެސް ބަޔަކު ނުގެންގުޅޭނެ ކަމުގެ ވަރަށް އުއްމީދު އެބައޮތް ކަމަށެވެ.

ލަޔަކް އާއި އޭނާގެ މަންމަ އަދި ލަޔަކްގެ ބޭބެ.

"އެންމެން ވަރަށް ލޯބިވެ ދަރިފުޅު ދެކެ. އެއްވެސް ތަފާތު ކުރުމެއް ނުބާއްވާނެ" އުލާ ބުންޏެވެ.

މި ބަލި ހުންނަ އެހެން ގައުމަތުކުގެ ކުދިންގެ އާއިލާ މީހުންނާ އުލާ ދަނީ އެފްބީގައި ހަދާފައި ހުންނަ ގްރޫޕެއް މެދުވެރިކޮށް ވާހަކަ ދައްކަމުންނެވެ. އެމީހުން ބުނި ގޮތުގައި މި ވަގުތަށް އޮތް އެންމެ ރަނގަޅު ހައްލަކީ ހަންގަނޑުގައި ކްރީމް އުނގުޅުމެވެ. އަދި ވީހާވެސް ބޮޑަކަށް ދަރިފުޅު ފެނު ތެރޭގައި ބަހައްޓައިން ހަންގަނޑު މަޑުކުރުމެވެ.

އުލާގެ އެކައުންޓު ނަންބަރު: 7730000205317

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖާދޫ

    އިންޝާﷲ، އިރާދަފުޅު ކުރެއްވިއްޔާ މާތްﷲ ދެރަގޮތެއް މެދުވެރިނުކުރައްވާނެ

    177
  2. ކިޔު

    އަޅޭ..ދެރަވެގެން ގޮސް ރޮވިއްޖެ.ހިތްދަތިވޭ ތިފޮޓޯތަކަށް ބަލަންވެސް..މާތްﷲ އަޅުތަކުން އިމްތިޙާން ކުރައްވަނީ އެކި ގޮތްތަށް..ތި ކުޑަ ކުޑަ ލޯބި ކުއްޖާފުޅަށް އަވަސް ޝިފާއެއް މެދުވެރި ކުރައްވާށި..އަދި އާއިލާއަށް ކެތްތެރިކަން ދެއްވާށި.އާމީން

    187
    1
  3. ދަދަދަދަދަ

    ބޭބީ އަށް އަވަސް ށިފާ އަކަށް އެދެން

    106
  4. ވެރިން

    މައުލޫމާތު ސާފުކޮއްލަން ގުޅޭނެ ނަމްބަރެއް އޮތްނަމަ ދޯ، ބޭބީއަށް އަވަސް ޝިފާއެއް ދެއްވާ ދެއެވެ.

    32
  5. ކައިޔާ

    މާބަނޑު އިރު ގިނަގިނައިން ﷲ މަތިން ހަނދުމަކޮށް އެކަލާނގެ ނަހީ ކުރެއްވި އެންމެހާ ކަންތަކުން ދުރުވެ ހާއްސަކޮށް ޢައިރު މުސްލިމުންގެ ސަގާފަތާ އެއްގޮތް ކަންކަުން ދުރުވެ ޒިކުރު ކޮށް ދަރިފުޅު ރަނގަޅު ސިއްހަތެއްގަ ލައްވާތޯ ދުއާކޮށް ގުރުއާން ކިޔެވުން ގިނަ ކުރުމަށް ހުރިހާ ކަނބަލުންނަށް ހަނދުމަ ކޮށްދެން...ﷲ ކުޑަކުޑަ ފުރާނައަށް ހެޔޮ ރަހުމަތްލައްވާ އަވަސް ޝިފާ އެއް މިންވަރު ކުރައްވާށި

    49
    3
  6. ވައިކިންގ

    އަޅުގަޑުގެ ހެޔޮ ދުޢާ ތިޔަ ދަރިފުޅާއެކުގައިވޭ. އިންޝާ ﷲ.

    51
  7. ހަނާ

    އަވަސް ށިފާދެއްވަށިއެވެ.

    14