"އަހަރެންގެ ކޮއްކޮ ވަޅުލިއިރު ބޮލެއް ނެތް، ކޮއްކޮ ބޯ އަދިވެސް ވަނީ ވެއްޓިފައިވާ އިމާރާތުގެ ދަށުގައި." މިއީ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންގެ އަނިޔާވެރި އަމަލުތައް ތަހައްމަލު ކުރަމުންދާ ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަވެދް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ވާހަކައެކެވެ.

މިއީ ހަމައެކަނި އަވެދްގެ އާއިލާއިން ތަހައްމަލް ކުރަމުންދާ ކަމެއް ނޫނެވެ. މިއީ މި ވަގުތު ފަލަސްތީނުގައި ދިރިއުޅެމުންދާ މުސްލިމް އެތައް އަހުންނާއި އުހުތުންގެ އާއިލާއަކުން ތަހައްމަލު ކުރަން ޖެހިފައިވާ ހިތާމަވެރި ހާލަތެކެވެ.

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ޔަހޫދީންނާއި ފަލަސްތީން ރައްޔިތުންގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާއަތުގެ މުޖާހިދުންނާ ދެމެދު މިހާރު ހިނގަމުން އަންނަ ހަނގުރާމައަށް މިއަދަށް 22 ދުވަސްވެފައިވާއިރު ޔަހޫދީން އަންނަނީ ހަމަލާތައް ވަރުގަދަކުރަމުންނެވެ. އެތަނުގައި ދިރިއުޅެމުންދާ އަޅުގަނޑުމެންގެ މުސްލިމު އަހުންނާއި އުހުތުން ފަލަސްތީނުގެ އެ މަތިވެރި ބިމުން ނައްތާލުމުގެ އަޒުމުގައެވެ.

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާގައި ލިބިފައިވާ ގެއްލުމުގެ ޒައްރެއް

މި މަހުގެ ހަތްވަނަ ދުވަހު ފެށި މި ހަނގުރާމައިގެ ފުރަތަމަ ކޮޅުގައި އިސްރާއީލުން އާންމުން ދިރިއުޅޭ ގެތަކަށް ހަމަލާ ދިނުމުގެ ކުރިން ކުޑަ ބޮމެއް ވައްޓާލުމަށްފަހު އެތަނުން އަވަހަށް ނިކުމެގެން ދިއުމަށް އިންޒާރެއް ދެއެވެ. އެ އިންޒާރު ދިނުމަށް ފަހުގައި ވަކި ވަގުތު ކޮޅަކަށް ބެލުމަށް ފަހު އަނެއްކާ ވެސް ހަމަލާ ދޭން ފަށައެވެ. ނަމަވެސް މިހާރު އިސްރާއީލުން އެ މީހުންގެ ހަނގުރާމައިގެ އުކުޅު ވަނީ ބަދަލުކޮށްފައެވެ. އެއްވެސް އިންޒާރެއް ނުދީ އެ މީހުން ބޭނުން ގަޑިއަކު އިމާރާތްތަކަށް ބޮން އަޅާ ބިމާ ހަމަކޮށްލައެވެ. އެތަނުގައި ދިރިއުޅެމުންދާ މުސްލިމުންގެ ފުރާނައަށް އެއްވެސް ވަރަކަށް ނުބަލައެވެ.

އިންސާނިއްޔަތު ކަމުގެ އެއްވެސް ކުލުނެއް އެމީހުންގެ ނެތެވެ!

އެންމެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު ކުރިއަށްވުރެ ފަލަސްތީނުގެ ހާލަތު ވަނީ ދަށަށް ގޮސްފައެވެ. އިސްރާއީލުގެ ނިރުބަވެރިން ވަނީ ޣައްޒާގެ އިންޓަނެޓް ހިދުމަތް ހިމެނޭ ގޮތަށް މުއާސަލާތީ ހުރިހާ ހިދުމަތެއް ކަނޑާލައި، ޣައްޒާ ދެމުން އައި ހަމަލާތައް އިތުރަށް ވަރުގަދަ ކޮށްފައެވެ. މުވާސަލާތީ ހިދުމަތް ކަނޑާލުމާއި ގުޅިގެން ޣައްޒާގައި ތިބި އެއްވެސް ބަޔަކާއި ގުޅޭ ގޮތެއް މިހާރަކު ނެތެވެ. އެ މީހުންގެ ހާލު އެނގޭނެ ގޮތެއް ވެސް ނެތެވެ.

އިސްރާއީލުން ގައްޒާއަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން އަނިޔާވެފައިވާ ކުޑަކުއްޖެއް

ޔަހޫދީން ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކުގައި އެންމެ ބޮޑަށް އަސަރު ކޮށްފައިވަނީ އެ ގައުމުގެ ދިރިއުޅެމުންދާ ކުށެއް ނެތް ކުޑަކުދިންނަށެވެ. ފަލަސްތީނުގެ އާބާދީގެ ބޮޑު ބަޔަކީ ކުޑަ ކުދިންނެވެ. ރިޕޯޓްތަކަށް ބަލާއިރު މި މަހުގެ 26 ވަނަ ދުވަހާއި ހަމައަށް ޔަހޫދީން ދީފައިވާ ހަމަލާތަކުގައި 3000 ކުޑަ ކުއްޖަކު ވަނީ ޝަހީދުވެފައެވެ. އަދި 6000 އަށްވުރެ ގިނަ ކުދިންނަށް ވަނީ އަނިޔާވެފައެވެ. އަދި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި 940 ކުއްޖަކު ވަނީ ގެއްލިފައެވެ. ހިތެއްހުރި ކޮންމެ މީހެއްގެ ވެސް ހިތުގައި ވަނީ އެންމެ ސުވާލެކެވެ. އެ ކުދިންގެ ކުށަކީ ކޮބައިތޯއެވެ؟ އެ ކުދިންނަނީ ޔަހޫދީން އެ ބުނާ ހަމާސްތޯއެވެ؟

ފަލަސްތީނާއި ބޭރުގެ ދުނިޔާއި ގުޅުވާލަދޭ އިންޓަނެޓްގެ ހިދުމަތް މި ވަގުތު ކެނޑިފައިވީ ނަމަވެސް ޔަހޫދީންގެ ރަހުމްކުޑަ ހަމަލާތަކުގެ އެކި މަންޒަރުތައް ވަނީ ފެނިގެން ގޮސްފައެވެ. އެ މަންޒަރުތަކަކީ ހިތް ކުދި ކުދި ކޮށްލާ މަންޒަރުތަކެކެވެ. އެ މަންޒަރުތައް ފެނި ގިނަ ބައެއްގެ ލޮލުން ކަރުނަ ނުހިކޭނެކަން ޔަގީނެވެ. ތުއްތު ކުދިންގެ ފުރާނަ ނެތް މަސްގަނޑު އަތު ތެރޭގައި ބޮނޑި ކޮށްލައިގެން އެ ކުދިންގެ މައިންބަފައިން ރޯ މަންޒަރެވެ. ބޮމުގެ ހަމަލާގެ ސަބަބުން ތުއްތު ކުދިންގެ ހަށިގަނޑު އެއްކޮށް ބުރިބުރި ވެފައިވާ މަންޒަރެވެ. އިމާރާތްތަކުގެ ދަށުން ލެއިން ފޯވެފައިވާ ކުދިންގެ ހަށިގަނޑުތައް ނެރޭ މަންޒަރެވެ. އެ ކުދިންގެ ހާލަތު ތަސައްވަރުކޮށްލަން ވެސް ދަތިވާނެއެވެ. ހިޔާލަށް ވެސް ގެންނަށް އުނގޫވާނެއެވެ. ނަމަވެސް މިއީ މިއަދު ފަލަސްތީނުގައި ދިރިއުޅެމުންދާ ކުދިންގެ ހަގީގަތެވެ. ޖެހިފައިވާ ބިކަ ހާލެވެ.

އިސްރާއީލުން ގައްޒާއަށް ދީފައިވާ ހަމަލާތަކުގެ ސަބަބުން އަނިޔާވެފައިވާ ކުޑަކުދިންތަކެއް

މިފަދަ ހިތާމަވެރި އެތައް މަންޒަރުތަކާއި ވާހަކަތަކުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތެއް ކަމަށްވާ މުހައްމަދު އަވެދް ވަނީ އޭނާގެ އާއިލާއަށް ޖެހިފައިވާ ހިތާމަވެރި ވާހަކަ ހިއްސާކޮށްފައެވެ. އޭނާގެ ކުޑަ ފިރިހެން ކޮއްކޮގެ ފޮޓޯ އަކާއި އެކުގައި އޭނާ ވަނީ ޔަހޫދީންގެ ހަމަލާތަކުގެ ސަބަބުން އެ ކޮއްކޮ ދުނިޔެ ދޫކުރިއިރު އޮތް ހާލު ކިޔާދީފައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކޮއްކޮ ވަޅުލިއިރުގައި ބޮލެއް ނެތެވެ.

އަވެދް ވާހަކައަކީ ފަލަސްތީނުގައި މި ވަގުތު ތިބި އެތައް އާއިލާއެއްގެ ވާހަކައެވެ. އެތައް އާއިލާއަކުން ތަހައްމަލް ކުރަންޖެހިފައިވާ ހަގީގަތެވެ. ޔަހޫދީންގެ ހަލަމާތަކުގައި އެތައް ޅަދަރިންނެއްގެ ހަށިގަނޑު ވަނީ ހަފުސްވެ ގޮސްފައެވެ. އެތައް ކުދިންނެއް މިއަދު ވަނީ ޔަތީމްވެފައެވެ.

ޝަހީދުވެފައިވާ އާއިލާގެ މީހުންގެ ހަށިގަނޑުގައި ބައްދަ ބައްދާފަ ތުއްތު ކުދިން ރޮމުންދާ މަންޒަރުތައް މުޅި ދުނިޔއަށް ދަނީ ފެންނަމުންނެވެ. ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް އަތުރާލެވިފައިވާ ތުއްތު ކުދިން ވެސް ފެނެއެވެ. ތުއްތު ކުދިންގެ ލޭގެ ކޯރުތަކުން މުޅި ފަލަސްތީނުގެ މަގުތައް ވަނީ ފުރިފައެވެ. ނަމަވެސް ހިތާމައަކީ ދުނިޔޭގެ ބޮޑެތި ބާރުތަކުން އެކަމަށް "ކަނު ލޮލަކާއި ބީރު ކަންފަތެއް" ދެމުންދާތީއެވެ. ކުށެއް ނެތް އެ މައުސޫން ކުދިންނަށް ރައްކާތެރިކަން ދިނުމަށް އެއްވެސް ފިޔަވަޅެއް ނާޅާތީއެވެ.

މިއަދު މުސްލިމު އެތައް އުހުތުންނެއް ރޯމާ ދުވާލު އެއްވެސް ކުށެއްނެތި ޝަހީދު ކުރާ އިރު، ހިތާމައަކީ މުސްލިމް ގައުމުތަކުން ވެސް ހިމޭނުން ތިބޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެދުރުބެ

    ﷲ އަކުބަރު ﷲ އަކުބަރު ﷲ އީ ހުރިހާކަމަކަށް ކުޅަދުންވަތަ އަޅުތަކުންނަން އެންމެ އޯގާވަންތަ ފަރާތް އެކަލާންގެއަށް އީމާންވާ ފަރާތްތަކަށް މަތިންނާ ތިރިންނާ ރަހްމަތް ލައްވާ ރަސްކަލާންގެ އެމީހެއްގެ އަޖަލު ހުރިގޮތަކަށް އެމީހެއް ނިމިގެންދާނެ އެކަލާންގެ މިންވަރުކުރެއްވި ކަމެއްނޫނީ މިދުނިޔެއަކު ނުހިގާނެ