ޣައްޒާގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޔަހޫދީން ދިން ވައިގެ ހަމަލާއެއްގައި އުތުރު ޣައްޒާގެ ޖަބަލިއާ ގައި ހުންނަ ތާރީހީ މިސްކިތެއް ކަމަށްވާ އަލް އުމަރީ މިސްކިތް ވަނީ ބިމާއި ހަމަ ކޮށްލާފައެވެ.

މި ތާރީހީ މިސްކިތަކީ ފަލަސްތީނުގެ ތިން ވަނަ އަށް އެންމެ ބޮޑު މިސްކިތެވެ. އަދި މިއީ ޣައްޒާގެ އެންމެ ދުވަސްވީ މިސްކިތް ކަމުގައިވެސް ބުނެވެއެވެ.

އެންމެ ފުރަތަމަ މުޝްރިކުންގެ ފައްޅިއެއް އަދި އެއަށްފަހު ބިޒެންޓީން ވެރިކަމުގައި ނަސޯރާއިންގެ ފައްޅިއެއްގެ ގޮތުގައި ހުރި މި ތަން މިސްކިތަކަށް ބަދަލު ކުރެވިފައިވަނީ މީލާދީ ގޮތުން 6 ވަނަ ޤަރުނުގައި މުސްލިމުންގެ ވަރުގަދަ ފަތޫހާތުގެ ތެރެއިން ޚަލީފާ އުމަރު ބިން ޚައްޠާބު ގެ ހިލާފަތުގައި، ހިތްވަރު ގަދަ މުސްލިމް ލީޑަރު އަމްރު އިބްނި އަލް އާސް ޣައްޒާ ފަތަހަ ކުރުމަށް ފަހުގައެވެ. އަދި އެއަށްފަހު ބިޒެންޓީން ފައްޅީގެ ބާކީ ހުރި ބައިތަކުގެ މަތިން މިސްކިތެއް ބިނާކޮށް، މިސްކިތަށް ނަން ދެވިފައިވަނީ މުސްލިމުންގެ ދެވަނަ ހަލީފާ އުމަރުގެފާނުގެ ނަމާއި ގުޅުވައިގެންނެވެ.

ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި ރޯމަނުންނާއި ގްރީކުން އެ ސަރަހައްދުގައި ވެރިކަން ކުރި އިރު، އެއީ އެމީހުންގެ ކަލާނގެއަށް އަޅުކަން ކުރުމަށް ފައްޅިއެއް ހުރި ތަނެކެވެ. އެތަން ފުރަތަމަ އިމާރާތް ކުރެވުނީ ރޯމަން ރަސްގެފާނު ހެޑްރިއަން ގެ ވެރިކަމުގައެވެ. ރޫމީންގެ މި މަޝްހޫރު ރަސްގެފާނަކީ އިސްތަންބޫލުގެ ވަރުގަދަ ދިފާއީ ފާރުތައް ވެސް ބިނާ ކުރި ރަސްގެފާނެވެ. އެއީ ރޯމަނުން އޭރު ވެރިކަން ކުރަމުން ދިޔައީ އިސްތަންބޫލް ސަހަރުގައެވެ. ނަމަވެސް އުސްމާނީ ހިލާފަތުން އިސްލާމީ އުންމަތަށް އުފަންވި ވަރުގަދަ ސުލްތާން މުހައްމަދު ދެވަނަ ވަނީ މީލާދީ ގޮތުން 14 ވަނަ ޤަރުނުގައި މި ފާރުތައް ފޫއަޅުވާލާ މުސްލިމުންގެ ދިދަ އިސްތަންބޫލުގައި ވިހުރުވާލާފައެވެ.

19 ވަނަ ގަރުނުގެ ތެރޭގައި އުމަރީ މިސްކިތް

ރޫމީންގެ އަޅުކަން ކުރާ ކިއްލާއެއްގެ ގޮތުގައި އެތަން އެތަކެއް ޒަމާނެއް ވަންދެން ހުރުމަށްފަހު އެތަން ނަސޯރާއިންގެ ފައްޅިއަކަށް ބަދަލު ކުރެވުނީ އީސާގެފާނު ދުނިޔެއަށް އުފަންވިފަހުން 406 ވަނަ އަހަރު އެވެ. އަދި އެއަށް ފަހު މިސްކިތަކަށް ބަދަލު ކުރެވުނީ 634 ވަނަ އަހަރު ކަމަށް ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވެއެވެ.

ތާރީހު ދިރާސާ ކުރާ ފަރާތްތަކުން ވިދާޅުވާ ގޮތުގައި މި މިސްކިތަކީ މުސްލިމުން ޣައްޒާ ފަތަހަ ކުރުމަށްފަހު ޣައްޒާގައި ހުކުރު ނަމާދު ކުރުމުގެ ޝަރަފް ލިބިގެންދިޔަ ފުރަތަމަ މިސްކިތެވެ.

އެ މިސްކިތް ބިނާ ކުރެވުނު ފަހުންވެސް މިއަދާއި ހަމައަށް އެތަނަށް ބޮޑެތި ބަދަލުތަކެއް އައެވެ.

އެގޮތުން މުޅި އިސްލާމީ އުންމަތް ސިއްސުވާލި ކްރުސޭޑް ތަކުގެ ތެރޭގައި 1149 ވަނަ އަހަރު އެތަން ވަނީ އަނެއްކާވެސް ނަސޯރާއިންގެ ފައްޅިއަކަށް ބަދަލު ކޮށްފައެވެ. އެއީ ނަސޯރާއިން ފަލަސްތީނުގެ މުޤައްދަސް ބިން ހިފުމާއި ގުޅިގެންނެވެ. ނަމަވެސް އިސްލާމުންގެ ވަރުގަދަ ސިންގާ ސަލާހުއްދީން އައްޔޫބީގެ ހިތްވަރުން ޖުރޫސިލަމް އަބުރާ މުސްލިމުން ފަތަހް ކުރެވިގެން ދިޔުމާއި އެކު އަނެއްކާވެސް 1192 ވަނަ އަހަރު އެތަން މިސްކިތަކަށް ބަދަލު ކުރެވުނެވެ.

އެ މިސްކިތް ފުޅާ ކޮށްފައިވަނީ އިސްލާމީ އުންމަތުގެ އެންމެ ފަހު ހިލާފަތް ކަމަށްވާ އުސްމާނީންގެ ވެރިކަމުގައި މަމްލޫކް ސުލްތާން ނާސިރު މުހައްމަދުގެ ވެރިކަމުގައެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިސްކިތުގެ ބޮޑު ބައެއް ވަނީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި ސުންނާފަތި ވެފައެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ މިސްކިތުގައި ސަންގު މަރުމަރު ހިލައިން ހަދާފައިވާ 38 ކޮލަމް ހުރެއެވެ.

ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި އިނގިރޭސީން މިސްކިތަށް ބޮން އަޅާފައި

އެ މިސްކިތުގެ އެންމެ ފާހަގަ ކޮށްލެވޭ އެއްބަޔަކީ މިސްކިތުގެ މުންނާރު ކަމަށް ބުނެވެއެވެ. އެ މުންނާރުން މަމްލޫކުންގެ އިމާރާތްކުރުމުގެ ފާޑުވެރިކަން ފެނިގެންދެއެވެ.

ކުރިން މި މިސްކިތުގައި މުއްސަނދި ލައިބްރަރީ އެއްވެސް ހުއްޓެވެ. އެތަން ބިނާ ކުރެވުނީ މަމްލޫކުންގެ ވެރިކަމުގައެވެ. ނަމަވެސް ކްރުސޭޑް ތަކާއި، ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައި އެތަންވެސް ހަލާކުވީއެވެ.

މިއަދު އެތަނުގައި ހުރީ ހަލާކު ނުވެ، އަދި މީހުން ލޫޓުވާނުލާ ބާކީ ހުރި ފޮތްތަކާއި ލިޔުންތަކެވެ.

މިއަދު ޔަހޫދީންގެ ހަމަލާތަކުގައި މި ތާރީހީ މިސްކިތް މި ވަނީ ސުންނާފަތި ވެފައެވެ މުސްލިމުން އަތުން އަގުނުކުރެވޭ ތާރީހީ ތަރިކައެއް ގެއްލިގެން ދިޔައީއެވެ. މިސްކިތް ތަކަކީ މާތް ﷲ މި ބިން މަތީގައި މަތިވެރިކުރައްވާފައިވާ ތަންތަނެވެ. އަޅުކަން ކުރާ ތަންތަނަށް ހަމަލާ ދިނުމަކީ ވަރަށް ގޮތެއް ނެތް ބަޔަކު ކުރާނެކަމެކެވެ. ކިތަންމެ ދެރަ ވިޔަސް ހައިރާނެއް ނުވެއެވެ. ސަބަބަކީ މި ހަމަލާ ދިނީ ޔަހޫދީ ނަޖިސް ދައުލަތުންނެވެ. އެއްވެސް އިންސާނިއްޔަތެއް ނެތި މުސްލިމުން މަރާ މުސްލިމް ޖީލު ނެތި ކޮއްލަން މަސައްކަތްކުރާ ނުބައި ނުލަފާ ދައުލަތެވެ.